ހަބަރު

ދަމަނަވެށީ ގައި "ފަހި ހިދުމަތް" އިފްތިތާހުކޮށްފި

ދަމަނަވެށީ ގައި "ފަހި ހިދުމަތް" ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްފި އެވެ.

މި ޕްރޮގްރާމަކީ ދަމަނަވެށިން ދޭ ހިދުމަތް ތަކުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ތައް ހޯދާ ފަރާތް ތަކުގެ ޝުއޫރު ދުވަހުން ދުވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖައްސާ، އޭގެ ނަތީޖާ ދުވަހުން ދުވަހަށް ބަލައި އެއާ އެއްގޮތައް ހިދުމަތް ތައް ބައްޓަން ކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދޭ ހިދުމަތް ވީހާވެސް ފަސޭހަކޮށް، ލުއި ކޮށް، އަދި އޯގާތެރިކަމާއެކު ފޯރުކޮށް ދިނުންކަމަށެވެ.

މިފަދަ ޕްރޮގްރާމެއް ދަމަނަވެށީގެ މުއައްޒަފުން އިސްނަގައި ފެށުމުން އުފާ ކުރައްވާ ކަމަށާއި ސިއްހީ ދާއިރާގެ ހުރިހާ ފަރާތުންވެސް ހިދުމަތް ދިނުމުގައި ވީހާވެސް އޯގާތެރިކަމާއެކު ހިދުމަތް ދޭން މަސައްކަތް ކޮށް ދިނުމަށް ވެސް މިނިސްޓަރު މިއަދު އެދި ވަޑައިގެންނެވި އެވެ.

ދަމަނަވެއްޓަކީ ފުރާވަރު ކުދިންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ބޭނުންވާ ކައުންސިލިން ގެ ހިދުމަތް ދިނުމާއި ދުންފަތުން ދުރުހެލިވާން އެދޭ ފަރާތް ތަކަށް އެ ހިދުމަތް ދިނުން ފަދަ ހިދުމަތް ތަކެއް ފޯރުކޮށްދޭ އިދާރާއެކެވެ.