އެމެރިކާ

ސީއައިއޭއިން ހެކް ކުރަން ބޭނުންކުރާ ވަސީލަތްތައް ހާމަވާ ލިއުންތައް ލީކްކޮށްފި

Mar 8, 2017

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން މީހުންގެ ފޯނާއި ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރުތައް ހެކްކުރަން ބޭނުންކުރާ ވަސީލަތްތަކާބެހޭ ތަފުސީލުތައް ހާމަވާ ކަމަށް ބުނާ ލިޔެކިއުންތަކެއް ވިކިލީކްސް އިން އާއްމު ކޮށްލައިފި އެވެ.

އިއްޔެ އާއްމުކޮށްލި 8700 ލިއުން ވިކިލީކްސްއަށް ލިބުނީ ކިހިނެތް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ލިޔެކިއުންތަކަކީ ސައްހަ ލިޔެކިއުންތަކެއް ކަން ކަށަވަރު ވެއްޖެ ނަމަ ފޯނާއި ލެޕްޓޮޕާއި ޓީވީ ބޭނުން ކުރުމުގެ ރައްކާތެރިކަމާމެދު މީހުންނަށް އޮތް އިތުބާރު ކެނޑިގެންދާނެެ އެވެ.

ވިކިލީކްސް އިން ބުނެފައި ވަނީ ލިޔެކިއުންތައް ލިބުނީ ސީއައިއޭގެ ސެންޓާ ފޯ ސައިބާ އިންޓެލިޖެންސްގެ ހައިސެކިއުރިޓީ ނެޓްވޯކެއްގެ ތެރެއިން ކަަމަށެވެ. އަދި އޭގެ ބޮޑުބައި ލިބިފައި ވަނީ ވާޖީނިއާ ސްޓޭޓުން ކަމަށެވެ.

ވިކިލީކްސް އިން އާއްމުކޮށްފައިވާ ލިއުންތަކުގެ ތެރޭގައި ސްމާޓް ޓީވީއެއް ހެކްކޮށް، ޖާސޫސް ކުރުމުގެ ވަސީލަތަކަށް ބަދަލު ކުރަން މަސައްކަތް ކުރާނެ ގޮތުގެ ތަފުސީލުތައް ހިމެނޭ ލިއުންތަކާއި އެޕަލް އައިފޯނާއި ގޫގުލް އެންޑްރޮއިޑް ފޯނާއި މައިކްރޯސޮފްޓް ވިންޑޯސް ފަދަ ވަސީލަތްތައް ހެކްކުރަން ސީއައިއޭއިން މަަސައްކަތް ކުރާނެ ގޮތުގެ ތަފުސީލުތައް ވެސް ވެއެވެ.

ވިކިލީކްސް އިން އާއްމުކުރި ލިޔެކިއުންތަކުގެ ސައްހަކަން އަދި ކަށަވަރުކުރެވިފައި ނުވިޔަސް އެ ޖަމާއަތަކީ އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިއުންތައް އާއްމު ކުރުމުގައި މަޝްހޫރު ކަމެއް ހޯދާފައިވާ ޖަމާއަތެކެވެ.