ދުނިޔެ

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިޔާ ސަފީރު އަނބުރާ ގެނެސްފި

Feb 20, 2017

އުތުރުކޮރެއާގެ ލީޑަރުގެ އެއްބަފާ ބޭބެ މެލޭޝިއާގައި މަރައިލި މައްސަލައިގައި ނުރުހުން ފާޅުކުރުމުގެ ގޮތުން އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ ސަފީރު މެލޭޝިއާއިން އަނބުރައި ގެންގޮސްފި އެވެ.

އުތުރުކޮރެއާގެ ވެރިރަށް ޕިޔޮންޔޮންގައި ހުންނަވާ މެލޭޝިއާ ސަފީރު އަނބުރައި ގައުމަށް ގެނެސްފައިވާ ކަން މެލޭޝިއާ ސަރުކާރުން ހާމަކުރީ މިއަދު އާއްމުކުރި ބަޔާނެއްގަ އެވެ. ކިމް މަރައިލި ހާދިސާއާއި ގުޅިގެން ދެއްކެވި ވާހަކަފުޅަކާ ބެހޭ ގޮތުން ސުވާލު ކުރުމަށް މެލޭޝިއާ ފޮރިން މިނިސްޓްރީން ވަނީ މެލޭޝިއާގައި ހުންނަވާ އުތުރުކޮރެއާގެ ސަފީރު އެމިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

އުތުރުކޮރެއާ ސަފީރު ކާން ކޯލް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ދެކޮޅުވެރި ބާރުތަކާއި ގުޅިގެން މެލޭޝިއާއިން މަސައްކަތްކުރާ ކަމަށާއި މެލޭޝިއާއިން ކަމެއް ސިއްރުކުރަމުންދާ ކަމަށެވެ.

ހައިރާން ކުރުވަނިވި ގޮތަކަށް ކިމްޖޮން ނަމް މަރައިލި ހާދިސާއާއި އުތުރުކޮރެއާ ސަރުކާރާ ގުޅުމެއް ވާކަމަށް ބެލެވުނަސް އެކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައެއް ނުވެއެވެ. އުތުރުކޮރެއާ ސަރުކާރުން އަދި އެކަމާ ބެހޭ ގޮތުން ބަހެއް ނުވެސް ބުނެއެވެ.

ކިމް މަރައިލި ހާދިސާއާއި ގުޅިގެން މެލޭޝިއާ ފުލުހުން ވަނީ ދެ އަންހެނުންނާއި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ ވިއެޓްނާމް އަންހެނަކާއި އިންޑޮނޭޝިއާ އަންހެނަކާއި އުތުރުކޮރެއާ ފިރިހެނެކެވެ. އިތުރު ހަތަރު މީހަކު ހޯދުމަށް މެލޭޝިއާ ފުލުހުން އަންނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެމީހުން މެލޭޝިއާ ދޫކޮށް ގޮސްފައިވާ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.