ސިއްހަތު

މުޅި ސަރަހައްދުގައި ވެސް ފްލޫ

Mar 17, 2017

ފާއިތުވި ހަފުތާއަކީ ރާއްޖެއަށް ނުތަނަވަސް ހަފުތާއެކެވެ. އެންމެނަށް ބިރު ހީވީ ނުރައްކާތެރި ރޯގާއެއް ފެތުރޭ ކަމުގެ އިންޒާރުންނެވެ. ދެން އަވަސްވީ މާސްކް އެޅުމަށާއި ފްލޫއަށް ޓެސްޓް ކުރުމަށް ހޮސްޕިޓަލްތަކަށް ދުވާށެވެ. ސްވައިން ފްލޫއަކީ ރާއްޖެއަށް އާ ކަމަކަށް ވިޔަސް ރާއްޖެއަށް އެ ރޯގާ މި އެރީ ސަރަހައްދުގެ އެހެން ގައުމުތަކުގައި ފެތުރޭތާ މަސްތަކެއް ނުވަތަ އަހަރުތަކެއް ވީފަހުންނެވެ. ދިވެހިން ގިނަިއން ގޮސް އުޅޭ ބައެއް ގައުމުތަމުގައި އެބަލި ފެތުރޭތާ އެތައް ދުވަހެކެވެ.

އިންޑިއާ

އިންޑިއާގެ އެކި ސްޓޭޓްތަކުގައި ސްވައިން ފްލޫ ފެތުރެން ފެށީ 2015 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މުޅިން ކޮންޓްރޯލް ނުވެ އޮތުމަށް ފަހު މިއަހަރު އަލުން އެބަލި ވަނީ އިތުރުވާން ފަށާފައެވެ. ޓައިމްސް އޮފް އިންޑިއާ ނޫހުން ހޯމަ ދުވަހު ބުނީ މަހާރާޝްތުރާ ސްޓޭޓްގައި މިއަހަރުގެ މިހައިތަނަށް 101 މީހަކަށް އެބަލި ޖެހި 26 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މަހާރާޝްތުރާގައި އެބައްޔަށް ޕޮޒިޓިވް ވެފައިވާ 101 މީހުން ތިބި އިރު އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 50 މީހުންނަކީ އާބާދީ ބޮޑު ޝަހަރެއްކަމަށްވާ ޕޫނާގެ މީހުންނެވެ. އަދި 13 މީހުންނަކީ ޕިމްޕްރީ ޗިންޗުވާޑްމީހުންނެވެ. އަދި 11 މީހުންނަކީ ނާޝިކްގެ މީހުންނެވެ. އަދި ކޮއްލަ ޕޫރާއި އައުރަންއާބާދާ ދެރަށުން ކޮންމެ ރަށަކުން ހަތަރު މީހުންނެވެ.

އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގައި ވެސް ރޯގާ ދަނީ ފެތުރެމުންނެވެ. އެ ސްޓޭޓުން މާޗްމަސް ފެށުމާ ހަމައަށް 618 މީހަށް ބަލި ޖެހި ހަތަރު މީހުން މަރުވިއެވެ. އެސްޓޭޓްގެ ސިއްހަތާ ބެހޭ އޮފިޝަލުންނާ ހަވާލާދީ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ އެސްޓޭޓްގައި ކުރީގެ ތިން އަހަރު ސްވައިން ފްލޫގައި މީހުން މަރުވި ވަރަށް ވުރެ މިއަހަރު މަރުވި އަދަދު އިތުރުވެފައިވާ ކަމަށެވެ. އިންޑިއާގައި އެންމެ ފަހުން އުފެއްދި ސްޓޭޓް ކަމަށްވާ ތެލަންގާނާގައި ވެސް ބަޔަަކަށް ވަނީ ސްވައިން ފްލޫ ޖެހިފައެވެ.

އިންޑިއާގައި މިއަހަރު ފެށުނު އިރު ފެތުރެމުން ދިޔައީ ހަމަ އެކަނި ސްވައިން ފްލޫއެއް ނޫނެވެ. އެގައުމުގައި ބާޑް ފްލޫއާއި މަންކީ ފީވާ ވެސް ފެތުރުނެވެ. އެހެންވެ، އެގައުމަށް ބަޔަކު ބަޔޮލޮޖިކަލް ހަމަލާއެއް އަމާޒުވީތޯ ބައެއް ނޫސްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ސްރީލަންކާ

ސްރީލަންކާގައި ސްވައިން ފްލޫ ފެތުރޭތީ ޖެނުއަރީ މަހު ލަންކާގެ ހޮސްޕިޓަލްތައް ސަމާލުކަމަށް ގެނައެވެ. އެބަލި ޖެހިގެން ލަންކާގައި ޖެނުއަރީ މަހު ހަތަރުމީހުން މަރުވިއެވެ. އޭގެ ފަހުން އެރޯގާ އަދިވެސް އެގައުމުގައި ފެތުރެމުން އެބަދެއެއެވެ. އެގައުމުގެ އުތުރު ސަރަހައްދުތަކުން 400 މީހެއްގެ ގައިން އެބަލީގެ އަލާމާތްތައް ފެނިގެން މިމަހުގެ ހަތް ވަނަ ދުވަހު ރިޕޯޓްކޮށްފައި ވެއެވެ. އެގައުމުގެ އުތުރު ޕްރޮވިންސްގެ ކައުންސިލާ ހަވާލާދީ ހިރޫ ނިއުސް އިން ބުނެފައި ވަނީ ބަލީގެ އަލާމާތްތައް ފެނުނު މީހުންގެ ތެރެއިން 80 މީހުންނަކީ މާބަނޑު އަންހެނުން ކަމަށެވެ.

ޗަައިނާ

ޗައިނާގައި ބާރަށް ފެތުރެނީ ބާޑް ފްލޫއެވެ. އެގައުމުގައި ފެބްރުއަރީ މަހުން ފެށިގެން މިހައި ތަނަށް 160 މީހަކަށް ދޫނިރޯގާ ޖެހި 61 މީހަކު އެބަލީގައި ވަނީ މަރުވެފައެވެ. އެގައުމުގައި މިދިޔަ އަހަރު ފަހު ކޮޅު ބަލި ފެތުރެން ފެށީއްސުރެ މިހަައި ތަނަށް އެބަލީގައި މަރުވިމީހުންގެ އަދަދަކީ 161 އެވެ. އެގައުމުގައި ބަލި ފެތުރޭލެއް އަވަސް ކަމާ ހެދި ސިއްހީ މާހިރުން ވަނީ ކަންބޮޑުވެފައެވެ. އަދި ރައްޔިތުން އެކަމަށް ސަމާލުވުމަށް އަންނަނީ އިރުޝާދުތައް ދެމުންނެވެ.