ބޮލީވުޑް

ތައިމޫރްގެ ނަން ބަދަލުކުރަން ސައިފް އުޅުނު، ކަރީނާ އެއްބަސް ނުވީ!

Feb 23, 2017
1

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން އަށް އަލަތު ދަރިއަކު ލިބިފައިވާއިރު، އެ ދަރިފުޅަށް ކީ ނަމާ އެކު ކަރީނާ އާއި ސައިފް ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.

ތައިމޫރް އަލީ ޚާންގެ ނަމުން މިދެތަރިންގެ ދަރިފުޅަށް ނަން ދިނުމާއެކު މި ނަމަށް ފާޑުކިޔުން އަމާޒުވެ ސޯޝަލް މީޑިއާގައި ކަރީނާ އާއި ސައިފަށް ވަނީ އިންތިހާ އަށް ފާޑުކިޔާފަ އެވެ.

ވަރަށް އަނިޔާވެރި ރަސްކަލެއްގެ ނަމުން އެމީހުންގެ ދަރިފުޅަށް ނަންކިޔާފައިވާ ކަމަށް ބުނެ ކަރީނާ އާއި ސައިފް އަށް އިންތިހާ އަށް ފާޑުކިޔާފައިވާއިރު، ތައިމޫރަށް ދެމަސް ދުވަސްވީއިރު އަދިވެސް އޭނާގެ ނަމާ ގުޅިގެން އުފެދިފައިވާ ކޮންޓްރިވާސީ ހުއްޓުމަކަށްނާދެ އެވެ.

ސައިފްގެ ތިން ވަނަ ދަރިފުޅު، ތައިމޫރު ލިބުނު ފަހުން އެ ދަރިފުޅާ ގުޅޭގޮތުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ތައިމޫރްގެ ނަމާ ގުޅޭގޮތުން އިންތިހާ އަށް ފާޑުކިޔުމުން އެކަމާ ބޯ ގޮވައި އޭނާގެ ދަރިފުޅުގެ ނަން އެހެން ނަމަކަށް ބަދަލުކުރަން އުޅުނު ކަމަށް ބުނެފަ އެވެ.

ސައިފް ވަނީ އެމީހުންގެ ދަރިފުޅުގެ ނަމާ ގުޅޭގޮތުން ރައްދުވަމުން އައި ތަފާތު ފާޑުކިޔުންތަކުގެ ސަބަބުން ދަރިފުޅުގެ ނަން ބަދަލުކުރަން އޭނާ ބޭނުންވި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރެވުނީ ކަރީނާ އެކަމަށް އެއްބަސް ނުވުން ކަމަށެވެ.

"ކަރީނާ މިކަމާ ގުޅިގެން އަހަރެން ކައިރި ބުނީ މީހުން ސައިފް ދެކޭ ގޮތަށް އިހުތިރާމްކުރެއޭ. އެހެންވީމަ އެކަން (ތައިމޫރްގެ ނަން) ބަދަލު ނުކުރާށޭ. މީހުން ދެކޭ ގޮތާ ހެދިއެއް ނޫން އަހަރެން ކަންބޮޑުވީ، އަހަރެން ކންބޮޑުވީ ދަރިފުޅުގެ މަގުބޫލުކަން ކުޑަވެދާނެތީ" ސައިފް ބުނެފައިވެ އެވެ.

އަދިވެސް ފަހަރެއްގައި ދަރިފުޅުގެ ނަން ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ސައިފް ވަނީ ދީފަ އެވެ. އޭނާ ވަނީ ތައިމޫރްގެ އުމުރުން ދެތިން އަހަރުވުމުން ފަހަރުގައި ދަރިފުޅުގެ ނަން ބަދަލުކޮށް ލުމުގެ ހިޔާލު ދޭތެރެ ދޭތެރެއިން ހިތަށް އަރާ ކަމަށް ބުނެފަ އެވެ.

ސައިފް އިތުރަށް ވަނީ ތައިމޫރް ނަން ބަދަލުކުރުމުގެ ހިޔާލާ އެކު އޭނާ ވަނީ އެކަން އިއުލާން ކުރަން ނޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ. ނަމަވެސް އޭތި އާންމުކުރުމުގެ ކުރިން އެކަމާ މެދު ވިސްނާލައި އެއީ ކުރަން ރަނގަޅު ނޫން ކަމެއް ކަމަށް ވިސްނި އޭނާ ވަނީ އެ ހިޔާލު ދޫކޮށްލާފަ އެވެ.

ތައިމޫރް އުފަންވި ދުވަހު ކަރިނާ އާއި ސައިފް އެމީހުންނަށް ފިރިހެން ކުއްޖަކު ލިބުނު ކަމަށް ބުނެ ނެރުނު ބަޔާނުގައި ވަނީ އެ ދަރިފުޅަށް ތައިމޫރްގެ ނަމުން ނަން ދީފައިވާ ކަމަށް ބުނެފަ އެވެ. އަދި ކަރީނާ އާއި ތައިމޫރް ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހުން ގެއަށް ގޮސްވަނީ އެ ގެ ކައިރިއަށް އެއްވެ ތިބި ނޫސްވެރިންނަށް ދަރިފުޅު ދައްކާލަފަ އެވެ.

ތައިމޫރް އުފަންވި ދުވަހުން ފެށިގެން އޭނާގެ ފޮޓޯ ސޮޝަލް މީޑިއާގައި ވެސް ދައުރުވަމުން އައިސްފައިވާއިރު، ތުއްތު ތައިމޫރްގެ ފޮޓޯއެއް މިފަހުން ވަނީ އާންމުވެފަ އެވެ. ސައިފް އޭނާގެ ވަޓްސްއެޕް އެކައުންޓުގެ ޕްރޮފައިލް ފޮޓޯގެ ގޮތުގައި ލާފައި އިން ފޮޓޯއެއް ކަމަށް ބުނެ އާންމުވި ފޮޓޯ އަކީ ތައިމޫރްގެ ފޮޓޯއެއް ކަން ސައިފް އާއި ކަރީނާ ވަނީ ޔަގީންކޮށްދީފަ އެވެ. އެ ފޮޓޯއިން ފެން ގޮތުގައި ދެމަހުގެ ތައިމޫރް ވައްތަރީ އޭނާގެ މަންމަ ކަރީނާ އާ އެވެ. ކަރީނާ ކަހަލަ މަޑު އަޅި ކުލައިގެ ލޮލެއް ތައިމޫރްގެ ވެސް ހުންނައިރު އޭނާގެ އިސްތަށި ކޮޅުގައ ވެސް ހުންނަނީ މަޑު މުށި ކުލަ އެކެވެ.