ހަބަރު

ތޫނު އެއްޗެހިން މީހުން މެރުމުގައި ބައިވެރިވާ މީހުންނަށް ވެސް މަރުގެ އަދަބު ދެވޭ ގޮތަށް ބިލަށް ބަދަލު ގެނެސްފި

Dec 13, 2014
1

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހުން މެރުމުގައި ބައިވެރިވާ މީހުންނަށް ވެސް މަރުގެ އަދަބު ދޭންޖެހޭ ގޮތަށް ބިރު ދެއްކުމާއި ނުރައްކާތެރި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކޮމެޓީން ބަދަލު ގެނެސްފި އެވެ.

އެ ބިލަށް ސަރުކާރުން އިސްލާހު ހުށަހެޅިއިރު އޮތީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލައިފި ނަމަ މަރުގެ އަދަބު ދެވޭނީ އެކަން ކުރާ މީހާއަށް އެކަނި ކަމަށެވެ. އަދި އެކަން ކުރުމުގައި ބައިވެރިވާ މީހުންގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހެޅިއިރު އެ ބިލްގައި އޮތެވެ.

ނަމަވެސް ގައުމީ ސަލާމަތުގެ ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށް ފަހު ބަދަލު ގެނައީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލާ މީހާ އާއި އެކަމުގައި އަމަލީގޮތުން ބައިވެރިވާ އެންމެންގެ އަދަބަކީ ވެސް މަރުގެ އަދަބު ކަމަށެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން މަރުވި މީހާގެ ވާރިސުން ކުށްވެރިންނަށް މައާފް ދީފި ނަމަ އެ މީހުން އުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.

ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހެޅިއިރު ހަނު ހުރުމުގެ ނުހުރެވޭ ގޮތަށް އޮތީ އެ ބިލްގައި ބަޔާންކުރާ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށް ފަހު ގެނައި ބަދަލުތަކުގެ ތެރޭގައި 2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އެ ގާނޫނުގައި ބުނާ ހުރިހާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ވެސް ހަނު ނުހުރެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެހެންވެ ކޮމެޓީން ބަދަލު ގެނައި ގޮތަށް ބިލް ފާސްކޮށް، އެއަށް އަމަލުކުރަން ފަށައިފި ނަމަ ތޫނު ހަތިޔާރު ގެންގުޅުމާއި މީހުންނަށް ބިރު ދެއްކުން ފަދަ އެއްވެސް ކުށެއްގައި ހައްޔަރު ކުރެވޭ މީހަކަށް ހަނު ހުރުމުގެ ހައްގެއް ނޯންނާނެ އެވެ.

މީގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މެދުވެރިކޮށް، ސަރުކާރުން އެ ބިލް ހުށަހެޅިއިރު ބަންދުން މިނިވަންވުމުގެ ހައްގު ހިފަހައްޓާފައި އޮތީ އެ ބިލްގައި ބަޔާންކުރާ ކުށްތަކުގައި އެކަނި ކަމަށްވި ނަމަވެސް ކޮމެޓީން ދިރާސާ ކުރުމަށް ފަހު ވަނީ އެ ގާނޫނުގައި ބަޔާންކުރާ ހުރިހާ ކުށްތަކެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ވެސް ބަންދު މިނިވަންވުމުގެ ހައްގު ހިފަހައްޓަންޖެހޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.

ގާނޫނީ ވަކީލާ ވަކިން ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނީ 96 ގަޑިއިރު ފަހުން ކަމަށް ސަރުކާރުން ހުށަހެޅި ނަމަވެސް ކޮމެޓީން ވަނީ އެ ވަގުތު 36 ގަޑިއިރަށް ދަށްކޮށްފަ އެވެ. ސަރުކާރުން ބިލް ހުށަހެޅިއިރު ވަކީލާ ވަކިން ބައްދަލު ކުރުމުގެ ފުރުސަތު ހަނިކުރަނީ އެ ބިލްގައި ބަޔާންކުރާ ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނަށް އެކަނި ނަމަވެސް އެ ގާނޫނުގައި ބުނާ ހުރިހާ ކުށެއްގައި ހައްޔަރުކުރާ މީހުންނަށް ވެސް އެ އުސޫލު ހިނގާ ގޮތަށް ވެސް ކޮމެޓީން ވަނީ ބިލަށް ބަދަލު ގެނެސްފަ އެވެ.