ކުޅިވަރު

މަލާމާތާއި ފުރައްސާރައަކުން އަސަރެއް ނުކުރާނެ: އެންރީކޭ

Feb 19, 2017

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ފްރާންސްގެ ޕީއެސްޖީ އަތުން 4-0 ން ބަލިވުމުން، ބާސެލޯނާ އަށާއި، އެ ޓީމުގެ ކޯޗް ލުއިސް އެންރީކޭ އަށް އިންތިހާ އަށް މަލާމާތާއި ފާޑު ކިޔުން އަދި ފުރައްސާރަވެސް އަމާޒުވި އެވެ.

ނަމަވެސް އޮސްޓްރިއާ އަށް އުފަން، ލުއިސް އެންރީކޭ ބުނީ މަލާމާތާއި ފާޑުކިޔުމާއި ފުރައްސާރައިން އޭނާއަށް އަސަރު ނުކުރާނެ ކަމަށެވެ.

"ފުރައްސާރައަކުން އަހަންނަށް އަސަރެއް ނުކުރާނެ، ސަބަބަކީ އެހެން ނަމަ، ބާސާގެ ކޯޗް ކަމުގައި ތިން އަހަރު ވަންދެން އަހަންނެއް ނުހުންނާނެ،" އެންރީކޭ ބުންޏެވެ.

އެންރީކޭ އަށް އެންމެ ބޮޑަށް ފުރައްސާރަ އަމާޒުވީ، ސްޕެއިންގެ މީޑިއާ ތަކުން ނެވެ. ސްޕެއިންގެ ބައެއް މީޑިއާތަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި، މިސީޒަނަށް ފަހު، ބާސާގެ ކޮންޓްރެކްޓް އެންރީކޭ އާ ނުކުރާނެ އެވެ. ޕީއެސްޖީ އަތުން 4-0 އިން ބަލިވުމަކީ، އެންރީކޭ އަށް ބާސާ ދޫކޮށްލަން އޮތް ސަބަބަކަށް ވެފައިވާ ކަމަށް ބައެއް މީޑިއާ ތަކުން ބުނެފައިވެ އެވެ.

"ނަސީބަކުން މީޑިއާ އާއި ބާސެލޯނާ އާ ދެމެދު އޮންނަނީ ގަބޫލު ކުރެވޭ ދުރު މިނެއް، އަހަރެން އަޑެއް ނާހަން މީޑިއާއިން ދައްކާ ވާހަކަ އެއް، މި ހަފުތާގައި އަހަރެން އެކަމެއް ނުކުރާނަން، އަހަރެން އުޅޭނީ ޓީވީ އާއި ރޭޑިއޯ 10 މީޓަރު ދުރުގައި،" އެންރީކޭ ބުންޏެވެ.

ސްޕެނިޝް ލީގްގައި މިރޭ ކުޅޭނީ ލެގަނޭސްއާ ދެކޮޅަށެވެ. ޕީއެސްޖީ އަތުން ބަލިވުމުން އެކަމުގެ އަސަރު ބާސާ އަށް ކުރާނެތޯ ސުވާލު ކުރުމުން، އެންރީކޭ ބުނީ، މިރޭގެ މެޗަކީ، މުޅިން ތަފާތު މެޗެއް ކަމަށެވެ.

"ޕީއެސްޖީ އަތުން ބަލިވި ބަލިވުން، އަހަރެން ބޮލުގައި އަބަދުވެސް އިންނާނެ، ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެ އަކުވެސް އަހަރެން އެކަން ހަނދާން ވާނެ، ނަމަވެސް އެހެން މެޗުތައްވެސް ކުޅެން ޖެހޭ، އަހަރެންގެ ފޯކަސް އެ މެޗުތަކަށް ގެންގުޅެން ޖެހޭ، އެހެންވީމަ އެ ނުވާނެ މާބޮޑު މައްސަލަ އަކަށް،"