ލައިފްސްޓައިލް

ކުޑަކުދިންގެ ކަންފަތް ސާފުކުރާނީ ކަފަބުރަކުން ނޫން

Mar 9, 2017
1

އަލަށް ލިބޭ ތުއްތު ދަރިފުޅު ބަލިތަކުން ދުުރުކޮށް ވީހާވެސް ސާފްތާހިރުކޮށް ގެންގުޅުމަކީ ކޮންމެ މަންމަ އަކާއި ބައްޕައަކުވެސް އެންމެ އިސްކަންދޭ އެއް ކަންތަކެވެ. ގަވާއިދުން ފެންވަރުވާ، ބޯ ކޮށާ އަދި ނިޔަފަތިވެސް ކަނޑަ އެވެ. އަދި ކުޑަ ދަރިފުޅުގެ ކަންފަތް ސާފުކުރުމަކީވެސް އެންމެ އިސްކަންދީގެން ކުރާ އެއް ކަންތަކެވެ. އެކަމަކު ގިނަ ފަހަރަށް ކަންފަތް ސާފު ކުރުމުގައި ބޮޑެތި މީހުންނަށް ގޯސް ތަކެއް ހެދެ އެވެ. އެއީ ކަފަ ބުރު ބޭނުންކޮށްގެން ކުދިންގެ ކަންފަތް ސާފު ކުރުމެވެ. އެއީ ކިތަންމެ ހިމަ ކަފަ ބުރަކަށް ވީ ނަމަވެސް އެއީ ގޯހެކެވެ.

ކަފަ ބުރު ބޭނުންކޮށްގެން ކުޑަކުދިންގެ ކަންފަތް ސާފުކުރުން ގޯސްވަނީ އެތައް ސަބަބުތަކަކާއި ހުރެ އެވެ. ގަބޫލުކުރަންވީ ހަގީގަތަކީ ކަންފަތުގައި އުފެދޭ މަޑަކީ ކޮންމެހެން ސާފު ކުރަން ޖެހޭ އެއްޗެއް ނޫން ކަމެވެ. ހަށިގަނޑުގައި ނުވަތަ ކަންފަތުގައި މަޑު އުފެދެނީ އެކި އެކި ސަބަބު ތަކަށް ޓަކަ އެވެ. އެއީ ހިރަފުހާއި ކިލާ އިން އިއާ ޑްރަމް ސަލާމަތް ކުރުމަށްޓަކަ އެވެ. އަދި ކަންފަތަށް ފެން އެޅިއްޖެ ހާލަތެއްގައި ކަންފަތުގެ އެންމެ އެތެރެއަށް ފެން ދިޔަ ނުދިނުމަށްޓަކައި ވެސް މެ އެވެ. ކަންފަތަށް ފެން އެޅުމަކީ ކަންފަތުގައި ޖަރާސީމް އުފެދުމަށް މަގުފަހިކުރުވާ ކަމެކެވެ.

އެކި މީހުންގެ ކަންފަތުގައި މަޑު އުފެދޭނީ އެކި މިންވަރަށެވެ. ކުޑަކުދިންގެވެސް ހަމަ އެގޮތެވެ. އާންމުކޮށް ކުޑަކުދިންގެ ކަންފަތުގައި މަޑު އުފެދޭ މިންވަރު ވަރަށް މަދެވެ. ކަންފަތް ސާފު ކުރަން ނުޖެހޭ އެހެން ސަބަބަކަށް ބަލާއިރު ކަންފަތުގައި ހުންނަ އިސްތަށި ނުވަތަ ލޯލި ތަކުން މަޑުމަޑުން އެ މަޑުތައް އިއާ ކެނަލް އިން ބޭރަށް ނެރެ އެވެ. މި މަޑުތަކަކީ ގަވާއިދުން ފެންވަރާ ސާފުތާހިރު ވާ ނަމަ ނެތިގެންދާ އެއްޗެކެވެ.

އަބަދު ކުއްޖާގެ ކަންފަތް ކަފަ ބުރުން ސާފުކުރާނަމަ ކުއްޖާގެ ކަންފަތުގައި މަޑު އުފެދޭ މިންވަރު އިތުުރވެ އެވެ. އަދި އެއީ އިއާ ޑްރަމް ހަލާކުވެސް ކޮށްލާ ކަމެކެވެ. އެކަމަކީ ކުއްޖާ ދާއިމަށް އަޑު އިވުމުން މަހުރޫމް ކޮށްލާވަރުގެ ނުރައްކާތެރި ކަމެކެވެ.

ކުޑަ ދަރިފުޅުގެ ކަންފަތާއި ދޭތެރޭ މާބޮޑަށް ހާސްވާނެ ކަމެއް ނެތެވެ. ކުއްޖާގެ ކަންފަތް ސާފު ކުުރުމަށް ބޭރަށް ފެންނަން އިންނަ ބައި ވެޓް ޓިޝޫ އަކުން ސާފުކޮށްލާށެވެ. އެންމެ ހިންހަމަ ނުޖެހޭނަމަ ގަވާއިދުން ޑޮކްޓަރަށް ދައްކާ ޗެކަޕެއް ހަދާލެވިދާނެ އެވެ.

މާބޮޑަށް މަޑު އުފެދި ކަންފަތް ބްލޮކް ވާނަމަ ހާއްސަ ލިކުއިޑެއް ބޭނުންކޮށްގެން ޑޮކްޓަރުން އެ މަޑުތައް ނައްތާލާނެ އެވެ.