ވިޔަފާރި

ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު ހަ ލައްކަ ޑޮލަރު ނަގާފައިވޭ

މިިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްތަކުން ދުވާލަކު ހަ ލައްކަ އެމެރިކާ ޑޮލަރު ނަގާފައިވާ ކަމަށް އެ ބޭންކްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ބޭންކުން އިތުރު، ތިން ޑޮލަރު އޭޓީއެމް ބެހެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާ އަށް މައުލޫމާތު ދެމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުގެ އޭޓީއެމްތަކުން 220 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. އެއީ މަހަކަށް ބަހާލާ ނަމަ، 18.3 މިލިއަން ޑޮލަރު ޖެހޭ ވަރުގެ އަދަދެކެވެ. އަދި ދުވާލެއްގެ މައްޗަށް އޭޓީއެމްތަކުން، 611،111 ޑޮލަރު މިދިޔަ އަހަރު ވަނީ ނަގައިފަ އެވެ.

ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަކޮށްގެން ބީއެމްއެލް އިން ދެ އޭޓީއެމްއެއް ހެޑް އޮފީހުގެ ތިރީގައި ބަހައްޓައި އަންނަނީ ހިދުމަތް ދެމުންދެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އެއް ބަހައްޓާފައިވެ އެވެ. އަދި މިއަދު ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެ ބޭންކްގެ ސެންޓަރުގައި ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަ އޭޓީއެމްތަކެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފަ އެވެ.

ބީއެމްއެލް އިން ބުނީ ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިދިޔަ އަހަރު 19 މިލިއަން ޓްރާންސެކްޝަނުން، ހަދާފައިވާ އިރު، ކާޑު މެދުވެރިކޮށް ކުރި މުއާމަލާތްތަކުގެ އަގު، 23 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެއީ ކޮންމެ މިނެޓަކުން 40،000 ރުފިޔާގެ ވިޔަފާރި އެވެ.

ބީއެމްއެލް ހެޑް އޮފީހުގައި ބަހައްޓާފައި ހުރި އޭޓީއެމްތަކުން މިމަހު 25 އާއި ހަމައަށް ޑޮލަރު ނެގުމުގެ ހިދުމަތް ދޭނެ އެވެ. އަދި އޭގެ ފަހުން އެ އޭޓީއެމްތައް ރުފިޔާ އޭޓީއެމްތަކަށް ބަދަލުކުރަން އެ ބޭންކުން ވަނީ ނިންމާފަ އެވެ.