ބޮލީވުޑް

ސަންޖޭ އެނބުރި އަންނަ ފިލްމުގެ ޝޫޓިން ފަށައިފި

Feb 16, 2017

މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ޖަލުން މިނިވަންވި ފަހުން ކުޅޭ ފުރަތަމަ ފިލްމު، "ބޫމީ" ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.

އޮމަންގް ކުމާރު ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން އިއްޔެ ފަށާފައިވަނީ އިންޑިއާގެ މަޝްހޫރު އަވަށް، އާގްރާގަ އެވެ.

އެ ފިލްމްގެ ޝޫޓިން ފެށުނުކަން ކަށަވަރުކޮށްދެމުން، ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ފިލްމުގެ ޝޫޓިންގެ ތެރޭގައި ސަންޖޭ އާއި އަދިތީ ރާއޯ ހައިދަރީގެ ޝޫޓިންގައި ހަރަކާތްތެރިވާ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.

"ބޫމީ" އަކީ ބައްޕަ އާއި އަންހެން ދަރިފުޅުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގައި ސަންޖޭގެ އަންހެން ދަރީގެ ރޯލުން ފެނިގެންދަނީ އަދިތީ އެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ސަންޖޭ މީގެކުރިން ވަނީ އޭނާ އެނބުރި އަންނަ ފިލްމެއްގެ ގޮތުގައި ކުޅޭނެ ފިލްމެއް ކަނޑައަޅަން ސްކްރިޕްޓްތައް ކިޔަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި މި ފިލްމަކީ މީގެކުރިން އޭނާ ކުޅެފައިނުވާ ކަހަލަ ރޯލެއް ކުޅެން ޖެހޭ ކަހަލަ ފިލްމެއް ކަމަށް ބުނެފަ އެވެ.

ބޫޝަން ކުމާރު، ސަންދީޕް ސިންގް އަދި އޮމަންގް ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ނުބައިބައި ރޯލަކުން ޓީވީ ތަރި ޝަރަދް ކެލްކާރް ވެސް ފެނިގެންދާނެ އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު އެވެ.

ސަންޖޭ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނިކުތް "ޕީކޭ" އިން އާމިރް ޚާން އާއި އަނުޝްކާ ޝަރްމާ އާއެކު އެވެ.

"ބޫމީ" ގެ އިތުރުން ސަންޖޭ ކުރިއަށް ކުޅެން ހުރި ފިލްމުތަކުގެ ތެރޭގައި "މުންނާ ބާއީ 3" ހިމެނެ އެވެ. މި ފިލްމުތަކުގެ އިތުރުން ސަންޖޭގެ ހަޔާތުގެ މައްޗަށް ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އަންނަނީ ފިލްމެއް އުފައްދަމުންނެވެ.