ކުޅިވަރު

މެން ސިޓީގެ ކަރަށް މަޅި މެހޭތަން ބަލަން ދުނިޔެ ބޭނުން!

Feb 21, 2017

މެންޗެސްޓާ ސިޓީ އަށް މޮޅު ނުވެވި، އެ ޓީމުގެ ކަރަށް މަޅި މެހޭތަން ބަލަން މުޅި ދުނިޔެ ބޭނުންވާނެ ކަމަށާއި އެ ކަމަށް ސަމާލުވާން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ފްރާންސްގެ މޮނާކޯއާ ދެކޮޅަށް، މިރޭ ނިކުންނަ މެޗުގެ ކުރިން، މީޑިއާގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، މެޗުގެ މުހިންމު ކަން ވިސްނައި ދިނުމަށް، ކުޅުންތެރިންނަށް ވިސްނައި ދިފައިވާނެ ކަމަށާއި ކުޅުންތެރިން އެކަމަށް ފަރުވާތެރިވާނެ ކަމަށެވެ.

"ދެ ވަނަ ބުރާ ހަމަޔަށް އައުމަކީ ފަސޭހަ ކަމެއް ނޫން، އަހަރެން ބޭނުން ވަނީ ކުޅުންތެރިންނަށް ވިސްނައިދޭން މި ހާލަތައް އެންޖޯއި ކުރާށޭ،" ގާޑިއޯލާ ބުންޏެވެ.

މީގެ ކުރިން ބަޔާން މިޔުނިކާއި ބާސެލޯނާ އަށް ކޯޗް ކޮށްދިން ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި، ޗެމްޕިއަންސް ލީގްގެ ސެމީފައިނަލާ ހަމަޔަށް ނުގޮސް، އޭނާ ގެ ދަތުރު ނިންމާލަފަ އެއް ނުވެ އެވެ.

"މުޅި ޔޫރަޕް އަހަރެމެންގެ މެޗު ބަލާނެ، އަހަރެމެންގެ ކުޅުން އެނަލައިސް ކުރާނެ، އަދި މޮޅު ނުވެއްޖެ ނަމަ އަހަރެމެން މަރު ވާން މުޅި ދުނިޔެ ބޭނުން ވާނެ، އަހަރެމެން މޮޅު ވެއްޖެ ނަަމަ ބުނާނެ އަހަރެމެން ހާދަ މޮޅޭ، އެގޮތަށް ދެކުން ވެސް އެއީ އަހަންނަށް ކަމުދާ ކަމެއް،" ގާޑިއޯލާ ބުންޏެވެ.

އެފްއޭ ކަޕުގައި، އެންމެ ފަހުން ހަޑާސް ފީލްޑާ ދެކޮޅަށް، ސިޓީ ކުޅުނު މެޗު ނިމުނީ، ލަނޑެއް ނުޖެހި އެއް ވަރުވެގެން ނެވެ. ސިޓީ އަށް ކުރިމަތިވި މައްސަލައަކީ، މި އަހަރު ފެށުނު ފަހު އެ ޓީމާ ގުޅުނު ބްރެޒިލްގެ އުމުރުން 19 އަހަރުގެ ގެބްރިއަލް ޖީސަސް އަށް އަނިޔާ ވެފައި ވުމެވެ. ނަމަވެސް މިރޭގެ މެޗުގެ ފޭވަރިޓަކީ މެން ސިޓީ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.


"މީހުން ވިސްނަފާނެ އެއީ މެން ސިޓީ އޭ، އެހެންވެއްޖެއްޔާ އޯކޭ ވާނެޔޭ، އެއީ އިނގިރޭސި ފުޓްބޯޅަ ޓީމެއް ނޫންހޭ، އެންމެ ހައިބައިވެތި ފުޓްބޯޅަ ލީގަކީ އިނގިރޭސި ލީގޭ، އެންމެ ގިނަ މީޑިއާއި އެންމެ ބޮޑަށް އިސްތިހާރު ކުރެވޭ ލީގަކީ އިނގިރޭސި ލީގޭ. ނަމަވެސް މި މުބަރާތުގައި [ޗެމްޕިއަންސް ލީގް ގައި] ބޮޑު ކުލަބެކޭ، ކުޑަ ކުލަބެކޭ ބުނަކަށް ނޭންގޭނެ، ބޮޑެތި ކުލަބުތައް އެބަހުރި މިހިސާބަށް ނާދެވި، އެހެންވެ އަހަރެން ކުޅުންތެރިންގެ ގާތު ބުނަނީ މިހިސާބަށް އާދެވުމުންވެސް އަހަރެމެންނަކީ ނަސީބު ގަދަ ބައެކޭ،"

އޭނާ ބުނީ އެހެންވެ މެން ސިޓީ އިން ވެސް އެކަން ފާހަގަ ކުރަން ޖެހޭނެ ކަމަށައި ޗެމްޕިއަންސް ލީގްގެ ތަޖުރިބާ ބޮޑު ބާސެލޯނާ އާއި ބަޔާން މިޔުނިކުގައިވެސް އޭނާ އަމަލު ކުރާ ގޮތަކީ އެއީ ކަމަށެވެ.