ދުނިޔެ

ދުނިޔެ ވަރުގެ ހަތް ޕްލެނެޓެއް ފެނިއްޖެ، ދިރުން ހުރެދާނެ

Feb 23, 2017

އެންމެ ތަރިއެއްގެ ވަށައިގެން ދައުރުކުރާ، ދުނިޔެއާއި އެއްވަރުގެ ހަތް ޕްލެނެޓް ސައިންސްވެރިންނަށް ފެނިއްޖެ އެވެ. މިއީ ނުޖޫމީ އިލްމުގައި މިހައިތަނަށް ހޯދުނު ރެކޯޑް މިންވަރުގެ ހޯދުމެކެވެ.

ޕްލެނެޓްތައް ހޯދި ސައިންޓިސްޓުން ބުނެފައިވަނީ އެ ޕްލެނެޓްތަކުގެ ސަތަހައިގައިވާ މާއްދާތަކަށް ރިއާޔަތްކުރާ އިރު އެ ޕްލެނެޓްތަކުގައި ދިޔާ ފެން ހުރުމަށް އެކަށީގެންވާ މާހައުލުތައް އެބަ އޮތް ކަމަށެވެ. ނަމަވެސް ދިރުން ހުރުން އެކަށީގެންވާ ސަރަހައްދެއްގައި (ދިރުން ހުރުމަށް އެކަށީގެންވާ ވަރުގެ ދުރުމިނެއް ތަރިއާއި ދެމެދު) ހުރީ އޭގެ ތެރެއިން އެންމެ ތިން ޕްލެނެޓްގަ އެވެ.

އަލަށް ފެނުނު ޕްލެނެޓްތައް ދައުރުކުރަނީ ދުނިޔެއާއި 40 އަލި އަހަރުގެ ދުރުމިނުގައިވާ ތަރިއެއްގެ ވަށައިގެންނެވެ. އެތަރިއަށް ސައިންސްވެރިން ދީފައިވާ ނަމަކީ ޓްރެޕިސްޓް 1 އެވެ.

އެމެރިކާގެ ދަ ޖާނަލް އޮފް ނޭޗާގައި ބުނެފައިވަނީ ޕްލެނެޓްތައް ފެނުނީ ޖައްވުގައިވާ ނާސާގެ ސްޕިޒާ ޓެލެސްކޯޕާއި ބިމުގައިވާ ތަފާތު އެތައް އޮބްޒަވޭޓްރީތަކެއް ބޭނުންކޮށްގެން ކުރި މަސައްކަތުން ކަމަށެވެ.

އެމަސައްކަތަށް ފަހު އެކުލަވައިލި ދިރާސާ ރިޕޯޓްގެ އިސް މުސައްނިފު، ބެލްޖިއަމްގެ ލިއޭޖް ޔުނިވާސިޓީގެ މިޚައިލް ގިލަން ވިދާޅުވެފައި ވަނީ އެ ޕްލެނެޓްތައް ހުރީ އެއްޕްލެނެޓް އަނެއް ޕްލެނެޓާއި ވަރަށް ކައިރީގައި ކަމަށާއި ތަރިއާއި ވެސް ކައިރީގައި ކަމަށެވެ.

ޕްލެނެޓްތައް އެ ތަރިއެއްގެ ވަށައިގެން ދައުރުކުރާ ތަރިއަކީ ވަރަށް ކުޑަ އަދި ފިނި ތަރިއެއް ކަމަށާއި ޕްލެނެޓްތަކުގައި ފެނާއި ދިރުން ހުރެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.