ހަބަރު

އީސީގެ މެންބަރުންނަށް މަގާމު ދިނީ އަނިޔާވެރިވާކަށް ނޫން: އަމީތު

އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ މަސްލަހަތު ހިމާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ހައްގަށް އުނިކަން އަންނަ ފަދަ އަމަލުތައް ހިންގާއިރު އެ އަމަލުތައް ދިފާއުކޮށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަތައް ކަޅު އަކުރުން ތާރީހުގައި ލިޔެވިގެންދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ބުނާ މުހައްމަދު އަމީތު މިއަދު ވިދާޅުވި އެވެ. މަގާމަކަށް އާދެވުމަކީ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އަމީތު ވިދާޅުވީ، އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށެވެ. ނަމަވެސް މިހާރު އެ މުއައްސަސާއިން އަމަލުކުރަމުން ދަނީ މިނިވަންކަމާއެކު ނޫން ކަމަށެވެ.

"އަޅުގަނޑަކީ އެ ކޮމިޝަންގެ މެންބަރުންގެ އައްޔަންކުރަން ވޯޓު ދިން މެންބަރެއް، އަޅުގަނޑުމެން އެ މެންބަރުން އައްޔަންކުރީ އެއްވެސް ރައްޔިތެއްގެ ހައްގެއް ނިގުޅާގަންނާކަށް ނޫން، މަގާމަކަށް އާދެވުމުން އަނިޔާވެރިވެގެން ނުވާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ޕީޕީއެމްގެ މަސްލަހަތަށް އިލެކްޝަން ކޮމިޝަނުން އޭނާ އާއި އޭނާގެ އާއިލާ އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ ހައްގު ނިގުޅައިގަންނަމުންދާ ކަމަށެވެ. އޭނާއަށް މިހާރު ލިބެމުން ދަނީ އަނިޔާ ކަމަށާއި އެ އަނިޔާ އޭނާއަށް ލިބެމުން ދަނީ ސުޕްރީމް ކޯޓުގެ ހުކުމް ނާޖައިޒު ފައިދާ ނަގައިގެން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ކަމަށް އަމީތު ވިދާޅުވި އެވެ.

"އަޅުގަނޑަކީ މެންބަރެއް ނޫން ކަމަށް ބުނެ މިހުރީ ބަންދުކޮށްފަ، އެތާ މިތިބެނީ ގަދަ ހޫނުގަ، އަސާސީ ހައްގެއް ނުލިބޭ އެތާ، މިއީ ބޮޑު އަނިޔާއެއް،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ސިޔާސީ މީހުންގެ އަތުގައި އިލެކްޝަން ކޮމިޝަނަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ އަމަލުތައް ބަހައްޓަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އިލެކްޝަން ކޮމިޝަން ވެސް އުސޫލުން ބޭރުން ކަންކަން ކުރާނަމަ އެ ކޮމިޝަނުގެ ދިފާއުގައި ބަންޑާރަ ނައިބު ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށެވެ.

"ބަންޑާރަ ނައިބު ތަމްސީލު ކުރަނީ ދައުލަތް، ސަރުކާރެއް ނޫން، ވަކި ސިޔާސީ މީހެއް ނޫން، ބަންޑާރަ ނައިބުގެ ފަރާތުން މި ޝަރީއަތުގައި މި ދައްކާ ވާހަކަ ތާރީހުގައި ކަޅު އަކުރުން ލިޔެވިގެން ދާނެ، ހައްގުތައް ނިގުޅައިގަންނައިރު އޭގެ ދިފާއުގައި ދައުލަތުން ވަކާލާތު ކޮށްގެން ނުވާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އިއްޔެ ވެސް ފުލުހުން ކުރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އެއީ އޭނާއަކީ މުޖުތަމައުއަށް ނުރައްކާވެދާނެ މީހަކަށްވާތީ އާއި އޭނާ ފިލައިދާނެ ކަމަށް ބުނެ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އެ އަމުރު ނުނެރެ އެވެ. ބަންދަށް އިއްޔެ ޖެހީ ހަތަރު ދުވަހެވެ.

"އަޅުގަނޑަކީ ކުށެއް ކުރި މީހެއް ނޫން، ކުށެއްގެ ތުހުމަތުގައި ތަނަކަށް ހާޒިރުކުރި މީހެއް ވެސް ނޫން، އަޅުގަނޑު ދެން މުޖުތަމައުއަށް ނުރައްކާވާ ގޮތެއް ނޭނގެ، އަޅުގަނޑު ޕާސްޕޯޓް ވަނީ ހިފަަހައްޓާފަ، އަޅުގަނޑު ފިލަން ނުވެސް އުޅެން، އަޅުގަނޑަކީ ކަޅު ބިއްލޫރި ޖެހި ކާރުގައި އުޅޭ މީހެއް ނޫން، ސައިކަލެއްގައި އުޅޭ ގިނަ ބަޔަކު ދަންނަ މީހެއް، އަޅުގަނޑު ފިލައިގެން ދާނެ ތަނެއް ނެތް،" އަމީތު ވިދާޅުވި އެވެ.

އަމީތުގެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. އަމީތުގެ ފަރާތުން ދިފާއުގައި ގިނަ ނުކުތާތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދެވަނަ ފަހަރަށް އޭނާ ޕާޓީން ވަކިކުރެވޭނެ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ. ދައުލަތުން ބުނަނީ، އަމީތު ދެފަހަރަށް ޕާޓީން ވަކިނުކުރާ ކަމަށާއި އޭނާ ޕާޓީން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެއީ ގޮނޑި ގެއްލޭ ހުކުމަށްފަހު އެވެ.