ބޮލީވުޑް

"ގޯލްމާލް އެގެއިން" ގެ ނުބައިބައި ރޯލަކުން ޕްރަކާޝް ރާޖް

Feb 18, 2017

ސައުތު ފިލްމު އިންޑަސްޓްރީގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިގޮސްފައިވާ ޕްރަކާޝް ރާޖްގެ ހިންދީ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އޭނާ މަޝްހޫރު ވެގެން ދިޔައީ އަޖޭ ދޭވްގަން އާއެކު ފެނިގެންދިޔަ "ސިންގަމް" އިންނެވެ. އެ ފިލްމުގައި ޕަރްކާޝް ފެނިގެން ގޮސްފައިވަނީ ޖެއިކާންތް ޝިކްރޭ ކިޔާ ކޮރަޕްޓް ވެފައިވާ ނުބައިބައި މީހެއްގެ ރޯލުންނެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށް އަޖޭ ދޭވްގަން ލީޑްރޯލުން ފެނިގެންދާ ކާމިޔާބު ކޮމެޑީ ސިލްސިލާ ފިލްމު، "ގޯލްމާލް" ގެ ހަތަރު ވަނަ ފިލްމު، "ގޯލްމާލް އެގެއިން" ގެ ނުބައިބައި ރޯލަކުން ފެނިގެންދާނެ އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކުރި ފިލްމު "ސިންގަމް" ގެ ވެސް ނުބައިބައި ރޯލަކުން ފެނިގެންދިިޔަ ޕްރަކާޝް މިއީ ރޯހިތުގެ ފިލްމަކުން ފެނިގެންދާ ދެވަނަ ފިލްމެވެ.

"ގޯލްމާލް އެގެއިން" ގައި ނުބައިބައި ރޯލެއް ކުޅެން ފުރުސަތު ލިބިފައިވާކަން ޔަގީންކޮށް ދެމުން ޕްރަކާޝް ވަނީ މީގެކުރިން ރޯހިތުގެ ފިލްމެއް ކުޅުނު ފަހުން އޭނާ ވަނީ ރަނގަޅު ފިލްމަކުން ރަނގަޅު ފުރުސަތު އޮތް ނަމަ ހުށަހަޅާނެ ކަމަށާއި އެގޮތުން މި ފިލްމުގައި ކުޅެން ލިބުނު ރޯލަކީ އެފަދަ ރޯލެއް ކަމަށް ބުނެފަ އެވެ.

"މި ފިލްމުގައި އަހަރެން ކުޅެނީ މަޖާ އެކަމަކު ނުބައިބައި ރޯލެއް. ފިލްމުގެ ވާހަކަ ކިޔުމަށް އަހަރެން މުމްބައި އަށް ގޮސްފިން އަދި ފިލްމުގެ ޑައިލޮގް ލިޔާ ސާޖިދް އާއި ފަރްހާދްއާ ވެސް ބައްދަލުކޮށްފިން" ޕްރަކާޝް ބުނެފައިވެ އެވެ.

މީގެއިތުރުން ވެސް ޕްރަކާޝް ވަނީ އަޖޭ އަކީ މީގެކުރިން އޭނާ މަސައްކަތް ކޮށްފައިވާ ތަރިއެއް ކަމަށް ވާތީ އަޖޭ އާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް ބުނެފަ އެވެ.

އަޖޭ އާއި ޕްރަކާޝްގެ އިތުރުން މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ޕަރިނީތީ ޗޯޕްޅާ އެވެ. އަދި މުހިންމު ރޯލަކުން ބަތަލާ ތައްބޫ އާއި ނީލް ނިތިން މުކޭޝް ވެސް ފެނިގެންދާއިރު، މި ސިލްސިލާގެ ކުރީގެ ތިން ފިލްމުން ފެނިގެން ގޮސްފައިވާ ތަރިން ކަމަށްވާ އަރްޝަދް ވާސީ އާއި ޝްރެޔާސް ތަލްޕާޑޭ އަދި ކުނާލް ކެމޫ އާއި ތުޝާރް ކަޕޫރު ވެސް ފެނިގެންދާނެ އެވެ.