މޯލްޑިވިއަން އައިޑޮލް ދައްކަން ފެށީއްސުރެ އެންމެން އިންތިޒާރު ކުރަމުންދިޔަ ވަގުތަކީ މިއީ އެވެ. ސަބަބަކީ، އައިޑޮލްގެ ޓޮޕް 16 ނޫނީ އެންމެ ގަދަ 16 ބައިވެރިން ހޮވައި ވަކިވަކި ލަވަތަކުން ބައިވެރިންގެ ހުނަރު ފެންނަ ހިސާބަށް ވާތީ އެވެ.
ސޯލޯ ޕާފޯމެންސް ތަކަށްފަހު މޯލްޑިވިއަން އައިޑޮލްގެ ޓޮޕް 16 ރޭމިވަނީ ހޮވާފަ އެވެ. އއ. މަތިވެރި ފަޅުތެރޭގައި ވަކި ހިސާބަކަށް މޫދަށް އެރި ތިބެގެން ރޭ މިވަނީ ބައިވެރިންގެ ހުނަރު ދައްކާލާފަ އެވެ. ކުރީ ރެއާ ހިލާފަށް ލިރިކްސް ހަނދާން ނެތުންފަދަ އެއްވެސް މައްސަލައެއް ރޭގެ ޝޯގައި ބައިވެރިންނަށް ކުރިމައްޗެއް ނުވެ އެވެ. ދަތުރު ވަރުބަލިކަންވެސް ފެންނާކަށް ނެތެވެ. ބައިވެރިން އަދި ޖަޖުން ތިބީ މޫދުގައި ހިންހަމަޖެހިގެންނެވެ.
ރޭގެ ހުށަހެޅުންތައް ފައްޓާފައިވަނީ އަހްމަދު ނަބީލުގެ ހުށަހެޅުމަކުންނެވެ. ނަބީލް ރޭގައި ހުށަހަޅާއިދީފައިވަނީ "ކަލާގެ އަސަރުގަ" މި ލަވަ އެވެ. ނަބީލްވަނީ ހަމަ ރަނގަޅަށްވެސް އޭނާގެ ލަވައިގެ އަސަރުގައި ޖަޖުން ޖައްސާ ޕިއާނޯ ރައުންޑަށް ނުވަތަ ޓޮޕް 16 އަށް ދަތުރުކޮށްފަ އެވެ. ހާއްސަކޮށް ޖަޖު އައްފާން އިމްޕްރެސް ކުރަން ހަމޫދް އަހުމަދު ލަވަ ކީ ނަމަވެސް ހުރިހާ ޖަޖުންނަށްވެސް ވަނީ އޭނާގެ ލަވަ ކަމުގޮސް ޓޮޕް 16ގައި އޭނާގެ ނަން ޖަހާފަ އެވެ.
ހަސަން އިރުފާން ވެސް ވަނީ ޓޮޕް 16 އަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ނަތީޖާ އިއުލާނުކުރި ވަގުތު ޖަޖުން ވަނީ ވަރަށް ބޮޑަށް އޭނާ ބިރުގަންނަވާލާފަ އެވެ. އިރުފާން ރޭގައި ހުށަހަޅައިދީފައިވަނީ "އަންގާދޭށޭ" މި ލަވަ އެވެ. ޓޮޕް 16 އަށް ދަތުރު ކުރި އަހްމަދު ފާރަޝް ރޭގައި ހުށަހަޅައިދިނީ "ޔާރާގެ މޫނު" މި ލަވަ އެވެ.
އައިޝަތު ޖައިޝާގެ "ބޭނުމޭ އިޝްގާ" އަދި މުހައްމަދު ރައިހާންގެ "މިތުރާ" ވެސް ރޭގައި ޖަޖުން އުފާކޮށްދިނެވެ. މި ދެ ބައިވެރިންވެސް ރޭ ޓޮޕް 16 އަށް ދަތުރުކުރި އެވެ. ބަލިކޮށް އުޅެމުންވެސް އަހްމަދު މާއިޝްވަނީ ރޭގައި އޭނާގެ ހުނަރު ދައްކާލާފަ އެވެ. އެހެންކަމުން މާއިޝްގެ ނަންވެސް ޓޮޕް 16 ގައި ވަނީ ހިމަނާފަ އެވެ.
ޓޮޕް 16 ރޭގައި ޖާގަ ހޯދި އަނެއް ބައިވެރިއަކީ މުހައްމަދު ހަމްދާން އެވެ. އަބްދުﷲ ހިޝާން ވެސް ޓޮޕް 16 އަށް ހޮވުނެވެ. އެއީި "އެދި ހުރި ކަމަކުން ބީވުމުން ގިސްލާ ރޮވޭނެ" މި ލަވަ ކިޔާ ޖަޖުން ޖަޒުބާތުގައި ޖައްސައިގެންނެއް ނޫނެވެ. ހަމަ އޭނާގެ ހުނަރު ދައްކާލައިގެންނެވެ.
"ކަޅި ރަވައެއްގައި ވާ ޖާދޫ" އާ އެކު އަހްމަދު ސައްޔާހުވަނީ އޭނާގެ ލަވައިގެ ޖާދޫގައި ޖަޖުން ރަނގަޅަށް ޖައްސާ ޓޮޕް 16 އިން ޖާގަ ކަށަވަރުކޮށްފަ އެވެ. އަދި ޝަޒާ އަބްދުﷲ ރަޝީދުވެސް ވަނީ ޓޮޕް 16 އިން ޖާގަކަށަވަރުކޮށްފަ އެވެ.
ހުސެން ސަމާހް، ޝަނީޒާ ޝަރީފް އަދި މުހައްމަދު ތަސްނީމް ވެސް ރޭގައި ވަނީ ޓޮޕް 16 އަށް ދަތުރުކޮށްފަ އެވެ. މީގެ އިތުުރުން ޝަމްވީލް މުހައްމަދު އަދި އިބްރާހީމް ވަހީދުވެސް ވަނީ ޓޮޕް 16 ގައި ނަން ހިމަނާފަ އެވެ.
ޖަޖުން އިމްޕްރެސް ކޮށްލަން އައިޝަތު އަޒަލް ރޭގައި ރޮކް ލަވައެއް ކީ ނަމަވެސް އޭނާއަށް އެކަން ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. އަޒަލްވަނީ ރޭގައި މުބާރާތާއި ވަކިވެފަ އެވެ. ރޭ މުހައްމަދު އިބްރާހީމް ހުށަހަޅައިދިން "ޖިސްމު ނެތިގެން ގޮސް ހަފުސް" އާ އެކު އޭނާވެސް ވަނީ މުބާރާތުން "ހަފުސްވެ" ވަކިވެގެން އެނބުރި ދާން ޖެހިފަ އެވެ.
އަހްމަދު ސަމާހް އަދި އައިޝަތު އަލްޔާއަކަށްވެސް ރޭގައި ޖަޖުންގެ އެކްސްޕެކްޓޭޝަން އަކާއި ހަމައަށް ރޭގައި ލަވައެއް ނުކިޔުނެވެ. އަލްޔާ ރޭގައި ކީ "ރޮއްވާފައި ލޯބިވާ" އިން ރަނގަޅަށްވެސް އަލްޔާ ރޮއްވާލީ އެވެ. ނާއިލް ޝަރީފް އަދި ނިޝްފާ މުސްތަފާއަށްވެސް ޖެހުނީ މުބާރާތާއި ވަކިވެގެން ދާށެވެ. ރޭގައި މުބާރާތާއި ވަކިވެގެން ދިޔަ އަނެއް ދެ ބައިވެރިންނަކީ ހުސެން އައުޝަމް އަދި އިބްރާހީމް ޝަމީލް އެވެ. އައުޝަމް ރޭގައި ހުށަހަޅައިދިން "ރީތިކަން" ޖަޖުންނަށް ރީއްޗެއް ނުވި އެވެ.
ޓޮޕް 16 އަށް ރޭގައި ހޮވާފައި މިތިބި ބައިވެރިންގެ ތެރެއިން މޮޅީ މިވެނި ކުއްޖެކޭ ބުނަން އުނދަގުވާހާ ހުރިހާ ބައިވެރިންވެސް މޮޅުކަން ފާހަގަކޮށްލެވެ އެވެ. ފެވަރިޓެއް ނުހޮވޭ އެތައް ބަޔަކު އަދިވެސް އެބަތިއްބެވެ.
ކުރިއަށް ދެން އޮތީ ޕިއާނޯ ރައުންޑެވެ. މި ބުރުގައި ގްރޫޕްކޮށް އަދި ސޯލޯކޮށް ބައިވެރިން ލަވަ ކިޔާނެ އެވެ. މިފަހަރު ބައިވެރިން ލަވަ ކިޔާނީ މާލޭގަ އެވެ. މިއީ އެންމެ ޓަފް އިމްތިހާނަށް ވާނެ އެވެ.