ދުނިޔެ

މިސްކިތް ތަޅައިލި މައްސަލަ ވާހަކަ ދައްކައިގެން ނިންމަން ގޮވާލައްވައިފި

Mar 21, 2017
1

އިންޑިއާގެ އުއްތަރުޕްރަދޭޝްގައިވާ ތާރީހީ ރަށެއް ކަަމަށްވާ އަޔޯދިޔާގައި މަޝްހޫރު ބާބުރީ މިސްކިތް ހުރި ތަނުގެ މިލްކުވެރިކަމާ މެދު މުސްލިމުންނާ ހިންދޫންނާ ދެމެދު އޮތް ޒަމާންވީ ދެބަސްވުމުގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރަން އެގައުމުގެ ސުޕްރީމް ކޯޓުން އެދިއްޖެ އެވެ.

ހަރުކަށި ހިންދޫންގެ ބަޔަކު ބާބުރީ މިސްކިތް ތަޅައިލީ 1992 ވަނަ އަހަރު އެވެ. އެ ހާދިސާއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 2000 މީހުން މަރުވި އެވެ.

މިސްކިތް ހުރި ތަނަކީ ހިންދޫއިންގެ ކަލާނގެއެއް ކަމަށް ބުނާ މީހަކު އުފަންވީ ތަން ކަމަށާއި އެތަން ލިބެން ޖެހޭނީ ހިންދޫއިންނަށް ކަމަށް އެމީހުން ދަނީ ދައުވާކުރަމުންނެވެ. މުސްލިމުން ބޭނުންވަނީ އެތަނުގައި އާ މިސްކިތެއް ބިނާ ކުރާށެވެ.

އެ މައްސަލަ އައްލާހު އާބާދުގެ ހައިކޯޓަށް ބަޔަކު ހުށަހެޅުމުން ދިގު ދެމިގެން ދިޔަ ޝަރީއަތަކަށް ފަހު 2010 ވަނަ އަހަރު ހުކުމް ކުރީ ބާބުރީ މިސްކިތް ހުރި ތަނުގެ ބިމުގެ ތިންބައިކުޅަ ދެބައި ހިންދޫއިންނަށް ދިނުމަށާއި އަނެއްބަައި މުސްލިމުންނަށް ދިނުމަށެވެ. އެ ތަނަކީ ހިންދޫއިންގެ "ރާމް" ނަމަކަށް ކިޔާ ކަލާންގެއެއްގެ ކަމަށް ބުނާ މީހާގެ އުފަން ތަން ކަމަށް ވެސް އެ ހުކުމުގައި ވެއެވެ. އެ ހުކުމް ދެބައިމީހުން ވެސް އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރިއެވެ. ސުޕްރީމް ކޯޓުން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމައްސަލައިގެ އަޑު އެހުންތައް ބާއްވަމުންނެވެ.

ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން އިންޑިއާގެެ އުއްތަމަ ފަނޑިޔާރު ޖަގްދީޝް ސިން ކިހާރު ގޮވައިލެއްވީ މައްސަލައިގެ އަޑު އެހުންތައް ކޮންމެ ދުވަހު ބާއްވައި، އަވަހަށް މައްސަލަ ނިންމަން އެދެން ފެށުމުންނެވެ. ކިހާރު ވިދާޅުވީ އެފަދަ ޚައްސާސް މައްސަލަތައް ނިންމަން ވާނީ މަޝްވަރާކޮށްގެން ކަމަށެވެ. އެކަމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

އިންޑިއާގެ އެކި ކޯޓްތަކުގައި ބާބްރީ މިސްކިތުގެ މައްސަލަ ހިނގާތާ ގިނަ އަހަރުތަކެއް ވެފައި ވާއިރު އެ މައްސަލަ ކޯޓަށް ފުރަތަމަ ވެއްދި މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ މަރުވެފައެވެ.