ކުޅިވަރު

ގެމޭރޯ ބަދަލު ކުރުމުން ގްރީޒްމަން ރުޅި ގަދަ ވެއްޖެ

Feb 22, 2017

ޗެމްޕިއަންސް ލީގްގައި، ރޭ ބަޔާން ލެވަކޫސަންއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގައި، ކެވިން ގެމޭރޯ ބަދަލު ކުރުމުން، އެންޓޯނިއޯ ގްރީޒްމަން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކޮށްފި އެވެ.

ފްރާންސަށް ނިސްބަތްވާ އެ ދެކުޅުންތެރިން ނަކީ، އެތުލެޓިކޯގެ ހަމަލާ ތަކުގައި އެންމެ މުހިންމު ދެ ކުޅުންތެރިން ނެވެ. އަދި ގްރީޒްމަން އަށް ލަނޑު ޖަހަން އެންމެ ގިނަ އިން ފުރުސަތު ތަނަވަސް ކޮށްދޭ ކުޅުންތެރިޔަކީ ވެސް، ގެމޭރޯ އެވެ.

ރޭ ގެ މެޗުގައިވެސް، ގްރީޒްމަން ޖެހި ލަނޑަކީ، ދެކުޅުންތެރިންގެ ކޮމްބިނޭޝަން ބޭނުންކޮށްގެން ޖެހި ލަނޑެ ކެވެ. މެޗުގެ 71 ވަނަ މިނެޓްގައި، ގެމޭރޯ ބަދަލު ކުރަން އުޅުމުން، ގްރީޒްމަން ވަނީ އޭނާގެ މޫނު މަތިން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. ގްރީޒްމަން ވަނީ ވަރަށް ހައިރިރާން ވެފައި އޭނާ ކަންބޮޑުވުން ދަނޑު މަތީގައި ހުރެ ފާޅު ކޮށްފަ އެވެ.

"ނޫން! ނޫން! އެންމެ ރަނގަޅަށް ކުޅެމުން ދަނީ އޭނާ،" ގެމޭރޯ ބަދަލު ކުރަން، އުޅުމުން ދަނޑު މަތިގައި ހުރެފައި ގްރީޒްމަން ބުންޏެވެ. ނަމަވެސް މެޗްގެ 78 ވަނަ މިނެޓްގައި، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޭނޯ ވަނީ ގްރީޒްމަން ވެސް ބަދަލު ކޮށްފަ އެވެ.

ގެމޭރޯ ބަދަލު ކުރަން އުޅުމުން އޭނާގެ ފަރާތުން ފެނުނު ރިއެކްޝަނާ މެދު، މެޗުގެ ފަހުން، ނޫސްވެރިން ސުވާލު ކުރުމުން ގްރީޒްމަން ބުނީ، ސިމިއޭނޯ ނިންމީ އެންމެ ރަނގަޅަށް ކަމަށެވެ.

"ގެމޭރޯ ވަނީ އަހަރެމެންނަށް މުޅި ދަނޑުގައި އެހީ ތެރިވެފަ، އެހެންވެ އޭގެ މުހިންމުކަން އަހަރެން ވިސްނީ، ނަމަވެސް ކޯޗްގެ ނިންމުން ރަނގަޅު، ގެނައި ބަދަލު ތަކުން އަހަރެމެންނަށް ހަތަރު ވަނަ ލަނޑު ޖެހުނީ،" ގްރީޒްމަން ބުންޏެވެ.

އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ބަދަލުގައި ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ފެނާންޑޯ ޓޯރޭޒް އެވެ.