ދުނިޔެ

އޮސްޓްރޭލިއާގައި މަތިންދާބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

Feb 21, 2017

އޮސްޓްރޭލިއާގެ މެލްބަންގެ އެއާޕޯޓަކުން ފުރި ކުޑަ މަތިންދާބޯޓެއް ޝޮޕިން މޯލެއްގެ މައްޗަށް ވެއްޓި އެ ބޯޓުން ދަތުރުކުރި ފަސް މީހުން މަރުވެއްޖެ އެވެ.

އޮސްޓްރޭލިއާ ފުލުހުންނާ ހަވާލާދީ ބީބީސީ ބުނީ މެލްބަންގެ ރަށްބޭރުގައިވާ އެސެންޑަން ނަމަކަށް ކިޔާ ސަރަހައްދުގެ އެއާޕޯޓުން އުދުއްސާލި އެ ބޯޓް ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނީ އިންޖީނު ހުއްޓިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބުނީ ބޯޓް ވެއްޓުމުގެ ސަބަބުން މަރުވީ އެމެރިކާގެ ހަތަރު މީހަކާއި ބޯޓް ދުއްވަން އިން އޮސްޓްރޭލިއާ މީހެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ކިންގް އެއާ ނަމަކަށް ކިޔާ އެއާލައިނުގެ ބީ200 މަރުކާގެ އެ މަތިންދާބޯޓް ވެއްޓުނު ހާދިސާ ތަހުގީގު ކުރާނެ ކަމަށް އެގައުމުގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ބުންޏެވެ.

ބޯޓް އެތަނެއްގެ މައްޗަށް ވެއްޓުނު ސްޕޮޓްލައިޓް ޝޮޕިންމޯލް އިން ބުނެފައި ވަނީ ބޯޓް ވެއްޓުނީ އެތަނުގެ މުދާ ރައްކާކުރާ ބައެއްގެ މައްޗަށް ކަމަށާއި އެހާދިސާ ހިނގި އިރު އެބައިގައި އެއްވެސް މުވައްޒަފަކު ނެތް ކަމަށެވެ.

މަތިންދާބޯޓް ވެއްޓުނު ހާދިސާގައި މަރުވި ހަތަރު މީހުންނަކީ އެމެރިކާގެ ރައްޔިތުން ކަން އޮސްޓްރޭލިއާގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.