ވިޔަފާރި

28 ސްޓޯލާއެކު ލިވިން އެކްސްޕޯ ފަށައިފި

Feb 16, 2017

ގެދޮރުވެރިކުރުމުގެ ދާއިރާގައި ރާއްޖެއާއި ރާއްޖޭން ބޭރުގަައި ދިވެހިންނަށް ހުރި ފުރުސަތުތައް އޮޅުންފިލުވައިދީ، ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހައިރައިޒުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ލިވިން އެކްސްޕޯ މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 18 އަށް އާޓް ގެލެރީގައި، "ހައިރައިޒް" އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ އެކްސްޕޯ ހުޅުއްވައި ދެއްވީ ވިޔަފާރިވެރިން ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފެވެ. މި އަހަރުގެ ލިވިން އެކްސްޕޯގައި ޖުމްލަ 28 ސްޓޯލް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ލަންކާ އާއި އިންޑިއާގެ ގިނަ ސްޓޯލްތަކެއް ވެސް ހިމެނެ އެވެ. އަދި އިވެންޓް ޕާޓްނަރުންނާ އެކު ވިއްސަށްވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.

ލިވިން އެކްސްޕޯ އަކީ 2013 ވަނަ އަހަރު ހައިރައިޒް އިން ބާއްވަން ފެށި އެކްސްޕޯއެކެވެ. މިއަހަރުގެ ލިވިންގް އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯސްޕޮންސާއަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ.