ހަބަރު

ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރާ ބިލް ބަލައިގެންފި

ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްހާލު ރައްޔިތުން މަޖިލީހަށް ބަލައިގަތުމަށް މިއަދު ފާސްވެއްޖެ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލީ އާމިރު ހުށަހެޅި މި އިސްލާހު ފާސްކުރަން، 51 މެންބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް ނުވަ މެންބަރުންނެވެ.

މި އިސްލާހުގައި ބުނެފައި ވަނީ ސޮފްޓް ޑްރިންކުތަކާއި އެނާޖީ ޑްރިންކުތަކުން ނަގަމުން އަންނަ ޓެކްސް 15 ޕަސަންޓަށް ބޮޑު ކުރުމަށެވެ. އެއީ ލީޓަރަކަށް 4.60 ރުފިޔާގެ ރޭޓަށެވެ. އޭގެ އިތުރުން ސިނގިރޭޓުން ނަގަމުން އަންނަ ޑިއުޓީން 25 ޕަސަންޓު ބޮޑުކޮށް ސިނގިރޭޓަކަށް ދެ ރުފިޔާ ޖެހޭ ވަރަށް ބޮޑު ކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ސަރުކާރު ފަރާތުން މި އިސްލާހު ހުށަހެޅީ ސިއްހަތައް ބޭނުން ކުރެވޭ ބާވަތްތައް ބޭނުން ކުރުމުގެ ދުރުހެލިވުމަށް ބާރުއެޅުމަށް ކަމަށް އެ އިސްލާހު ހުށަހެޅި މެންބަރު، އާމިރު ވިދާޅުވި އެވެ.

އެނާޖީ ޑްރިންކާއި ސިނގިރޭޓުން ޑިއުޓީ ބޮޑު ކުރުމާ މެދު ގާތްގަނޑަކަށް ހުރިހާ މެންބަރުން ތާއީދު ކުރި ނަމަވެސް އެ ބޮޑު ކުރާ ކަމަށް ސަރުކާރުން ބަޔާންކޮށްފައިވާ ސަބަބާ މެދު ހިޔާލު ތަފާތުވުންތަކެއް މެންބަރުންގެ މެދުގައި އޮތެވެ. ސަރުކާރު ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރުން ވިދާޅުވަނީ ޑިއުޓީ ބޮޑު ކުރަން ނިންމީ އެފަދަ ތަކެތިން ސިއްހަތައް ގެއްލުންވާތީ ކަމަށާއި ސިއްހީ ދާއިރާ ކުރިއަރުވާ ދުޅަހެޔޮ ސިއްހަތެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވިދާޅުވި ގޮތުގައި ޑިއުޓީ ބޮޑު ކުރަނީ އާމްދަނީ އިތުރު ކުރުމުގެ ނިޔަތުގައި އެވެ. އަދި ޑިއުޓީ ބޮޑުކޮށްގެން ސިނގިރޭޓާއިނ އެނާޖީ ޑްރިންކު ބޭނުން ކުރާ މިންވަރެއް މަދެއް ނުކުރެވޭނެ ކަމަށް ވެސް ގިނަ މެންބަރުން ވިދާޅުވި އެވެ.