ހަބަރު

ފުލުފުލުގައި ތުއްތު ކުދިންތަކެއް މަރުވުމުން ކަންބޮޑުވުން

ފަހަކަށް އައިސް ރާއްޖޭގައި ތުއްތު ކުދިން މަރުވާ ރޭޓު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ރާއްޖެއަކީ މި ސަރަހައްދުގައިވެސް ވިހެއުމަށްފަހު ތުއްތު ކުދިން މަރުވާ ރޭޓު އެންމެ ދަށް ގައުމެވެ.

އެހެން ނަމަވެސް މިދިޔަ ހަފްތާ ބަންދުގައި ވިހެއިތާ ހަފްތާއެއް ނުވާ ތިން ކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި އިއްޔެވެސް ވަނީ ވިހެއިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުއްޖަކު މަރުވެފަ އެވެ. އެކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކުޑަކުދިންގެ ޑޮކްޓަރު ޑރ. ނިޔާފް ވިދާޅުވީ މިދިޔަ ހަފްތާ ބަންދުގައި އޭޑީކޭ ހޮސްޕިޓަލުގައި މަރުވި ކުއްޖާ އަކީ ބަނޑަށް 20 ހަފްތާގައި ވިހާފައިވާ ކުއްޖެއް ކަމަށެވެ. އަދި 28 ހަފްތާގެ ކުރިން ވިހާ ކުދިން ބަލާނީ ބައިގެންދާ ކުދިންގެ ގޮތުގައި ކަމަށެވެ.

ނިޔާފް ވިދާޅުވީ ތުއްތު ކުދިން އާންމުކޮށް މަރުވަނީ ވަރަށް ބޮޑަށް ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުންނާއި، އުފެދުމުގައި އައިބު ތަކެއް ހުރުމުގެ ސަބަބުން އަދި ހިތުގެ ބަލި ހުންނަ ކުދިންނެވެ.

ޅަ އުމުރުގައި ކުދިން މަރުވާ ސަބަބު ދެނެގަނެ، އެކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްފައިވާއިރު އަދި ތުއްތު ކުއްޖަކު މަރުވެއްޖެ ނަމަ، ހޮސްޕިޓަލުތަކުން އޭގެ ސަބަބު ބަލައި އެކަން ހެލްތު މިނިސްޓްރީއަށް ރޕޯޓު ކުރަން ޖެހޭ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. އެއަށްފަހު ކަމާބެހެ ތަޖުރިބާކާރުންގެ ޕެނަލަކުންވެސް އެކަން ހިނގި ގޮތް ބަލައި ދިރާސާ ކުރާނެ ކަމަށެވެ.