ދުނިޔެ

މެލޭޝިއާ އިން އާ އެއާލައިނެއް ތައާރަފްކޮށްފި

މެލޭޝިއާ އިން އާ އެއާލައިނެއް ތައާރަފްކޮށްފައިވާއިރު މިދިޔަ އަހަރަކީ އެގައުމުގެ އޭވިއޭޝަންގެ ދާއިރާ އަށް ހިތާމަވެރި އަހަރެކެވެ. އެގޮތުން މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓެއް ގެއްލި އެމީހުންގެ އިތުރު އެއް ބޯޓް ޔުކްރެއިން މަތިން ދަތުރުކުރަނިކޮށް މިސައިލް ހަމަލާއެއްގައި ވައްޓާލާފައިވެ އެވެ.

މީގެ އިތުރުން މެލޭޝިއާގެ އެއާއޭޝިއާގެ މަތިންދާބޯޓެއް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެއްޓި 162 މީހަކު މަރުވެފައިވެ އެވެ.

މެލޭޝިއާގެ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ފްލައިމޯޖޯގެ ފްލައިޓް ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ މެލޭޝިއާގެ ސަރަހައްދަށް ނިސްބަތްވާ މަންޒިލުތަކަށެވެ.

ފްލައިމޯޖޯ ތައާރަފްކުރުމަށް ފަހު އެމީހުން ވަނީ ކެނެޑާގެ މަތިންދާބޯޓް އުފައްދާ ކުންފުނި ބޮމްބާޑިއާއާ އެކު 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ބޮމްބާޑިއާ އިން 125 މީހުންގެ ޖާގައިގެ ސީއެސް100 މަރުކާގެ 20 މަތިންދާބޯޓް ފްލައިމޯޖޯ އަށް ފޯރުކޮށްދޭނެ އެވެ.

މެލޭޝިއާ އިން ބުނެފައި ވަނީ ފްލައިމޯޖޯއާ އެކު އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތަކުގެ ފެންވަރު ރަނގަޅުވެ ދާއިރާ އަލުން ކުރިއަށް ޖެހިލާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.