ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ އާ ގަރާރަށް އަމަލުކުރަން ފެށުމުގެ ކުރިން ކޯޓަކުން ގަރާރު ހުއްޓުވައިފި

Mar 16, 2017

މުސްލިމުންގެ މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ދަތުރުކުރުން މަނާކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނެރުއްވި އާ ގަރާރަށް އަމަލުކުރަން ފެށުމުގެ ކުރިން އެމެރިކާގެ ކޯޓަކުން އެގަރާރާ ދެކޮޅަށް އަމުރެއް ނެރެފިއެވެ.

ޓްރަމްޕްގެ ގަރާރަށް އަމަލު ނުކުރުމުގެ އަމުރެއް ހަވާއީގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޑެރިކް ވޮޓްސަން ނެރުއްވީ ގަރާރާ އެއްކޮޅަށް ވަކާލާތުކުރި ސަރުކާރުގެ ވަކީލުން ދެއްކެވި ހެކިތަކާ މެދު ސުވާލު އުފެދޭތީ އެކަމަށް ރިއާޔަތްކޮށްގެން ކަމަށް ބީބީސީ ބުންޏެވެ.

ހަވާއީގެ ކޯޓުގެ އަމުރަށް ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ އަމަރުގެ ސަބަބުން " އެމެރިކާ ފެންނަނީ ބަލިކަށިކޮށް" ކަމަށެވެ. އަދި އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށާއި ސުޕްރީމްކޯޓުގައި މައްސަލަ ކާމިޔާބު ކުރައްވާނެ ކަމށް ވެސް އޭނާ ވިދާޅުވިއެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަ ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރުކުރުން 90 ދުވަހަށް މަނާކުރުމަށާއި އެގައުމުތަކުގެ ރެފިއުޖީން އެމެރިކާއަށް ދަތުރުކުރުން 120 ދުވަހަށް މަނާކުރުމަށް ނެރުއްވި ގަރާރުގެ ބޭނުމަކީ އެމެރިކާއަށް ޓެރަރިސްޓުން އެތެރެވުން ހުއްޓުވުން ކަމަށް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.

މުސްލިމުން އެމެރިކާއަށް ދަތުރުކުރުން މަނާކުރުމަށް ޓްރަޕްމް ފުރަތަމަ ނެރުއްވި ގަރާރަށް އަމަލުކުރުން މަނާކުރީ ސީޓުލްގެ ކޯޓަކުންނެވެ. އެފަހަރުވެސް ޓްރަމްޕް ވަނީ ފަނޑިޔާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.