ޑޮނަލްޑް ޓްރަމްޕް

ފޯނުތައް ޓެޕްކުރި ކަމަށް ޓްރަމްޕްކުރާ ދައުވާ އެފްބީއައި ދޮގުކޮށްފި

Mar 6, 2017

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އެ ގައުމުގެ އޭރުގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ފޯނުކޯލްތައް އަޑު އެހޭ ގޮތަށް ފޯންތައް "ވަޔާ ޓެޕް" ކުރި ކަމަށް ޓްރަމްޕް ކުރައްވާ ދައުވާއާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދޮގު ކޮށްފި އެވެ.

އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނީ ފޯނުތައް ޓެޕްކުރި ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވާ ވާހަކަފުޅަކީ އިތުރުފުޅަކަށް ވާތީ އެކަން އަނބުރާ ރައްދުކުރަން އެފްބީއައިގެ ޑައިރެކްޓަރު ޖޭމްސް ކޮމޭ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގައި އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ޖަސްޓިސް ޑިޕާޓްމަންޓުން އަދި އެގޮތަަކަށް އަމަލެއް ނުކުރެ އެވެ.

ޓްރަމްޕްގެ ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށް އޮބާމާގެ ދައުރުގައި ނެޝަނަލް އިންޓެލިޖެންސްގެ ވެރިއަކަށް ހުންނެވި ޖޭމްސް ކްލެޕާ ވެސް ވަނީ ވިދާޅުވެފަ އެވެ. އެންބީސީގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކްލެޕާ ވިދާޅުވެފައި ވަނީ ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ވެސް އަދި ރައީސް ކަމަށް އިންތިހާބުވެފައިވާ ބޭފުޅަކާ ދެކޮޅަށް ވެސް ވަޔާޓެޕް ކުރުމުގެ ހަރަކާތެއް ހިންގާފައި ނުވާނެ ކަަމަށެވެ.

އެމެރިކާގެ ފެޑެރަލް ގާނޫނު ބުނާ ގޮތުން ބަޔަކާ ދެކޮޅަށް އެފަދަ މަސައްކަތެއް ކުރުމުގެ ހުއްދަ ދޭނީ އެބަޔަކީ ނުވަތަ މީހަކީ ބޭރުގެ އެޖެންޓެއް ކަން ސާބިތުވާ ހެކި ކޯޓަށް ލިބުމުންނެވެ. ޓްރަމްޕް ޓްވިޓާގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޓްރަމްޕް ޓަވަރުގެ ފޯނުތައް ޓެޕްކޮށްފައި ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ޓްރަމްޕް ޓަވަރުގައި އެފަދަ ކަމެއް ކުރުމަށް ކޯޓް އަމުރެއް ލިބިފައި ވޭތޯ ސުވާލު ކުރުމުން ކްލެޕާ ވިދާޅުވީ އެކަން އޭނާ ދޮގުކުރައްވާ ކަމަށެވެ.

ޓްރަމްޕް ޓަވަރުގެ ފޯނުތައް ޓެޕްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކޮށްދިނުމަށް ވައިޓްހައުސް އިން ވަނީ އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީގައި އެދިފައެވެ. އެ ކޮމިޓީއަކީ ޓްރަމްޕްގެ ކެމްޕޭން ޓީމާ ރަޝިޔާ އާއި ގުޅުން އޮތް ކަމަށް ބުނާ މައްސަލަ ތަހުގީގުކުރާ ކޮމިޓީއެވެ. -- ރޮއިޓާސް