ވިޔަފާރި

ބީއެމްއެލްގެ ހިއްސާއަކަށް 20 ރުފިޔާ ބަހަނީ

Mar 14, 2017
2

ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ. އެ އަދަދު ހިއްސާއަކަށް ބަހާނީ، ކުރިއަށް އޮތް ބޭންކްގެ ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެންނެވެ.

ބީއެމްއެލްގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފައިވާ ބޯޑްގެ ނިންމުމުގައިވާ ގޮތުގައި ބޯޑުން ފާސްކުރީ، ހިއްސާއަކަށް 20 ރުފިޔާގެ މަގުން، ހިއްސާދާރުންނަށް މުޅި ޖުމްލަ 107.6 މިލިއަން ރުފިޔާ ބެހުމަށެވެ.

މިއީ މިދިޔަ އަހަރު އެ ބޭންކްގެ ހިއްސާއަކަށް 17ރ. ގެ މަގުން ބެހި ޖުމްލަ 91.4 މިލިއަން ރުފިޔާ އަށް ވުރެ، 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު 1.03 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު، އެއީ 56 ޕަސެންޓުގެ ކުރިއެރުމެކެވެ. ބީއެމްއެލްގެ އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ ދެ ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސް ނުލިބި ހުރި ލޯނުތަކުގެ ރޭޝިއޯ ވެސް ވަރަށް ބޮޑުތަން ކުޑަކޮށްފަ އެވެ.

ބީއެމްއެލް އިން ފަށަފާފައިވާ، "އަހަރެންގެ ބޭންކް، ދިވެހިންގެ ބޭންކް" ކެމްޕޭންގެ ދަށުން ބީއެމްއެލްގެ އިންވެސްޓްމަންޓްތައް 300 މިލިއަން ރުފިޔާއަށް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އަދި މުޅިން އަލަށް 150 އާ ވަޒީފާގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އަދި ސީއެސްއާރު ޕްރޮގްރާމްތައް އިތުރުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 33 ބްރާންޗް، 80 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 22 ސެލްފްސާވިސް ބޭންކިން ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.