ހަބަރު

ސިނގިރޭޓް ޑިއުޓީގެ ބިލް ދިރާސާ ކުރަން ތިން އިދާރާއެއް ހާޒިރުކުރަނީ

ސިނގިރޭޓާއި އެނާޖީ ޑްރިންކުގެ ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުން މަޖިލީހުން ބަލައިގެންފައިވާ ބިލު ދިރާސާ ކުރެއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑު ހާޒިރު ކުރަން އިގްތިސާދީ ކޮމިޓީއިން ނިންމަވައިފި އެވެ.

އެކްސްޕޯޓް އިމްޕޯޓްއާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލީ އާމިރު ހުށަހެޅި މި ބިލު ދިރާސާ ކުރާ އިގްތިސާދީ ކޮމިޓީއިން މިގޮތަށް ނިންމެވީ އެ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއެކު އިއްތިފާގުން އެއްބަސްވެގެންނެވެ.

ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށާއި މަޖިލީހަށް އެހީތެރިވެވޭނީ ގޮތްތައް ބެލުމަށްޓަކައި ކަސްޓަމްސްއާ އެޗްޕީއޭއާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާ ޓޮބޭކޯ ކޮންޓްރޯލް ބޯޑާ ބައްދަލު ކުރުމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒު ހުށަހެޅި އެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ހުށަހެޅީ އެމްއެފްޑީއޭ ނުހިމަނާ ދެން ތިބި ތިން އިދާރާ ހާޒިރު ކުރުމަށެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ކުރިޔަށް ގެންދެވުމަށް ކޮމިޓީގައި ތިބި ހުރިހާ މެންބަރުން އެއްބަސްވެވަޑައިގަތުމުން މުގަައްރިރު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކަނޑައެޅީ ކަސްޓަމްސްއާ އެޗްޕީއޭ އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑު ހާޒިރު ކުރުމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ، ސިގިރެޓަކުން 75 ލާރި ބޮޑުކޮށް ދެ ރުފިޔާއަށް ޑިއުޓީ ބޮޑު ކުރުމާއި ލުއި ބުޔުންތަކާއި އެނާޖީ ޑްރިންކް އިން 15 ޕަސެންޓްގެ ޓެކްސްއެއް ނެގުމަށެވެ.