ސިއްހަތު

ކެއްސުން ބަލީގެ ހަގީގަތް އެނގެނީ ކިހާ ވަރަކަށް؟

Oct 14, 2016

ޓީބީ ނުވަތަ ކެއްސުން ބައްޔަކީ ރޮއްޖެއްގެ ބައްޓަމަށް އޮންނަ ލޮލަށް ނުފެންނަ ކުޑަ ޖަރާސީމެއް ކަމަށްވާ މައިކްރޯ ބެކްޓީރިއަމް ޓިއުބަކްލޯސިސް އިން ޖައްސާ ނުރައްކާތެރި ބައްޔެކެވެ. މިއީ އެންމެ ގިނައިން މީހާ މަރުގެ ތުންފަން މައްޗަށް ވައްޓާލާ ނުރައްކާތެ ބަލިތަކުގެ ތެރޭން އެންމެ އާންމު އެއް ބައްޔެވެ. ދުނިޔެއިން އަހަރަކު 1.1 އާއި 1.7 އާ ދެމެދުގެ އަދަދަކަށް ޓީބީ ޖެހިގެން މީހުން މަރުވާ ކަމަށް ސިއްހަތާ ބެހޭ ތަފާސްހިސާބުތަކުން ދައްކާއިރު، ޓީބީ އަކީ އެތަކެއް އާންމު ބަލިތަކެއްގެ އަލާމާތްތައް މެދުވެރިކުރުވާ ބައްޔެކެވެ. އޭގެ ސަބަބުން އަސްލު ބަލި ދެނެގަތުމަށް ދުވަސް ތަކެއް ނަގަ އެވެ.

ރާއްޖެއަށް ބަލާއިރު ވެސް ޓީބީ ޖެހޭ މީހުންގެ އަދަދު މަދެއް ނޫނެވެ. ރާއްޖޭގެ އާބާދީއަށް ޖެހޭ އެންމެ ނުރައްކާތެރި ބަލިތަކުގެ ލިސްޓުގެ ކުރީގައި ގުނާލެވޭ ޓީބީއަކީ ބައެއް މީހުންނަށް އަދިވެސް އެއާ ބެހޭ ރަނގަޅު މައުލޫމާތު އޮޅުން އަރާފައިވާ ބައްޔެކެވެ. އެހެން ނަމަވެސް ގަބޫލު ކުރަންވީ ކަމަކީ ޓީބީ އަކީ ރަނގަޅުވާ ބައްޔެއް ކަމެވެ. ޓީބީގެ ޖަރާސީމު އެކަކު އަނެކަކަށް ފެތުރެނީ، ޖަރާސީމް އަށަގެންފައިވާ މީހާ ކެއްސާ ކިނބިހި އަޅާ ހެދުމުގެ ސަބަބުން އެ ޖަރާސީމް ޖައްވުގެ ތެރެއަށް ބޭރުވެ، އެހެން މީހުންގެ ހަށިގަނޑުގެ ތެރެއަށް ނޭވާލާ ނިޒާމުގެ ތެރެއިން އެތެރެވުމުންނެވެ.

ޓީބީގެ ޖަރާސީމް އަށަގަނެފައިވާ ކޮންމެ މީހަކަށް ޓީބީއެއް ނުޖެހޭނެ އެވެ. ހަށިގަނޑުގައި ޓީބީގެ ޖަރާސީމް ހުރިތޯ ޓެސްޓުކުރުމަށް މާންޓޮކްސް ނަމަކަށް ކިޔާ ހަމުގެ ޓެސްޓެއް ހަދަ އެވެ. އެޓެސްޓް ހަދަނީ ދެ ހަމުގެ ދޭތެރެއަށް އިންޖެކްޝަނެއް ދުއްވާލައިގެންނެވެ. މި ޓެސްޓް ހެދުމުން ހަށިގަނޑުގައި ޓީބީ ވައިރަސް ހުރި ނެތްކަން ދެނެގަނެވެ އެވެ. ޓީބީ ދެނެގަތުމަށް ކުޅުގެ ޓެސްޓެއް ނުވަތަ އެކްސްރޭ ވެސް ހެދިދާނެ އެވެ.

ޓީބީގެ ޖަރާސީމް ހަށިގަނޑުގައި އަށަގަނެފައިވާ މީހާވެސް ބަލީގެ އެއްވެސް އަލާމާތެއް ނެތި އެތަކެއް އަހަރުތަކަކަށް ވެސް ހުރެދާނެ އެވެ. ޓީބީ ޖަރާސީމް ހަށިގަނޑުގައި އަށަގަނެފައިވާ މީހުންގެ ތެރެއިން ނުވަދިހަ ޕަސެންޓް މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ބޭރުފުށުން ފެންނަން ނުހުންނަ މީހުންނެވެ. ޓީބީ ޖަރާސީމް ހަށިގަނޑަށް ވާސިލްވުމުން ވެސް އެ ބަލި ޖެހެން މެދުވެރި ވަނީ ދިފާއީ ނިޒާމްގެ ބާރު ދަށްވުމުންނެވެ.

ޓީބީ ޖެހެނީ ހަމައެކަނި ފުއްޕާމެއަކަށް ނޫން

އާންމުކޮށް ޓީބީ ބަލި ޖެހެނީ މީހާގެ ފުއްޕާމެއަށެވެ. ޓީބީ ޖެހޭ މީހުންގެ އާބާދީގެ 80 ޕަސެންޓަކީ ފުއްޕާމޭގެ ޓީބީ ޖެހޭ މީހުންނެވެ. ނަމަވެސް އިންސާނެއްގެ ކޮންމެ ގުނަވަނަކަށް ވެސް ޓީބީ ޖެހިދާނެ އެވެ. އޭގެ ތެރޭގައި ސިކުނޑިއާ ކިޑްނީއާ ކަށިތަކާއި ގޮހޮރާއި މައިބަދައިގެ އިތުރުން ބައެއް ހާލަތްތަކުގައި ހަމަށް ވެސް ޓީބީ ޖެހެއެވެ. ފުއްޕާމެއަށް ޓީބީ ޖެހުމުން ފުއްޕާމޭގެ ޓިޝޫތައް ހަލާކުކޮށްލަ އެވެ. އޭގެ ސަބަބުން ބަލި ޖެހިފައިވާ މީހާއަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ޓީބީ ޖެހުމުގެ އަސްލަކީ އޭގެ ޖަރާސީމް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމެކެވެ. އެހެންކަމުން ޓީބީ އަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން، ނުވަތަ ފަރުވާއެއް ނެތް ނުރައްކާތެރި ބައްޔެއްގެ ސަބަބުން ޖެހޭ ބައްޔެކޭ ބުނުމުގެ ޗާންސެއް ނެތެވެ. ނުރައްކާތެރި ބައްޔެއް ހުންނަ މީހުންނާއި، ދުންފަތުން އިސްތިއުމާލު ކުރާ މީހުންނަށް ޓީބީ ޖެހިދާނެ ކަމަށް ބެލެވެނީ އެފަދަ މީހުންނަކީ ދިފާއީ ނިޒާމް އެހެންމީހުންނަށްވުރެ ބަލިކަށި މީހުންނަށް ވާތީ އެވެ. އެހެން ނަމަވެސް ގަބޫލުކުރަންޖެހޭ ކަމަކީ ޓީބީ އަކީ ގަވާއިދުން ބޭސް ކުރެވިއްޖެ ނަމަ އަށް ވަރަކަށް މަސް ދުވަސްތެރޭ މުޅިން ފަސޭހަވާ ބައްޔެއް ކަމެވެ.

ޓީބީ ޖެހުމުން، އާދަކޮށް ހުން އައުމާއި، ރޭގަނޑު ގަޑީގައި ގަދަޔަށް ދާއިހިއްލުމާއި، ގިނައިން ހިކިކޮށް ކެއްސުމާއި، ކެއްސާއިރު ލޭ އައުމުގެ އިތުރަށް ބަރުދަން ލުއިވުމާއި ކާހިތް ނުވެ، ވަރުބަލިވުން ފަދަ އަލާމާތްތައް ފެނެއެވެ. މި އަލާމާތްތައް ޓީބީ ޖެހިފައިވާ މީހުންގެ ފަރާތުން ފެނުނު ކަމަށް ވިޔަސް، އެނޫން ބައެއް ހާލަތްތައް މެދުވެރި ވެގެންވެސް ކަރުން ލޭ އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޓީބީން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ކުޑައިރު ކުދިންނަށް ބީސީޖީ ވެކްސިން ދިނުން ހިމެނެއެވެ. ބީސީޖީއަކީ ޓީބީގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށްވާ ސިކުނޑިއަށް ޖެހޭ ޓީބީއިން ކުޑަކުދިން ސަލާމަތްކުރުމަށް ދޭ ވެކްސިނެކެވެ. އެހެންކަމުން ކުއްޖާގެ ވެކްސިން ފުރިހަމަ ކުރާއިރު، އެކަމަށް ފަރުވާތެރިވުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅުން މުހިއްމު ފިޔަވަޅެކެވެ. މީގެ އިތުރުން ވެސް ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ނިވާކުރުމަކީ ރައްކާތެރިވުމުގެ ގޮތުން ހިފިދާނެ ރަނގަޅު އާދައެކެވެ. ވީމާ ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އިސް ކުރާށެވެ.