ކުޅިވަރު

ބާލިންގެ ސަޕޯޓަރުންނަށް އަންޗެލޯޓީގެ "ބޭއަދަބީ" އިޝާރާތެއް

Feb 20, 2017

ޖަރުމަން ލީގްގައި، ހާތާ ބާލިންއާ ދެކޮޅަށް ބަޔާން މިޔުނިކް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި، ބާލިންގެ ސަޕޯޓަރުންނަށް އަމާޒުކޮށް، އަތުން، ބޭއަދަބީ އިޝާރާތެއް ކުރުމުން، އޭނާއާ މެދު، ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ޖަރުމަންގެ ފުޓްބޯޅަ އިދާރާއިން ނިންމައިފި އެވެ.

ޖަރުމަން ލީގްގެ އެއް ވަނައިގައި އޮތް ބަޔާން މިޔުނިކާ ދެކޮޅަށް، އަމިއްލަ ދަނޑު ގައި ކުޅުނު ބާލިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ 21 ވަނަ މިނެޓް ގައި، ބޮސްނިއާގެ ވެޑާޑް އިބީޝެވިޗް ބާލިން އަށް ލީޑް ނަގައިދީފައި ވަނިކޮށް، ބަޔާން އަށް ނަތިޖާ ހަމަހަމަ ކުރެވުނީ، މެޗުގެ 90 މިނެޓް ހަމަވެ، އިތުރަށް ދެއްކި ހަ މިނެޓްގެ އެކްސްޓްރާ ޓައިމް ގައި، ޕޮލެންޑްގެ ރޮބަޓް ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑުން ނެވެ.

ބާލިންގެ ފަރާތުން ތަފާތު ކުޅުމެއް ފެނި، އިތުރު ވަގުތުގައި މެޗު އެއްވަރުވުމުން، ބާލިންގެ ސަޕޯޓަރުންގެ އަޑު އަންޗެލޯޓީ އަށް ނިސްބަތްކޮށް ގަދަވި އެވެ.

ޖަރުމަންގެ ޓިވީ ޗެނަލެއް ކަމަށްވާ އޭއާރްޑީ އިން ބުނެފައިވަނީ، މެޗު ނިންމައި ޗޭންޖިން ރޫމަށް ދިޔަ މަގުމަތީ، އަންޗެލޯޓީ "އަތް ހިއްލައި މެދު އިނގިލިން ބާލިންގެ ސަޕޯޓަރުންނަށް އިޝާރާތް ކުރި" ކަމަ ށެވެ.

އެކަމާ ބެހޭގޮތުން އޭއާރްޑީ އިން ސުވަލު ކުރުމުން، އަންޗެލޯޓީ ބުނީ، އެކަން ހިނގާފައިވާ ކަމަށާއި ސަޕޮޓަރުން ގޮވި އެއްޗިހިން އޭނާ އަށް އެގޮތަށް އިޝާރާތް ކުރެވުނީ ކަމަ ށެވެ.

ކުރިން، އޭސީ މިލާން އަދި ޗެލްސީ ޕީއެސްޖީ އަދި ރެއާލް މެޑްރިޑަށް ވެސް ކޯޗް ކޮށްދީފައިވާ އަންޗެލޯޓީ އަށް ފިޔަވަޅު އެޅުމުގެ ގޮތުން، އެކަމަކީ ކިހިނެއް ހިންގާފައިވާ ކަމެއްތޯ ޖަރުމަންގެ ފުޓްބޯޅަ އިދާރާއިން އޭނާ އާ ސުވާލު ކުރާނެ އެވެ.

އަންޗެލޯޓީ އަށް އަންނާނެ ކަމަށް ބޮޑަށް ބެލެވެނީ ޖޫރިމަނާގެ ޗާޖެ ކެވެ.