ބޮލީވުޑް

"ނަޗް ބަލިޔޭ 8" ގެ ޖަޖަކަށް ސޮނާކްޝީ؟

Feb 23, 2017

ޓީވީ ޝޯތަކުގައި ހަރަކާތްތެރިވަމުން އަންނަ ސެލެބްރިޓީ ޖޯޑުތަކުގެ ނެށުން ފެނިގެންދާ ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ" ގެ އަށް ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ފެށުމަށް އެ ޝޯ ދައްކާ ސްޓާ ޕްލަސްއިން ވަނީ ނިންމާފަ އެވެ.

މި އަހަރުގެ ޝޯގައި ފެނިގެންދާ ގިނަ ޖޯޑުތައް ވެސް މިހާރު ޔަގީންވެފައިވާއިރު މިޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެންދާ ބައެއް ފަރާތްތައް ވެސް ވަނީ ޔަގީންވެފަ އެވެ.

އެގޮތުން މިއަހަރުގެ ޝޯގެ ޖަޖެއްގެ ގޮތުގައި ޒުވާން ބަތަލާ ސޮނާކްޝީ ސިންހާ ފެނިގެންދާނެ ކަމަށްވެ އެވެ. މިއީ އިންޑިއަން އައިޑޮލް ޖޫނިއާ 8 ގައި ޖަޖެއްގެ ގޮތުގައި ސޮނާކްޝީ ފެނިގެން ދިއުމަށްފަހު މިފަދަ ޝޯއަކުން އޭނާ ފެނިގެންދާ ދެވަނަ ފަހަރެވެ.

އެންމެ ފުރަތަމަ މިއަހަރުގެ ސީޒަންގެ ޖަޖެއްގެ ގޮތުގައި ގެނައުމަށް މިޝޯ އުފައްދާ ފަރާތުން ހުށަހަޅާފައިވަނީ ޕަރިނީތީ ޗޯޕްޅާ އާއި ކާޖޮލް އަށެވެ. ނަމަވެސް އެ ދެތަރިން މި ޝޯއިން ލިބުނު ފުރުސަތު ދޫކޮށްލުމުން ސޮނާކްޝީ އަށް ހުށަހެޅުމުން އޭނާ ވަނީ ވަގުތުން މި ޝޯގެ ޖަޖެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އެއްބަސްވެފަ އެވެ.

މިދިޔަ އަހަރު ނިކުތް "ފޯސް 2" އިން އެންމެފަހުން ފެނިގެންދިޔަ ސޮނާކްޝީ ވަނީ މިފަހުން "ނޫރް" ކިޔާ ފިލްމެއްގެ ޝޫޓިން ނިންމާލާފަ އެވެ. އެ ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު ރާއްޖޭގައި އުފާވެރި ޗުއްޓީއެއް ހޭދަކުރުމަށްފަހު ސޮނާކްޝީ ވަނީ ސިދާތް މަލްހޯތުރާ އާއެކު ކުޅޭ "އިއްތިފާގް 2" ގެ ޝޫޓިން މި ހަފްތާގެ ތެރޭގައި ފަށާފަ އެވެ.

"ނަޗް ބަލިޔޭ" ގެ އެންމެފަހުގެ ސީޒަންގެ ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ޕްރިތީ ޒިންޓާ އާއި މަޝްހޫރު ވާހަކަލިޔުންތެރިޔާ ޗޭތަން ބަގަތް އާއި ކޮރިއޮގްރާފާ މަރްޒީ ޕެސްޓޯންޖީ އެވެ.

މި އަހަރުގެ ސީޒަންގެ ޖަޖެއްގެ ގޮތުގައި މަޝްހޫރު ކޮރިއޮގްރާފާ ޓެރެންސް ލެވިސް ފެނިގެންދާނެކަން ވަނީ ޔަގީންވެފަ އެވެ.