ބޮލީވުޑް

ފިލްމުތައް ފްލޮޕްވާތީ ޝާހިދު މާޔޫސްވެފައި

Mar 5, 2017

މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުގެ ފިލްމީ ކެރިއަރުގައި ފާއިތުވި އަހަރަކީ ފާހަގަކުރެވޭ އަހަރެކެވެ. އޭނާ ޑްރަގް އެޑިކްޓެއްގެ ރޯލުން ފެނިގެންދިޔަ "އުޅްތާ ޕަންޖާބު" އިން ގިނަ އެވޯޑްތަކެއް ޝާހިދަށް ލިބިގެން ގޮސްފައިވާއިރު، ކާމިޔާބު ފިލްމަކަށްފަހު މިއަހަރު ރިލީޒްވި ޝާހިދުގެ "ރަންގޫން" އަށް ކުރެވުނު އުންމީދު ވެސް ބޮޑެވެ.

ނަމަވެސް ބޮކްސް އޮފީހުގައި "ރަންގޫން" ފްލޮޕްވެ، އެ ފިލްމު ވަނީ ޝާހިދުގެ ފްލޮޕްވި ފިލްމުތަކުގެ ލިސްޓަށް އިތުރުވި ބޮޅަކަށްވެފަ އެވެ.

ޝާހިދުގެ އިތުރުން ސައިފް އަލީ ޚާން އާއި ކަންގަނާ ރަނާވަތު ލީޑްރޯލުން ފެނިގެންދިޔަ މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިނގާ ދިޔަ ތިނެސްކަން ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ބޮކްސް އޮފީހުގައި "ރަންގޫން" ފްލޮޕްވުމާ ގުޅިގެން ޝާހިދު މިވަނީ އޭނާ އިންތިހާ އަށް ދެރަވި ކަމަށް ބުނެފަ އެވެ.

ޖެހިޖެހިގެން ރިލީޒްވި ފިލްމުތައް ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވަނިކޮށް 'ރަންގޫން" ފްލޮޕްވުމާ ގުޅިގެން ދެރަވި ކަމަށް ޝާހިދު ބުނެފައިވަނީ އޭނާގެ ފޭނުންނާއެކު ޓްވިޓާގައި ކުރިއަށް ގެންދިޔަ ޗެޓް ސެޝަނެއްގަ އެވެ.

ޝާހިދު ކުރެން އޭނާގެ ފިލްމުތައް ވިޔަފާރިގެ ގޮތުން ކާމިޔާބު ނުވުމުން އިހުސާސް ވަނީ ކިހިނެއްތޯ އެހުމުން ވަނީ ވަރަށް މާޔޫސްވި ކަމަށް ބުނެފަ އެވެ.

"ރަންގޫން" ފްލޮޕްވި ނަމަވެސް ޝާހިދު އަންނަނީ މަޑުޖައްސާލާފައި އޮތް ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ގެ ޝޫޓިން ފެށޭނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރި "ރަންގޫން" އަށް މިހާތަނަށް ލިބިފައިވަނީ 21.47 ކްރޯޑެވެ. ވިޝާލް ބަރްދްވާޖް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިހާތަނަށް އޭނާ އެންމެ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެވެ. މި ފިލްމު އުފައްދާފައިވަނީ 40 ކްރޯޑްުގެ ބޮޑު ބަޖެޓަކުންނެވެ.