ހަބަރު

ދެ ގަޑިއިރަށް މާލެއިން ކަރަންޓާއި ފެން ކެނޑި ދަތިތަކާ ކުރިމަތިވެއްޖެ

  • ކަރަންޓް ދިޔައީ ޓްރާންފޯމަރެއް މައްސަލަޖެހިގެން
  • ފެނުގެ މައްސަލަ މިހާރު ވަނީ ހައްލުވެފައި
  • އެއްބައި ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ނުލިބޭ

ވެރިރަށް މާލެއިން މިއަދު އެއްކޮށް ދެ ގަޑި އިރަށް ކަރަންޓާއި ފެން ކަނޑައިގެން ގޮސްފި އެވެ. ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 1:00 ޖަހާ އެހާކަންހާއިރު އެވެ. ކަރަންޓާއެކު ފެން ވެސްވަނީ ކަނޑައިގެން ގޮސްފައެވެ. ކަރަންޓް ލިބިފައި ވަނީ މެންދުރު ފަހު 3:00 ޖެހި އިރު އެވެ. އޭގެ އިރުކޮޅެއް ފަހުން ފެންވެސް ވަނީ ލިބިފަ އެވެ.

ކަރަންޓާއި ފެން ކަނޑައިގެން ދިއުމުގެ ސަބަބުން މާލޭ އާންމު ހާލަތަށް ބޮޑެތި ބަދަލު އައިސް އާންމުންނަށާއި ގޭގެ އާއި އޮފީސްތަކާއި މުއާސަލާތާއި ވިޔަފާރިއަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ. ކަރަންޓާއި ފެން ކެނޑި އާންމު ހުރިހާ ހިދުމަތްކަށް ބުރޫއެރި އިރު ކަރަންޓް ކެނޑުމަށް ފަހު ފޯނު ކުރުމާއި ފެނާއި އިންޓަނެޓްގެ ހިދުމަތް ހޯދުމުގައި ވެސް ވަނީ ދައްޗާ ކުރިމަތިވި އެވެ.

މާލޭގެ ބައެއް ހިސާބުތަކުގެ ގޭގެއަށް ފެން ލިބުނު ނަމަވެސް ލިބުނީ ވަރަށް މަދުންނެވެ. އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ މިއަދު ކުރިމަތިވެފައިވެއެވެ. މީގެ އިތުރުން ދިރާގުގެ ނެޓްވޯކް އެއް ގޮތަކަށް ވެސް ބޭނުން ނުކުރެވި ދިޔައެވެ. އުރީދޫގެ ހިދުމަތް ބޭނުން ކުރެވުނީ ވެސްދަތި ތަކާއެކު އެވެ.

ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯއިން ބުނީ މިއަދު ކުއްލި ގޮތަކަށް ކަރަންޓް ކަނޑައިގެން ދިޔައީ ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީގެ ޓްރާންފޯމަރެއް ހަލާކުވެގެން ކަމަށާއި އެކަން ހައްލުކޮށް މިހާރު މާލޭގެ 40 ޕަސެންޓްގެ ސަރަހައްދަށް ކަރަންޓް ދީފައިވާނެ ކަމަށެވެ. އަދި ބާކީ ސަރަހައްދުތަކަށް ވަރަށް އަވަހާ ކަަރަންޓް ފޯރުކޮށްދީ އާންމު ހާލަތަކަށް ގެނެސްދޭނެ ކަމަށެވެ.

-- މާލެއިން މިއަދު ކަރަންޓް ކަނޑައިގެން ދިޔަ ވަގުތު ބާރުގަ ގަދަ އަޑެއް އިވުނު ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. ދެގަޑި އިރަށް ފަހު ކަރަންޓް ލިބުނު ނަމަވެސް ބައެއް ސަރަހައްދުތަކަށް އަދިވެސް ފުރިހަމައަށް ނުލިބޭ ކަމަށް ވެއެވެ.

"ޓްރާންފޯމަރަށް ދިމާވި މައްސަލަ އަޅުގަނޑުމެން މިދަނީ ބަލަމުން އެކަން ބެލުމަށް ފަހު ފަހުން އެކަން ހާމަ ކުރާނެ،" ސްޓެލްކޯގެ އެހެން އޮފިޝަލަކު ވިދާޅުވި އެވެ.

ފެން ކުންފުނިން ބުނީ ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން އާންމުންނަށް ފެން ފޯރުކޮށް ދިނުމުގައި އެ ކުންފުންޏަށް ދައްޗާ ދިމާވި ކަމަށާއި އެހެންވީ ކަރަންޓް ކެނޑި ފެނުގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ކަމަށެވެ. އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށް މިހާރު ހައްލުކޮށް ފެންފޯރުކޮށްދީފައިވާ ކަމަށެވެ.

"މިހާރު ފެނުގެ މައްސަލަ ވާނީ ހައްލުކޮށްފައި އެހެން ނަމަވެސް ޕްރެޝަރު ހަމަޖެހި ރަނގަޅަށް ފެންލިބެން ބައެއް ހިސާބުތަކަށް ވަގުތުކޮޅެއް ބޭނުންވާނެ،" ފެން ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފެނާއި ކަރަންޓުގެ ހިދުމަތަށް އެއް ފަހަރާ ބުރޫއެރުމާއެކު މިއަދު މާލޭގެ އާންމު ދިރިއުޅުމަށާއި މަސައްކަތަށް ބަދަލު އައުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ތިބީ ގެޔާއި އޮފީސްތައް ދޫކޮށް ބޭރަށް ނުކުމެ އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފިހާރަ ބަންދުކުރި އިރު ބައެއް ފިހާރަތަކުން ކުއްލި ގޮތަކަށް ފެނާއި އުއްބަތީގެ އަގު ބޮޑުކޮށް ވިއްކި އެވެ. އަދި ވަރަށް ގިނަ އޮފީސްތަކާއި ސްކޫލްތައް ވެސް މިއަދު ހުއްޓުމަކަށް ދިޔަ އެވެ.

މިއަދު މުޅި މާލެއިން ކަރަންޓް ކަނޑައިގެން ގޮސް ހިދުމަތްތަަކަށް ބުރޫއެރި އިރު މިއީ ދެލައްކައަށްވުރެ ގިނަ މީހުން ދިިރިއުޅެމުން އަންނަ ބައިބޯ ރަށުން ފަހަކަށް އައިސް އެއްކޮށް ކަރަންޓް ކެނޑުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން މާލޭއިން ފެން ކެނޑި ފެނުގެ ކާރިސާއަކާ ކުރިމަތިވި އެވެ.