ރަވީ ފާރޫގް ޑައިރެކްޓްކޮށް ޔާރާ ޕްރޮޑަކްޝަންސް އިން އަންނަ މާޗު މަހުގެ އަށް ވަނަ ދުވަހު ޕްރިމިއާކުރަން ތައްޔާރުވެފައިވާ ފިލްމު "ވިޝްކާ" އަކީ އޭގައި ވަރަށް "އަނދިރި ޕްލޮޓެއް" އޮތް ފިލްމެކެވެ. މަކަރާއި ހީލަތާއި ކެއްސާއި އަނިޔާ އާއި މާރަމާރީގެ އަނދިރި ކުލަތަކަކުން ގެތިގެން އެމުނިގެން ނިއުޅިގެން އަންނަ ފިލްމެކެވެ. -- އަދި މިއަށް ވުރެ ބޮޑު ހަގީގަތަކީ މި ކުލަތަކާއި ޓްވިސްޓްތަކަށްވުރެން ބޮޑު އަނދިރިކަމެއްގެ ތެރެއަށް މި ފިލްމެއްގެ މިލްކުވެރިކަމާއި ޓީމު ދަމައިގެން ގޮސްފައިވާ ކަމެވެ.
"ވިޝްކާ" ގެ މިލްކުވެރިކަމާއި އޮރިޖިނާލިޓީގެ މައްސަލަ އަދި މި ފިލްމެއްގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތްކޮށްފައިވާ ބަޔަކަށް ލިބެން ޖެހޭ އެހެނިހެން ކްރެޑިޓް ނުދިނުމުގެ ބޮޑު މައްސަލަގަނޑެއް ހިލިގެން އުޅޭއިރު މިއީ މާޗު މަހު އަހަރެމެން އެންމެން ބަލަން ކެތްމަދުވެފައިވާ ފިލްމަށް ވުރެން ވެސް ޓްވިސްޓްތައް އޭގައި ބޮޑު މައްސަލަގަނޑެކެވެ. އެހެންވީމަ މިއަދު މީގެ އެއް ވާހަކަ ކިޔައިދީފައި އަނެއް ޓްވިސްޓް މާދަމާ ގެނެސްދޭނީ އެވެ.
މިއަދުގެ ޕްލޮޓް ފެށިގެން އަންނަނީ "ވިޝްކާ" އޭ ކިޔުނު ކުރު ވާހަކައަކަށް ފިލްމު ސްކްރީންޕްލޭއެއް ލިޔުމަށް މަޝްހޫރު ސްކްރީންރައިޓަރު މަހުދީ އަހުމަދާ ހަވާލުކުރެވުނު ހިސާބުންނެވެ. އޭރު މި ވާހަކައެއް ނިމޭއިރު، "ސާލިމް އާއި ޖާވިދެއް" ގެ ކުލަ ޖެހިގެން ދިޔަ މަހުދީ އާއި އަހުމަދު ޒަރީރުގެ ސްކްރީން-ރައިޓިން ޕާޓްނާޝިޓް ނިމުމަކަށް އައި ސަބަބު ވެސް ފެނިގެންދާނެ އެވެ.
ބުރޯ އިން ނެތް ދިވެހި ސިނަމާގައި މަހުދީ އާއި ޒަރީރު ވެގެން ދިޔައީ ހަގީގަތުގައި ވެސް ނިކަން ބޮޑު ދެ ބުރޯއަކަށެވެ. ދެ މީހުން އެކުގައި ވަރަށް މަޝްހޫރު ޓީވީ ޑްރާމާ އާއި އެހާމެ މަގްބޫލު އަދި މޮޅު ފިލްމުތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދިނެވެ. ނަމަވެސް އެ "ބްރޯމެންސް" ގެއްލި މި ދެ ލިޔުންތެރިން މިއަދު މި ވަނީ ހަތުރުންނަށް ބަދަލުވެފަ އެވެ.
ކުށްވެރިޔަކީ ކާކުތޯ ބެލުމަށް ކުރެވޭ ސުވާލުތަކާ އެކު ތުހުމަތުގެ އިނގިލި ދިއްކުރެވިފައި ވަނީ އިޝާންޓޭއެއްގެ ދަލުން ސަލާމަތްނުވެވިގެން އުޅޭ "ވިޝްކާ" އަށެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟
ސާލިމް އާއި ޖާވިދެއްގެ ސިފަ ޖެހުނު ބްރޯމެންސް އުފެދުން
އޮފީސް ތަކުގެ ޓެލެ ޑްރާމާ މުބާރާތުން ފެށިގެން ވެސް މަހުދީ އަކީ ކުޅަދާނަކަމާއި ހުނަރުވެރިކަމަށް މަޝްހޫރުވެފައިވީ ސްކްރީންރައިޓަރެކެވެ. ވަކިން ހާއްސަކޮށް ހުނަރުވެރި ސްކްރީންރައިޓަރުންތަކެއް ނެތް ދިވެހި ސިނަމާގައި އޭނާގެ ހުނަރާއި ސިފަކުރުންތައް ވީ ރަނަށެވެ. މަހުދީގެ މި ކެރިއަރުގައި، ނަމުން އެހާ މަޝްހޫރު ނޫނަސް ހުނަރުން މުއްސަނދި އަނެއް ލިޔުންތެރިޔާ ޒަރީރުއާ އެކު "ރައިޓިން ޕާޓްނާޝިޕެއް" ފައްކާކުރުން ވެގެން ދިޔައީ ދިވެހި ސިނަމާ އަށް އައި ބިންހެލުންތަކުގައި ބެލުންތެރިންނަށް ލިބުނު ގެއްލުން ކުޑަކޮށްދިން ހިމާޔަތަކަށެވެ.
މި ދެ ލިޔުންތެރިންގެ ފިލްމުތަކުން އޮލިމްޕަހުގެ އިސްކިރީނު ފުރެން ފެށުމުން އެންމެން ވެސް ތިބީ ބޮލީވުޑްގެ މަޝްހޫރު ރައިޓިން ޑުއޯއެއް ކަމުގައިވީ ސާލިމް އާއި ޖާވިދެއްގެ ޖާދޫއެއް އަންނަން އުޅޭ ކަމަށް ހީކޮށްގެންނެވެ. ސަބަބަކީ މަހުދީ އާއި ޒަރީރުގެ ރައިޓިން ޕާޓްނާޝިޕް ހީކުރި ވަރަށް ވުރެން ވެސް ރަނގަޅުވުމެވެ.
މި ދެ މީހުން އެކުގައި ކުރި ފުރަތަމަ މަސައްކަތަކީ އެޓޯލްސްގެ މަޝްހޫރު ޓެލެ ޑްރާމާ "ފަންގި" އެވެ. ޒަރީރުގެ ލިޔުންތެރިކަމުގެ ހުނަރު މަހުދީ އަށް ފެނުނު ތަޖުރިބާއަކީ އެއީއޭ ބުނެވިދާނެ އެވެ. ސަބަބަކީ އެއަށް ފަހު މަހުދީ ލިޔުނު ގިނަ ޑްރާމާ އާއި ފިލްމުތަކުގެ މަސައްކަތަށް އަބަދުވެސް އެންމެ ފުރަތަމަ މަހުދީ ގުޅައިގެން އެހީތެރިކަން ހޯދި ލިޔުންތެރިޔަކަށް ޒަރީރުވެފައިވުމެވެ.
ދެ މީހުން އެކުގައި ލިޔެފައިވާ ފަހުގެ ފިލްމުތަކަށް ބަލާއިރު އަލީ ސީޒަންގެ "އަހުޝަމް" އާއި "ވީބޭވަފާ" އަދި ޕްރޮޑަކްޝަންގެ މަސައްކަތުގައި މިހާރު ތާށިވެފައި އޮތް "ހަތަރު ހަޅަ" އިގެ ތިން ސެގަމަންޓާއި އެޓޯލްސްގެ މަޝްހޫރު އަނެއް ޑްރާމާ "ތިނެއް ނޮވެމްބަރު" ވެސް ފާހަގަކޮށްލެވެ އެވެ. އެއަށް ފަހު މި އަންނަނީ "ވިޝްކާ" އެވެ.
ނަމަވެސް "ވިޝްކާ" ގެ ރެޑް ކާޕެޓަށް މަހުދީ ތައްޔާރުވަމުން އަންނައިރު ޒަރީރު ހުރީ އެއް އިރެއްގެ މި "ބުރޯ" އާއެކު ރެޑް ކާޕެޓަށް ދިއުމުގެ ހިޔާލެއްގައެއް ނޫނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
ވިޝްކާގެ ނަމުގައި ކެހި ދިނީ މަހުދީތަ؟
މި މައްސަލައިގެ ހަގީގަތް އޮޅުންފިލުވުމަށް މަހުދީ އަށް ގުޅައިލުމުން "ވިޝްކާ އާއި ޒަރީރު" އާ ބެހޭ އެއްވެސް މައްސަލައަކަށް ކޮމެންޓްކުރަން އޭނާ ބޭނުމެއް ނުވި އެވެ. ނަމަވެސް މަހުދީގެ ކުރީގެ "ރައިޓިން ޕާޓުނަރު" ހުރީ މި މައްސަލާގައި އެއް އިންޓަވިއު އަށް ވުރެ ގިނަ އިންޓަވިއު ވެސް ދޭ ކަހަލަ ފޯރިއެއްގަ އެވެ. -- ސަބަބަކީ "ވިޝްކާ" ގެ މަސައްކަތް ނިމި އޭގެ ސްކްރީންޕްލޭގެ ކްރެޑިޓް މަހުދީ އަށް ދީފައިވާއިރު މި ފިލްމެއްގެ ފުރަތަމަ ޑްރާފްޓް ތައްޔާރުކުރި ސްކްރީންރައިޓަރަށް ލިބެން ޖެހޭ ހައްގާއި އަގު ފުރިހަމަ އަށް އަދާކޮށްފައި ނެތުމެވެ.
ޕްލޮޓްގައި ވެސް އަނދިރިކަމެއް އޮތް "ވިޝްކާ" ގެ ވާހަކަ މިހައި ހިސާބުން އިތުރަށް އަނދިރިވެގެން ދަނީ މަހުދީ އާއި ޒަރީރުއާ ދެމެދު އޮތް "ރައިޓިން ޕާޓްނާޝިޕެއް" ގެ ސަބަބުންނެވެ. "ވިޝްކާ" ގެ ފުރަތަމަ ޑްރާފްޓް ލިޔުނީ ޒަރީރު އެވެ. ނަމަވެސް މި މައްސަލައެއްގެ ސަމާސާއަކީ އެކަން ޒަރީރު ކުރިކަން އެންމެ ފުރަތަމަ ފިލްމުގެ ބަތަލާ އައިޝަތު ރިޝްމީ އާއި ޑައިރެކްޓަރު ރަވީ ފާރޫގަށް ވެސް އެނގިފައި ނެތް ކަމެވެ.
ފިލްމުގެ ފުރަތަމަ ސްކްރިޕްޓް ޑްރާފްޓްކުރީ ޒަރީރުކަން ރަވީ އާއި ރިޝްމީ އަށް އެނގުނީ ފިލްމުގެ އިޝްތިހާރާއި ޓްރެއިލާތައް ބަލައިގެން ވެސް އޭގެ ކްރެޑިޓުން ޒަރީރުގެ ނަން ނުފެނިގެން އެ މައްސަލާގައި އޭނާ އަމިއްލަ އަށް ރިޝްމީ އަށް ޚަބަރެއްވުމުންނެވެ. އޭރު ފުރަތަމަ ޑްރާފްޓް ގެންދިޔަ ގޮތަށް ފިލްމާ ބެހޭ އަޕްޑޭޓްސްތަކެއް މަހުދީގެ ފަރާތުން ޒަރީރަކަށް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"ދެން މަހުދީ އަށް މެސެޖުކޮށްފައި އަޅުގަނޑު އެހީ ކީއްވެހޭ ކްރެޑިޓްގައި މަގޭ ނަން ނެތީ. ބުނީމަ ރިޕްލައި އަކަށް އަންނަނީ އިޓް އިޒް އަ ޑިފަރެންޓް ސްޓޯރީއޯ. ދެން އެހިސާބުން އަޅުގަނޑު ރިޕްލައިއެއް ނުކުރަން. ދެން ބަލަން ބޭނުންވީ ޑިފަރެންޓް ސްޓޯރީއަކަށް ވަނީ ކިހިނެތްތޯ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ޒަރީރު ބުންޏެވެ.
"އޭރު ޓީޒާ ވެސް ދައްކާލައިފި. ދެން ޓީ ބާލާފައި އެނގޭ ތިން ކެރެކްޓާކަން މި އުޅެނީ މީގައި. ޓީޒާގައި ސައީދު ދައްކާލި މަންޒަރުން ވެސް އަޅުގަނޑަށް އެނގޭ އެއީ ކޮން މަންޒަރެއްކަން ވެސް. ޑައިލޮގްސްތައް ވެސް. ދެން ރިޝްމީ އަށް މެސެޖުކުރީ. ރިޝްމީ ވެސް ވީ ސަޕްރައިޒް. ރިޝްމީ ވެސް އެހީ ޒަރީރުހޭ ލިޔުނީ."
މި މައްސަލަ އެންމެފަހުން ހޫނުވެގެން ގޮސް މަހުދީ އާއި ޒަރީރުގެ ބްރޯމެންސް އަޅިއަށް ވެގެންދިޔަ ނަމަވެސް ޒަރީރު ބުނާ ގޮތުން މަހުދީ ނިންމީ އޭނާގެ ނަމަށް ކްރެޓިޑް ނުދޭށެވެ.
"އެމީހުން ބުނަނީ މިހާރު ޝޫޓްކޮށްފައިވާ ފިލްމުގައި ހުރީ އަޅުގަނޑު ލިޔުނު ސްކްރިޕްޓްގެ 30 ޕަސެންޓޭ. އެހެން ބުނެފައި ބުނީ އުސޫލެއްގެ ގޮތުން އެވަރުން ނުޖެހޭނެއޭ ކްރެޑިޓް ދޭން،" ޒަރީރު ކިޔަިއިދިނެވެ.
"ދެން އަޅުގަނޑު ބުނިން ވަކި ޕަސެންޓެއް އޮވެގެން ކްރެޑިޓް ދޭކަށް ނޫނޭ މަސައްކަތްކުރީކީ. މިހާރު ހެދި ފިލްމުގެ 70 ޕަސެންޓް އައީ އަޅުގަނޑު އެންމެ ފުރަތަމަ ލިޔުނު ޑްރާފްޓް ބަލައިގެންނޫންތާއޭ. އެއީ އަހަންނަށް ޔަގީން ސައީދުގެ ކެރެކްޓާގައި ވެސް އެހުރި ހުރިހާ ޑައިލޮގްތަކެއް ގާތްގަނޑަކަށް އެއީ އަހަރެންގެ ޑައިލޮގްތައްކަން."
މައްސަލަ ހޫނުވެ، ޒަރީރު ބޭނުންވާ ގޮތަށް ކްރެޑިޓް ނުލިބޭނެކަން ޔަގީންވުމުން އޭނާ ބުނީ އެންމެފަހުން އެ މައްސަލައިން ނުކުތީ ކަމަށެވެ.
"ދެން އަޅުގަނޑު ބުނިން ތި މީހުން ބޭނުން ގޮތެއް ހަދާށޭ. އެކަމަކު ފިލްމުގައި އަޅުގަނޑުގެ އެއްވެސް ޑައިލޮގެއް ހުރެގެން ނުވާނެއޭ. އަޅުގަނޑު ނޫޅެން ކޯޓަށް ދާކަށް. އަޅުގަނޑު ބުނިން ކޯޓަށް ވެސް ދެވިދާނެއޭ. މިވަރަށް އެއްޗެހި އެބަހުއްޓޭ ފެންނަން،" ޒަރީރު ބުންޏެވެ.
"މީހުން ބުނޭ އަޅުގަނޑާއި މަހުދީއާ ލިޔުނީމަ ވަރަށް މޮޅޭ. އަޅުގަނޑު ބުނަނީ ދެ މީހުން އެއްކޮށެއް ނޫނޭ މި ލިޔަނީ. ކަލޭމެންނަށް ނޭނގެނީއޭ. އަޅުގަނޑޭ ލިޔަނީ. މަހުދީ ކުރާ ކަމަކީ އެޑިޓްކޮށްލާފަ ޝޫޓިން ސްކްރިޕްޓަކަށް ބަދަލުކުރުމޭ."
ފިލްމުގެ ޑައިރެކްޓަރު ބުނަނީ ކީކޭ؟
"ވިޝްކާ" ގެ ސްކްރީންޕްލޭ ލިޔުނު ކަމަށް ބުނެ ޒަރީރުކުރާ ދައުވާ އަށް އެއްވެސް ކަހަލަ ކޮމެންޓެއް ކުރަން މަހުދީ ބޭނުންނުވިޔަސް ޑައިރެކްޓަރު ރަވީ އަތުގައި ވަރަށް ބައިވަރު ވާހަކަ އެބަހުއްޓެވެ. އޭނާ ބުނަނީ ޒަރީރުގެ މަސައްކަތަށް ފިލްމުގައި ކްރެޑިޓް ހިމަނަން ބޭނުންވިޔަސް ޒަރީރު އެގޮތް ބޭނުން ނުވަނީ ކަމަށެވެ.
"އަހަރެމެން މި ބުނަނީ ޒަރީ އަށް ކުރެޑިޓް ދީފާނަމޭ. އެކަމަކު ޒަރީ ބުނަނީ ކްރެޑިޓް ބޭނުމެއް ނޫނޭ. ދެން ދާއިރާ އިން މި ކައްކާ ގޭސްގަނޑެއް އަޅުގަނޑަކަށް ނޭނގޭ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ރަވީ ބުންޏެވެ.
ޒަރީރަށް ފިލްމުގައި ކްރެޑިޓް ދޭން ހުށަހެޅީ "އެޑިޝަނަލް ޑައިލޮގްސް" އަށެވެ. އެއީ ޒަރީރު ލިޔުނު ފުރަތަމަ ސްކްރިޕްޓްގައި ހިމެނޭ ޑައިލޮގްތަކެއް ފިލްމުގައި މިހާރު ވެސް ހުރެދާނެތީ އެވެ.
"ޒަރީ ބުނަނީ ފިލްމުގައި ތިމަންނަގެ 50 ޕަސެންޓް ހިޔާލު އިންނާނެއޭ. އެކަމަކު އޭނަ އަކަށް ނޭނގޭ އޭނަ ލިޔުނު ޑްރާފްޓް ބަދަލުކުރި ކަމެއް. އަދިވެސް ނުބުނަން ވިޝްކާގައި ޒަރީގެ ޑައިލޮގެއް ނެތެކޭ. އިނދެދާނެ،" ރަވީ ކިޔައިދިނެވެ.
"ދެ މީހަކަށް ކްރެޑިޓް ދެވޭނީ 50 ޕަސެންޓް ހިއްސާ އޮތިއްޔާ. 31 ޕަސެންޓްގެ ހިއްސާއެއް އޮތީ ޒަރީރުގެ މި ޝޫޓްކުރި ސްކްރިޕްޓްގައި. ދެން އެ 31 ޕަސެންޓް ބަހާލީމަ ވެސް 50 ޕަސެންޓެއް ޒަރީއަކަށް ނުލިބޭ."
ރަވީ ބުނީ ސްކްރީންޕްލޭ އަށް ކްރެޑިޓް ދިނުމުގައި ބަލާފައި ވަނީ ހޮލީވުޑްގައި ބޭނުންކުރާ ބައިނަލްއަގުވާމީ މިންގަނޑަކަށް ކަމަށެވެ. ނަމަވެސް ޒަރީރު ބުނަނީ މިއީ ހޮލީވުޑަށް ނުވާއިރު އެގޮތަށް އޭނާގެ މަސައްކަތަށް ކްރެޑިޓް ވެސް ބޭނުންނުވާ ކަމަށެވެ.
"އެޑިޝަނަލް ޑައިލޮގްސް އަށް ކްރެޑިޓްސް ދޭން ބުނި. އެކަމަކު އަޅުގަނޑު ބުނިން އެގޮތަށް ކްރެޑިޓްސް ބޭނުމެއް ނޫނޭ އެގޮތަކަށް ނޫނޭ ކްރެޑިޓް ދޭން ޖެހެނީ. އެއީ އަޅުގަނޑަށް މި ފެންނަނީ އަޅުގަނޑު ލިޔުނު މަންޒަރުތަކާއި ޑައިލޮގްސްތައް ޓްރެއިލާއިން."
އެކަމަކު ޒަރީރު މިހެން ކިޔާފައި މި މައްސަލައަކުން ނުކުތަސް "ވިޝްކާ" ގެ ކުޅިގަނޑު އަދި ނިމުނީކީއެއް ނޫނެވެ.