ހައްޔަރުގައި ތިއްބެވި ހަތަރު މަޖިލިސް މެންބަރުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެ މެންބަރުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ހައްޔަރުގައި މިވަގުތު ތިއްބެވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. އެ މެންބަރުންގެ ވަކީލުން މިރޭ ވަނީ މާދަމާ މަޖީލީހަށް މެންބަރުން ހާޒިރުކުރާނެތޯ ބެލުމަށް ފުލުހުން އިދާރާއަށް ވަޑައިގެންފަ އެވެ.
ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު، އަމީތުގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ، މާދަމާގެ ޖަލްސާއަށް އެއްވެސް މެންބަރަކު ހާޒިރުނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށުގެ ތުހުމަތެއްގައި މެންބަރަކު ހައްޔަރުގައި ހުންނަވާއިރު ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބެންޖެހޭނެ އެވެ.
ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ ރިޝްވަތު ދެއްވަން އުޅޭ ކަމަށް ތުހުމަތުކުރައްވަ އެވެ. ފާރިސް ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ. ފާރިސް ހުންނެވީ މާފުށީ ޖަލުގަ އެވެ. ދެން ތިއްބެވި ތިން މެންބަރުން ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ. އެ ތިން މެންބަރުން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު މަޖިލިސްގެ އިދާރާއަށް ވަދެފައިވާތީ އެވެ. ކުރާ ތުހުމަތަކީ މެންބަރުން ނޫން އެހެން ބަޔަކު މަޖިލިސް ތެރެއަށް ވަދެފައިވާތީ އެވެ. އެ މެންބަރުންނަށް ފުލުހުން އެ ތުހުމަތު ކުރަނީ އެއީ މެންބަރުން ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އިލެކްޝަން ކޮމިޝަނުން ވަހީދާއި އަމީތު އަދި ސައުދު ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެހެންކަމުން ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނުނިންމަނީސް އެއީ މެންބަރުން ނޫން ކަމަށް ކަނޑައެއް ނޭޅޭނެ އެވެ.