ހަބަރު

އަރަބި ބަސް ދަސްކޮށްދޭން އައިޔޫއެމް އިން ހާއްސަ ޕްރޮގްރާމްތަކެއް ފަށަނީ

ތަފާތު ފަސް ދާއިރާއަކުން އަރަބި ބަސް ކިޔަވައިދޭ ޕްރޮގްރާމްތަކެއް ރާއްޖޭގައި ހިންގަން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މަސައްކަތް ފަށައިފި އެވެ.

މިހާރު ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ ގޮތްތަކާ މުޅިން ތަފާތުކޮށް، ދިވެހިންގެ އަމިއްލަ މުގައްރަރެ ތައްޔާރުކޮށް، ދިވެހިންގެ ވަޒީފާގެ ބާޒާރުގެ އެކި ދާއިރާތަކާއި ގުޅުވައިގެން ކިޔަވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަރަބި ބަހުގެ އެ ޕްރޮގްރާމް އައިޔޫއެމް އިން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖަނުއަރީ މަހު އެވެ. އެއީ ޑިޕްލޮމާ ލެވެލްގެ ޕްރޮގްރާމްތަކެކެވެ.

އައިޔޫއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަރަބި ބަހަށް ދިވެހިން ފަރިތަކުރުމަށް ފަށައިގަންނަ ޕްރޮގްރާމަކީ އަރަބި ބަސް ކިޔަވައިދޭ ބޭރުގެ ޔުނިވަސިޓީތަކުންވެސް މިހާތަނަށް ނުހިންގާ ވަރުގެ ބޮޑު ޕްރޮގްރާމެއް ކަމަށެވެ. ދިވެހިންނަށް ދިވެހިންގެ ދިރިއުޅުމާ ގުޅުވައިގެން އަރަބި ކިޔަވައިދޭން ފަށާފައިވާ މަސައްކަތަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ޒަމާނީ ފެންވަރަށް ފަރުމާކުރާ ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ މުގައްރަރުތައް ބިނާވެގެންވަނީ ވާހަކަ ދެއްކުމުގެ ހުނަރާއި އަދު އެހުމުގެ ހުނަރާއި، ލިޔުމާއި ކިޔުމުގެ ހުނަރު ދަސްކޮށްދޭ ގޮތަށް. މިއީ އިނގިރޭސި ބަސް ކިޔަވައިދދިނުމަށް ބްރިޓިޝް ކައުންސިލުން އެކުލަވާފައިވާ ކޮންސެޕްޓަށް އަރަބި ކިޔަވައިދޭން ތައްޔާރު ކުރާ ޕްރޮގްރާމެއް. މީގެ ހާއްސަ ކަމަކީ މުގައްރަރުތަކުގައި ރާއްޖޭގެ ތާރީހާއި ތަންތަނާއި ކަންކަމުގެ މައުލޫމާތު ހިމެނިފައިވާނެ،" ޝަހީމް ވިދާޅުވި އެވެ.

  • ރާއްޖޭގެ މުގައްރަރަށް އަރަބި ބަސް ކިޔަވައިދޭން ހަމަޖެހިފައިވާ ދާއިރާތައް:
  • -ޑިޕްލޮމާ އިން އެރަބިކް ލެންގުވިޖް ފޮ ރިލިޖަސް ޕާޕޯސަސް
  • -ޑިޕްލޮމާ އިން އެރެބިކް ލޭންގްވިޖް ފޮ ޖާނަލިޒަމް އެންޑް މީޑިއާ
  • -ޑިޕްލޮމާ އިން އެރަބިކް ލޭންގުވިޖް ފޮ ޑިޕްލޮމެސީ
  • -ޑިޕްލޮމާ އިން އެރަބިކް ލޭންގުވިޖް ފޯ ޓުވަރިޒަމް އެންޑް ހޮސްޕިޓަލިޓީ

ޝަހީމް ވިދާޅުވީ މި ކޯސްތަކުގެ އައުޓްލެޓް ތައް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. ކޯސްތަކުގައި ކިޔަވައިދޭން 43 ފޮތުގެ ފޮތްބައެއް ތައްޔާރުކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ހަރަދު ދައުލަތުން ހަމަޖައްސައިދޭން ހަމަޖެހިފައިވާ ކަމަށެވެ. ފުރަތަމަ ފޮތް ބައި ޗާޕުކުރުމަށް ވެސް 1.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޝަހީމް ލަފާކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އަރަބި ކިޔަވައިދެމުން އައީ ދީނީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. ނަމަވެސް އަލަށް ފަށަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކަކީ ދީނީ ކަމަކަށްވުރެ ބޮޑަށް އެހެން ގައުމުތަކާއެކު ވިޔަފާރިއާ އެނޫންވެސް ގިނަ ކަންކަމުގައި މުއާމަލާތުކުރާ ގައުމަކަށް ރާއްޖެ މިހާރު ވެފައިވާތީ، ތަފާތު ދާއިރާތަކުން އަރަބި ބަސް ކިޔަވައިދިނުމަކީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ.

މި ޕްރޮގްރާމަށް ސްޕޮންސާ ކުރުމުގެ ފުރުސަތު ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، އައިޔޫއެމް އަށް ފައިސާ ހޯދަން ހުޅުމާލޭގައި އަޅާ ވަގުފް އިމާރާތުގެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.