މުޒާހަރާ ކުރަމުން ދިޔަ މީހުން ރުޅި އައިސްގެން ކޮމިޝަނަރު އޮފް ޕޮލިސް ހުސެންް ވަހީދުގެ ގެކޮޅުގެ ބިއްލޫރިތަކެއް ތަޅާލައި އެ ގެޔަށް އިތުރު ގެއްލުންތަކެއް ދޭން މަސައްކަތް ކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ ކޮމިޝަނަރު ހުސެންގެ ގެކޮޅު ކަމަށްވާ، ހ. ހޭޅީގެ ގްރައުންޑް ފްލޯގައި ހުންނަ ފިހާރައިގެ ބިއްލޫރިތައް ބަޔަކު މީހުން ތަޅާލާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ފިހާރައިގެ ބިއްލޫރިތައް ތަޅާލާފައި ވަނީ މުޒާހަރާ ހޫނުވެ، އެ ސަރަހައްދަށް މީހުން އެއްވި ވަގުތު ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ހުސެންގެ އާއިލާ އިން ހިންގަމުން އަންނަ އެ ފިހާރަޔަށް ދިން ގެއްލުމުގައި ތަޅައިގެން ދިޔައީ ވަންނަ ދޮރާ ދިމާލަށް ހުރި ބިއްލޫރިތަކެކެވެ. އެ ހަމަލާ ދިން އިރު، އެ ފިހާރއިގެ ތެރޭގައި ބަޔަކު ނެތެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ފިހާރައިގެ ބިއްލޫރިތައް ތަޅާލީ މުޒާހަރާގެ ސައުންޑް ޕިކަޕް ހުއްޓުވައި މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރުމުން، ރުޅި އައިސްގެން އެ ގޭ ކައިރިއަށް ވެސް އެ ތަނުން ބަޔަކު އެއްވި ވަގުތު އެތަނުގެ ތެރޭގައި ތިބި ގްރޫޕަކުންނެވެ. އަދި އެ މީހުން ގާބުރިއަކުން ޖަހައި ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ވަނީ ފިލާފައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭގެ ތެރެއިން ބަޔަކު ކޮމިޝަނަރުގެ ގޭގެ ދިރުގައި ފައިން ތަޅައި އެ ގޭގެ ތެރެއަށް ވަދެ ގަންނަން ވެސް މަސައްކަތް ކުރި ކަމަށް ބައެއް މީހުން ބުނެ އެވެ.
އެކަމަކު މުޒާހަރާގެ ބައިވެރިންގެ ތެރެއިން ވާހަކަ ދެއްކި ބައެއް މީހުން ބުންނަނީ، އެކަން ކުރީ އެ ވަގުތު އެ ސަރަހައްދަށް ސައިކަލްތަކެއްގައި ކުއްލި އަކަށް އައިސް ވަދެގެން ގްރޫޕަކުން ކަމަށެވެ. އަދި އެއީ މުޒާހަރާޔާ ގުޅުން ހުރި ބައެއް ނޫން ކަމަށް ވެސް އޭނާ ބުންނެވެ.
ކޮމިޝަނަރު ދިރިއުޅުއްވަނީ ވެސް އެ ގޭގަ އެވެ. ނަމަވެސް އެ ވަގުތު ކޮމިޝަނަރު ގޭގައި ނޫލުއްވާ ކަމަށްވެ އެވެ.
ސަރުކާރުން އަނިޔާވެރިވާ ކަމަށް ބުނެ އަދާލަތު ޕާޓީ އިސްވެ އޮވެ، އެމްޑީޕީ އަދި ޖޭޕީގެ އިސް ފަރާތްތަކުން ފަރުދީ ހައިސިއްޔަތުން ބައިވެރިވެގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަންނަނީ މުޒާހަރާތަކެއް ބާއްވަމުންނެވެ. އެ މުޒާހަރާތަކުގެ މައިގަނޑު އަމާޒަކީ ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާގެނައުމެވެ.