ބޮލީވުޑް

ކަރަންގެ ފިލްމު ސަލްމާން ދޫކޮށްލީ އަޖޭގެ ސަބަބުން

Mar 13, 2017

ކަރަން ޖޯހަރު 1897 ވަނަ އަހަރު ބްރިޓިޝް އިންޑިއަން އާމީ އާއި އަފްގާން އޮރަގްޒައި ޓްރައިބުންގެ މެދުގައި ހިނގި ކުރިމަތިލުން ނުވަތަ ބެޓްލް އޮފް ސަރަގާހީގެ އަސްލަކަށް އުފައްދާ ފިލްމުގައި ސަލްމާން ޚާން އާއި އަކްޝޭ ކުމާރު ފެނިގެންދާނެކަން ހާމަކުރުމާއެކު މި ދެތަރިންގެ ފޭނުންހީވީ ކެކި އަރައިގަތް ހެންނެވެ.

ބެޓްލް އޮފް ސަރަގާހީގެ ގޮތުގައި މަޝްހޫރުވެފައި އޮތް އެ ކުރިމަތިލުމުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެއީ ސަލްމާން އާއި އަކްޝޭ މިހާރު ކުޅެން ސޮއިކޮށްފައި ހުރި ފިލްމުތައް ނިމުމުންނެވެ.

މިދެތަރިން މީގެކުރިން އެކުގައި ދެ ފިލްމަކުން ފެނިގެން ގޮސްފައިވާއިރު، ގާތްގަނޑަކަށް 11 އަހަރު ފަހުން އެކުގައި ކުޅޭ މި ފިލްމުގެ މަސައްކަތް ފެށުމުގެ މާކުރިން ސަލްމާން މި ފިލްމު ދޫކޮށްލާފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ސަލްމާން އާއި ކަރަން ޕްރޮޑިއުސްކުރާ ގޮތަށް ހަމަޖެހިފައި އޮތް މި ފިލްމު ނުކުޅެ ދޫކޮށްލަން ސަލްމާން ނިންމާފައިވަނީ އެކްޓަރު އަޖޭ ދޭވްގަން ދެން އުފައްދާ ފިލްމަކީ ވެސް ބެޓްލް އޮފް ސަރަގާހީގެ މައްޗަށް އުފައްދާ ފިލްމަކަށް ވުމުންނެވެ.

އެ ހާދިސާގެ މައްޗަށް ފިލްމެއް އުފައްދަން އަޖޭ ތައްޔާރުވަމުން އަންނަތާ ވަރަށް ދުވަސްވެފައިވާއިރު، އެ ފިލްމުގައި އޭނާ އާއެކު ލީޑްރޯލުން ފެނިގެންދާނެ ކަމަށްވަނީ ރަންދީޕް ހޫޑާ އެވެ. އަދި ސަލްމާން ކަރަން އުފައްދާ ފިލްމު ކުޅެން އެއްބަސްވި ފަހުން އަޖޭ ވެސް ހަމަ އެ ހާދިސާގެ މައްޗަށް މާކުރިން ފެށިގެން ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަކަން އެނގުމުން ވަނީ ކަރަން އުފައްދާ ފިލްމު ނުކުޅެން ނިންމާފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން އަޖޭ ބެޓްލް އޮފް ސަރަގާހީގެ މައްޗަށް ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަކަން އެނގުމުން ކަރަން އަވަހަށް ވަނީ އޭނާ ވެސް އެ ހާދިސާ އަށް ފިލްމެއް އުފައްދާކަން އިއުލާނުކޮށްފަ އެވެ.

ނަމަވެސް ސަލްމާން އާއި އަޖޭ އަކީ ޒަމާންވީ ގާތް އެކުވެރިންނަށް ވުމުން އޭނާ ވަނީ އަޖޭ އެ ހާދިސާ އަށް ފިލްމެއް އުފައްދަން މާކުރިން ވެސް ނިންމާފައިވާތީ އޭނާ އެފަދަ ދެވަނަ ފިލްމެއްގައި ހަރަކާތްތެރިނުވާން ނިންމާފަ އެވެ.

ކަރަން އާއި އަޖޭގެ ދެމެދުގައި ވަނީ މިދިޔަ އަހަރު ނިކުތް އެދެމީހުންގެ ފިލްމު، "އޭ ދިލްހޭ މުޝްކިލް" އާއި "ޝިވާއޭ" ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިޔަ ހިސާބުން ބޮޑު ފިނި ހަނގުރާމައެއް ފެށިފަ އެވެ. މި ދެފިލްމުގެ ކުރިމަތިލުމުގެ ސަބަބުން ކަރަން އާއި އަޖޭގެ އަންހެނުން ކާޖޮލްގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ.