ބޮލީވުޑް

ރޭކާ އާއި ސަންޖޭ ސިއްރުން ކައިވެނި ކުރި؟!

Mar 6, 2017

ހަތްދިހައިގެ ފަހުކޮޅާއި އަށްޑިހައިގެ ތެރޭގައި ވިދާލި މަޝްހޫރު ބަތަލާ ރޭކާ އަކީ ބޮލީވުޑްގެ ބަތަލާއިން ތެރެއިން އޭނާގެ ލޯބީގެ ހަޔާތުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ތަރިއެކެވެ.

ރޭކާ އާއި މެގަސްޓާ އަމީތާބް ބައްޗަން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކައަކީ މިއަދާ ހަމައަށް ވެސް ހުއްޓުމެއް ނެތި ދެކެވެމުން އަންނަ ވާހަކަ އެވެ.

ނަމަވެސް އިއްޔެއިން ފެށިގެން ރޭކާ އާއި މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ކައިވެނިކޮށްގެން އުޅުނު ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ރޭކާގެ މާޒީއަކީ އަޑި ނޭނގޭ ގިނަ ސިއްރުތަކެއް ފޮރުވިފައިވާ އެއްޗަކަށްވީއިރު، އޭނާގެ ޒާތީ ދިރިއުޅުމާ ގުޅިގެން އަަރާ މިކަހަލަ ކޮންމެ އަޑެއްގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވިގެންދެ އެވެ.

އެގޮތުން ރޭކާ އާއި ސަންޖޭ ކައިވެނިކުރި ކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރުނު ރޭކާ ބަޔޮގްރަފީގައި ވެސް އޭނާ އާއި ސަންޖޭގެ ގުޅުމެއް އޮތް ކަމުގެ ވާހަކައެއް ދެކެވިގެން ގޮސްފައެއްނުވެ އެވެ.

ޔަސީރް އުސްމާން ލިޔެފައިވާ ރޭކާގެ ބަޔޮގްރަފީގައި ވަނީ އޭނާގެ ހަޔާތުގެ އެންމެ އަނދިރި ސިއްރުތައް ހާމަކޮށްފަ އެވެ.

ރޭކާގެ ބަޔޮގްރަފީގައި އޭނާ އާއި ސަންޖޭ ކައިވެނި ކޮށްގެން އުޅުނު ކަމަށް ލިޔެފައިވާ ކަމަށް ބުނަމުން އަންނައިރު، ރޭކާ މިހާރު ވެސް ނިތްކުރި މަތިން ބޮލުގައި ޖަހާފައި ހުންނަ ރަތްކުލައިގެ ނިޝާނަކީ އޭނާ ސަންޖޭ އާއި ކައިވެނިކޮށްގެން އުޅޭތީ ޖަހައިގެން އުޅޭ އެއްޗެކެވެ.

ރޭކާ އާއި ސަންޖޭ ސިއްރުން ކައިވެނި ކުރިކަމަށް ބުނެވެނީ 1984 ވަނަ އަހަރު މި ދެތަރިން އެކުގައި ކުޅުނު "ޒަމީން އާސްމާން" ކިޔާ ފިލްމެއްގެ ޝޫޓިން ތެރެއިން ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ.

ސަންޖޭ އާއި ރޭކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ސިއްރުން ކައިވެނިކުރިކަން އެނގުމުން ސަންޖޭގެ ބައްޕަ ސުނިލް ދަތް ވަނީ އޭނާ އާއި ރިޗާ ޝަރްމާގެ ކައިވެނި ކުރުވާފަ އެވެ.

ރޭކާ އާއި ސަންޖޭ ކައިވެނިކުރި ކަމުގެ ވާހަކަ އޭނާ ބަޔޮޕިކްގައި ލިޔެފައިވާ ކަމުގެ ވާހަކަތައް ދެކެވެން ފެށުމާއެކު އެ ފޮތް ލިޔުނު ޔަސީރް ވަނީ އެފަދަ އެއްވެސް ވާހަކައެއް އެފޮތުގައި ލިޔެފައި ނުވާނެ ކަމަށް ބުނެފަ އެވެ.

ރޭކާ ވަނީ 1990 ވަނަ އަަހަރު މުކޭޝް އަގަރްވާލް ކިޔާ ވިޔަފާރިވެރި އަކާ ކައިވެނިކޮށްފަ އެވެ. ނަމަވެސް މުކޭޝް ވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުން އަމިއްލަ އަށް މަރުވެފަ އެވެ.

މުކޭޝް މަރުވި ފަހުން ވެސް ރޭކާ ސިންދޫރް ޖަހާއިރު ގިނަ މީހުން ވަނީ އޭނާ ސިންދޫރް ޖަހަނީ އަމީތާބް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ އަށް ޓަކައި ކަމަށް ބުނެފަ އެވެ.