ހަބަރު

ބަޖެޓަށް ބަރޯސާވުން ކުޑަކުރަން ސީއެސްސީއިން ފަންޑެއް ހުޅުވައިފި

Feb 23, 2017
4
  • ފަންޑުން ހަރަދުކުރަނީ މުވައްޒަފުންގެ ވެލްފެއާ، ތަމްރީންއަށް
  • ފަންޑަށް ފައިސާ ހޯދާނީ އިންސްޓިޓިއުޓް މެދުވެރިކޮށް
  • ސިވިލްސާވިސްއަށް ކާމިޔާބު ހޯދިއްޖެ ކަމަށް ބުނި

ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީއަށް އާމްދަނީ ހޯދުމުގެ ގޮތުން، ޓްރަސްޓް ފަންޑެއް ގާއިމްކޮށް އެ ފަންޑް މިއަދު އިފްތިތާހު ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ އަހަރީ ރިޕޯޓް ނެރުމަށް، ސިވިލް ސާވިސް އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަންޑް އުފެއްދުމުގެ ލިޔުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި އެކި ހެޔޮ އެދޭ ފަރާތްތަކުން އެ ފަންޑަށް ދޭ އެހީގެ ފައިސާގެ އިތުރުން، ދެން އެ ފަންޑަށް އާމްދަނީ ހޯދާނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓްޓިއުޓްގެ އެކި ޕްރޮގްރާމްތައް ހިންގައިގެން ލިބޭ އާމްދަނީ އިންނާއި އާމްދަނީ ހޯދުމަށް ކޮމިޝަނުން ހިންގާ އެކި ހަރަކާތްތަކުގެ ތެރެއިން އެވެ.

އެ ފަންޑް އުފެއްދުމުގެ ހަފްލާގައި ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވި ގޮތުގައި އެ ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނީ ރާއްޖޭގެ ސިވިލްސާވިސް ވަރުގަދަކޮށް މުވައްޒަފުންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށެވެ. އެގޮތުން މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރުމަށް އިންވެސްޓް ކުރުމާއި މުވައްޒަފުންގެ ވެލްފެއާގެ ކަންކަން ރަނގަޅު ކުރުމަށް އެ ފައިސާ އިން ހަރަދުކުރާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ ފަންޑް ގާއިމް ކުރެވުމުގެ ސަބަބުން ބަޖެޓަށް ބަރޯސާނުވެ ސިވިލްސާވިސްގެ ބައެއް ހަރަދުތައް ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.

ސީއެސްސީގެ ރައީސް ޝަމީމް ފާހަަގަ ކުރެއްވި ގޮތުގައި، މިދިޔަ ނުވަ އަހަރުގެ ތެރޭގައި މިދިޔަ އަހަރަކީ ގިނަ ގޮންޖެހުންތަކާ އެކުވެސް ސީއެސްސީ އިން ރަނގަޅު ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އަދި މިދިޔަ އަހަރަކީ އެންމެ ގިނަ މުވައްޒަފުން ތަމްރީން ކުރެވުނު އަހަރުކަން ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ސިވިލް ސާވިސްގެ ދެވަނަ ސްޓްރެޓީޖިކް ޕްލޭނަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އެކަމުގެ ސަބަބުން، ސިވިލް ސާވަންޓުންގެ މަސައްކަތުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި ކަމަށް ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ.

ސިވިލް ސާވިސްއަށް 10 އަހަރު ފުރުން މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރާނެކަން މިއަދު އިއުލާން ކުރި އެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަދަދު ވަނި 24،501 އަށް އަރައިފަ އެވެ. ސިވިލް ސަރވިސްގެ ވަޒީފާއިން މިދިޔަ އަހަރު 150 މުވައްޒަފުން ވަނީ މުސްކުޅިކުރައްވާފަ އެވެ.