ކޮކާކޯލާއިން "ޓޭސްޓް ދަ ފީލިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ 27 ނަސީބުވެރިން ބެންކޮކަށް މިއަދު ފުރައިފި އެވެ.
ކޮކާކޯލާގެ ނަސީބުވެރިން ފުރުމަށް އެ ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ނަންބަރު އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައިގެން ނަސީބުވެރިން ހޮވާ ގޮތަށް، ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބެންކޮކަށް ފުރި ބައެއް މީހުން "އަވަސް" އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބެ ވާހަކަ ދައްކަމުން ބުނީ މިއީ މަދުން ނޫނީ ނުލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
"ހަގީގަތުގައި މިއީ ރަނުގެ ފުރުސަތެއް. ވެދާނެ ނަސީބަކުން ކަމަށް ވެސް. މަދު މަތިގަނޑުތަކެއް މެސެޖު ކޮށްލެން މި ލައްވައިލީ،" އާދަމް އަލީ ބުންޏެވެ.
އަންހެނުން ވެސް ގޮވައިގެން ބެންކޮކް ބަލައިލަން ދާން ފުރަން ގޮސް ހުރި އާދަމް ބުނީ ފުރަތަމަ ބެންކޮށް ދަތުރު ލިބުމުން ކޮކާކޯލާއިން ގުޅުމާ ގުޅިގެން ހީކުރީ "ފޭކު ކޯލެއް" ކަމަށެވެ.
"ފުރަތަމަ ހިއެއްވެސް ނުކުރަން މިއީ ހަގީގަތެއް ކަމަށް. އެކަމަކު ފަހުން އެނގުނީ މިއީ ހަމަ ހަގީގަތެއްކަން. ނަސީބު ދިމާވެއްޖެކަން،" އާދަމް ބުންޏެވެ.
އެހެން މީހަކު ބުނީ މި ދަތުރު ރާވާލާފައިވަނީ ވަރަށް ރަނގަޅަކަން އެނގިފައިވާ ކަމަށެވެ.
"ކޮންމެހެން ލިބޭނެ ކަމަށްނޫން. ހަމަ މެސެޖު ކޮށްލީ. ދެން ނަސީބު ރަނގަޅު ކަމުން ލައްވައިލީ. ބުނެލަން ބޭނުންވަނީ ކޮކާކޯލާގެ މެނޭޖުމަންޓަށް ޝުކުރިއްޔާއޭ،" ކޮކާކޯލާގެ ނަސީބުވެރިއަކަށް ހޮވުނު، އަބްދުﷲ ކަލީމް ބުންޏެވެ.
ކޮކާ ކޯލާގެ މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުނަށް ދެކޮޅު ޓިކެޓުގެ އިތުރުން ހުރުމާއި ކެއުން އަދި ބެކޮކުގެ ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ޓޭސްޓް ދަ ފީލިންގެ ނަމުގައި ކޮކާކޯލާއިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި 27 މީހަކަށް ހިލޭ ބެންކޮކު ދަތުރު ލިބުނުގެ އިތުރުން 18 މީހަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކޯކު ދީފައިވެ އެވެ.