ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ދެން ބާއްވަން ފުރުސަތު ދޭނެ ޝަރުތުތަކެއް އިދިކޮޅު ފަރާތްތަކުން ކަނޑައަޅައިފި އެވެ. މަޖިލީހުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތް ނުވީ ވެސް އިދިކޮޅު މެންބަރުން މަޖިލީހުގައި ހަޅުތާލު ކުރުމާ ގުޅިގެން އެވެ.
ރާއްޖެ ޓީވިއަށް ދެއްވި އިންޓަވިއުއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވީ 45 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް އެ މަގާމުގައި މަސީހަށް އިނުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. މަހުލޫފް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް އެޖެންޑާ ކުރުން ކަމަށެވެ. އަދި ބަންދުގައި ތިބި އިދިކޮޅު މެންބަރުންތައް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުކުރުވާ ނަމަ މަޖިލިސް ބޭއްވުމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
"މިކަންކަން މި މިގޮތަށް އޮއްވާ ކިހިނެތްތޯ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަން އަޅުގަނޑުމެންނަށް ފުރުސަތު ދެވޭނީ. އެކަންކަމާ މެދު އަޅުގަނޑުމެން މިއަދު މި ފިޔަަވަޅު އަޅަނީ. ދެން ވެސް މަސީހު ރައީސް ކަމުގައި އިންނަވައިގެން އެ މަގާމެއް ނުގެންދެވޭނެ،" މަހުލޫފް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ވެސް ވަރަށް ފަސޭހަ މަޖިލީހަށް ރީތިކޮށް ޓައި އަޅައިގެން އެ ގޮނޑިތަކުގައި އިޝީންދެގެން ހަމަޖެހިލައިގެން މަޖިލީހުގެ ގަވައިދާ އެއްގޮތަށް މިކަން ކުރަން. ނަމަވެސް މިކަން ދޫކޮށްލައިގެން ތިބެވޭކަށް ނެތް. ދޫކޮށްލައިފި ނަމަ ދުވަހަކު ވެސް ގައުމުގެ ކަންކަން އިސްލާހެއް ނުކުރެވޭނެ،"
މަހުލޫފް ވިދާޅުވީ ރިޔާސަތުގައި ނައިބު ރައީސް މޫސާ މަނިކު އިންނަވައިގެން ވެސް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވޭނީ މަސީހުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްގެން ކަމަށެވެ. ދެވަނަ ކަމަކަށް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުންނަކީ މެންބަރުން ގޮތުގައި ކަނޑައަޅާ ޖަލްސަތަކުގައި ބައިވެރި ކުރުވަން ޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.