ހަބަރު

ވައްޑޭ ޕީޕީއެމް އިން ވަކިކުރިކަން މާޗް މަހު އީސީއަށް އެންގި: ދައުލަތް

  • މާޗް މަހު ދަފްތަރުން ނަން އުނިކުރަން ނޭދޭތީ އެކަން ނުކުރޭ
  • ދައުލަތުން ބުނަނީ ނަން އުނިކުރީ ހުކުމުގެ ފަހުން ކަމަށް
  • އެއްފަހަރު ބެލި މައްސަލަ އަލުން ބެލީ ކިހިނެތްތޯ ސުވާލު އުފެއްދި

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެގެ) ސުލޫކީ މައްސަލައެއް މާޗް މަހުގެ ތެރޭގައި ބަލައި އޭނާ އެ ޕާޓީ އިން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމްގެ އިން ވައްޑޭއަށް ފޮނުވި ސިޓީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓްގައި މިއަދު އިއުތިރާފް ވެއްޖެ އެވެ.

ވައްޑޭގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރުމަށް އޭނާ ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓްގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި، ލޯޔަރު ވައްޑޭގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ އޭނާގެ ސުލޫކީ މައްސަލައެއް ޕީޕީއެމް އިން ބެލުމަށް ފަހު އެ ޕާޓީ އިން އޭނާ ވަކިކުރިކަން މާޗް 28 ވަނަ ދުވަހު އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާ ޕާޓީ އިން ވަކިކޮށްފައި ވަނިކޮށް އެ ޕާޓީ އިން އަނެއްކާ ވެސް އޭނާގެ ސުލޫކީ މައްސަލައެއް 17 ޖުލައިގައި ބަލައި އޭނާ ޕާޓީ އިން ވަކިކުރުމަށް ނިންމޭނީ ކިހިނެތްތޯ އޭނާގެ ވަކީލުން ސުވާލު އުފެއްދެވި އެވެ. އަދި އެ ނިންމުން 18 ޖުލައިގައި އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކުރެއްވި އިރު، ލޯޔަރު ވައްޑޭ ޕީޕީއެމް އިން ވަކިކުރިކަން ޕީޕީއެމްގެ ފަރާތުން 28 މާޗްގައި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއަކުން އަންގާފައިވާކަން ވައްޑޭގެ ލޯޔަރުން ފާހަގަ ކުރެއްވި އެވެ. ލޯޔަރުން ފާހަގަ ކުރެއްވި ގޮތުގައި އޭނާގެ މައްސަލައެއް މާޗް 28ގެ ފަހުން ޕާޓީ އިން ބަލައި ފިޔަވަޅެއް އެޅިކަން އޭނާއަށް އަންގާފައެއް ނުވެ އެވެ. އަދި އެކަން އޭނާއަށް އެނގުނީ މަޖިލީހުގެ އިދާރާއިން އޭނާގެ ސަމާލުކަމަށް އެކަން ގެނައުމުން ކަމަށް ވެސް ހިސާން ފާހަގަ ކުރެއްވި އެވެ.

ލޯޔަރު ވައްޑޭ ޕީޕީއެމް އިން ވަކި ކުރިކަން މާޗް 28 ގައި އެ ޕާޓީ އިން އީސީއަށް އެންގި އިރު ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އޭރު އަދި ހުކުމެއް އިއްވާފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް އިއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެހެން ކަމުން ވައްޑޭ ޕީޕީއެމްގެ މެންބަރަކަށް ނުވާ އިރު އޭނާގެ މައްސަލައެއް ހުކުމުގެ ފަހުން ބަލައި ޖުލައި 18 ވަނަ ދުވަހު އޭނާ ޕާޓީގެ ދަފްތަރުން އުނިކުރަން އެންގީ ކޮން އުސޫލަކުންތޯ ވައްޑޭގެ ވަކީލު ސުވާލު ކުރެއްވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލު މާޝާ އަބްދުﷲ ވިދާޅުވީ، 28 މާޗްގައި ވައްޑޭ ޕީޕީއެމް އިން ވަކިކުރިކަން އަންގައި ވައްޑޭއަށް ފޮނުވި ސިޓީގެ ކޮޕީއެއް ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ވެސް ފޮނުވާފައިވާ ކަމަށް އެއްބަސްވާ ކަމަށެވެ. އެހެން ނަމަވެސް އެ ސިޓީ ރައްދު ވަނީ ވައްޑޭއަށް ކަމަށް ވާތީ، އަދި އެ ސިޓީގައި އޭނާ ޕީޕީއެމްގެ ދަފްތަރުން އުނިކުރަން ޕީޕީއެމް އިން އެދިފައި ނުވާތީ ވައްޑޭގެ ނަން އެ ތާރީހުގައި ޕާޓީގެ ދަފްތަރުން އުނިކޮށްފައި ނުވާ ކަމަށެވެ. އަދި ވައްޑޭގެ މައްސަލަ ޕީޕީއެމް އިން އަލުން ބަލައި، އޭނާ ޕާޓީގެ ދަފްތަރުން އުނިކޮށް ދިނުމަށް އެދުނީ 18 ޖުލައިގައި ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އީސީއިން ވައްޑޭގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކުރީ އެ ސިޓީއާ ހަވާލާދީ ހުކުމުގެ ފަހުން ކަމަށް ވާތީ، ސުޕްރީމް ކޯޓްގެ ހުކުމުގައިވާ ގޮތުން އޭނާގެ ގޮޑި ގެއްލޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލް މާޝާ މިއަދު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ވައްޑެގެ މައްސަލަ ސުލޫކީ ކޮމެޓީން ނިންމާފައިވާ ނިންމުމަށް ބަލާއިރު އޭނާ ވަކިކުރަން ނިންމި އެންމެފަހުގެ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާ ކުރެއްވި ސޮއި އަނބުރާ ނުނެގުމުން އެޅި ސުލޫކީ ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން ވައްޑެ ވަކިކުރި ސަބަބާއި ވަކިކުރުން ވެސް ހިނގާފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ކަމަށް ވަކީލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ވައްޑެ ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން އިތުރު ސުލޫކީ މައްސަލައެއް ބަލައި، ފިޔަވަޅެއް އެޅިކަން އެނގުނީ އަދި ކިރިޔާ ކަމަށެވެ. މީގެކުރިން އެނގިފައި އޮތީ މާޗް މަހު އެޅި ފިޔަވަޅު އެކަނި ކަމަށެވެ.

ދައުލަތުގެ ވަކީލް މާޝާ ވިދާޅުވީ، 18 ޖުލައިގެ ކުރިން ވައްޑެ، ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ގެންދެވީވެސް ޕީޕީއެމްއަށް ލިބިފައިވާ ވަގުތުގަ ކަމަށެވެ. ޕާޓީއެއްގައި މީހަކު ހިމެނެނީ ދަފުތަރުގައި ހިމަނާ ހިސާބުން ކަމަށްވާއިރު، މީހަކު ޕާޓީން ވަކިވާނީ ވެސް ދަފުތަރުން އެމީހަކު ވަކިކުރުމުން ކަމަށެވެ. އަދި މެންބަރަކު ޕާޓީ ވަކިވާން ހުށަހަޅަން ޖެހޭނީ އެ ޕާޓީއަކަށް ކަމަށާއި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނީ އެ ޕާޓީއަކުން ކަމަށެވެ. ސާދަ ދުވަސް ތެރޭގައި ޕާޓީން ކޮމިޝަނަށް ހުށަނާޅައިފިނަމަ އިލެކްޝަން ކޮމިޝަނަށް އެ މެންބަރަކަށް ހުށަހެޅިދާނެ ކަމަށެވެ. އަދި ސުލޫކީ މައްސަލައެއް ބަލައި، މެންބަރަކު ވަކިކޮށްދޭން އެދެން ޖެހޭނީ އެ ޕާޓީއަކުން ކަމަށާއި ތިމަންނައަށް ޕާޓީން ސުލޫކީ ފިޔަވަޅެއް އަޅައިފި ކަމަށް ބުނެ ސިޓީ ފޮނުވި ނަމަވެސް ޕާޓީން އެކަމަށް ނެދޭހާ ހިނދަކު ޕާޓީގެ ދަފުތަރުން އެމީހަކު ވަކިނުކުރާނެ ކަމަށް މާޝާ ވިދާޅުވި އެވެ.

ވައްޑެގެ އަނެއް ވަކީލް އިބްރާހިމް ރިއްފަތު ވަނީ، މެންބަރަކު ޕާޓީން ވަކިވާނީ ދަފުތަރުން އުނިކުރުމުން ކަމަަށް ބުނެފައިވަނީ ކޮން ގާނޫނެއް ކޮން އުސޫލެއްގަތޯ އައްސަވާފަ އެވެ. ރިއްފަތު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ވެސް އެމީހަކު އެ ޕާޓީއަކުން ވަކިވާން އެދޭ ހިސާބުން އެމީހަކު އެ ޕާޓީއަކުން ވަކިވީ ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓްގެ ފުލް ބެންޗުން އެވެ. ފުލުހުން ތަހުގީގު ކުރާ ޖިނާއީ މައްސަލައަކާ ގުޅިގެން ވައްޑެ ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ. ވައްޑޭގެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން އޭނާ ބަންދުން ދޫކޮށްލުމުގެ ވަގުތީ އަމުރަކަށް މިއަދުގެ ޝަރީއަތުގައި ވައްޑެގެ ފަރާތުން އެދިފައިވެ އެވެ. ނަމަވެސް އެ ވަގުތީ އަމުރާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.