ވިޔަފާރި

ވިޔަފާރީގެ މަޝްވަރާއަށް ދިވެހިން ތަމްރީން ކުރަން ޑަބްލިއުޓީއޯއިން ފަށައިފި

Feb 20, 2017
1

ބޭރުގެ ފަރާތްތަކާއެކު، ވިޔަފާރީގެ މަޝްވަރާތަށް ކުރިއަށް ގެންދާނެ، އޮފިޝަލުން ތަމްރީން ކޮށްދިނުމުގައި މަސައްކަތް ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ފަށައިފި އެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ފެށި، މި ބައްދަލުވު ފައްޓަވައި ދެއްވަމުން ޑަބްލިއުޓީއޯގެ ޑިރެކްޓަރު ސިސިލް ޕްރިޔަޑިސިޝީ ވިދާޅުވީ ރާއްޖޭން ޑަބްލިއުޓީއޯއިން ހުރިހާ މެންބަރު ގައުމުތަކާމެދުވެސް ދެކެނީ އެއް ނަޒަރަކުން ކަމަށާ ނަމަވެސް، ރާއްޖޭން ކުރާ މި މަސައްކަތުގައި ބައިވެރިވެ ހާއްސަ އެހީތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭން މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމް ކުރުމަށް ގައުމުތަކާއެކު މަޝްވަރާ ފަށާފައިވާ ކަމަށާއި، އެހެންވެ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިނިވަން ވިޔަފާރިއަކީ މީހުން ފަރިތަ މައުލޫއަކަށް ހެދުން ކަމަށެވެ.

"ޗައިނާ އާއި ހޮންކޮންގާއެކު މަޝްވަރާ ވަނީ ފެށިފައި. އިތުރު އެހެން ގައުމުތަކާއެކު ވެސް. އެހެންވެ ރައީސް އަށް ގަބޫލުކުރެވޭ ރާއްޖޭގައި ޓްރޭޑް ނެގޯސިއޭޝަން ސްކިލްސް ނުވަތަ ސަބްޖެކްޓެއްގެ ގޮތުގައި ސަރުކާރުގެ މުއްސަސާތަކާއި ހައިސް ސްކޫލްތަކަށް ވެސް ވާން ޖެހޭ. އެހެންވެ މި ފަދަ ތަމްރީން ތަކެއް ފެށީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ތަމްރީން ތަކެއް ކުރި އަށް ގެންދިއުމުގައި ޑަބްލިއުޓީއޯގެ އެހީތެރިކަން ދިނުމަކީ ހެޔޮ ފާލެއް ކަމަށެވެ.

"ޑަބްލިއުޓީއޯ ފަދަ ދުނިޔޭގެ ވިޔަފާރީގެ އިސް ފަރާތްތަކުން އީޖާބީ ޖަވާބެއް ދެއްވުން މިއީ އެ ބޭފުޅުން ވެސް މިކަމަށް އީޖާބީ ޖަވާބެއް ދޭކަމުގެ ނިޝާނެއް،" ސައީދު ވިދާޅުވި އެވެ.

ވިޔަފާރީގެ މަޝްވަރާކުރާނެ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ޗައިނާ އާއި ހޮންކޮންގާއެކު ދިވެހި ސަރުކާރުން ދަނީ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރަމުންނެވެ. އަދި އިތުރު ގައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ގާއިމް ކުރަން ވަނީ ދައުވަތު ދީފަ އެވެ.