ހަބަރު

ދެ ފަނޑިޔާރަކު ވަކިކުރަން ނިންމި ނިންމުން ގާނޫނު އަސާސީއާ ޚިލާފް: ސިވިލް ކޯޓު

Dec 13, 2014
2

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން ނިންމި ނިންމުން ގާނޫނު އަސާސީއާ ޚިލާފް ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކި ކުރުމާ މެދު ގޮތެއް ނިންމަން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފައި ވަނިކޮށް ސިވިލް ކޯޓުގެ ހަތް ފަނޑިޔާރަކު ސޮއި ކުރައްވާ ނެރެފައިވާ ގަރާރުގައި ވަނީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދެ ފަނޑިޔާރަކު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް މަޖުބޫރުކޮށްފައިވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އަދި އެއީ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމަށް ލިބިފައިވާ މިނިވަން ފުނޑުފުނޑުވެ މިނިވަންކަމާ އެކު ނިޔާ ކަނޑައަޅަން އޮންނަ ފުރުސަތު ގެއްލިގެންދާ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

މީގެ އިތުރުން އެ ގަރާރުގައި ވަނީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އެ ގައުމުގައި އަމަލުކުރި އުސޫލުތަކަށް ވެސް ރިއާޔަތްކޮށްފަ އެވެ. އެގޮތުން 1863 ވަނަ އަހަރު އެ ގައުމުގެ ސުޕްރީމް ކޯޓުގައި 10 ފަނޑިޔާރުން ތިއްބަވަނިކޮށް އެ އަދަދު ހަތަކަށް ދަށް ކުރުމަށް އެ ގައުމުގައި ވެސް ގާނޫނެއް ހެދި ކަމަށް އެ ގަރާރުގައިވެ އެވެ. ނަމަވެސް އޭރު ހެދި އެ ގާނޫނުގައި ފަނޑިޔާރުންގެ އަދަދު ދަށް ކުރުމަށް ބަޔާންކުރި އުސޫލަކީ އެ ކޯޓުން ފަނޑިޔާރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އިތުރު ފަނޑިޔާރަކު އެ ގޮނޑިއަށް ނުނެގުން ކަމަށް އެ ގަރާރުގައިވެ އެވެ.

އެ ގާނޫނަށް އަމަލު ކުރުމުގެ ގޮތުން އެ ގައުމުގައި އެއްވެސް ފަނޑިޔާރަކު ވަކިކޮށްފައި ނުވާއިރު އޭގެ ދެ އަހަރު ފަހުން އެ ކޯޓުގެ ދެ ފަނޑިޔާރަކު މަރުވުމުން އެ އަދަދު އަށަކަށް ދަށްވި ނަމަވެސް ހަތް ފަނޑިޔާރުންނަށް އެ އަދަދު ދަށްނުވާ ކަމަށް އެ ގަރާރުގައިވެ އެވެ. ނަމަވެސް ފަހުން އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކަށް އިތުރުކުރި ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

"މިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ނިސްބަތްވާ ފަނޑިޔާރުންގެ ގޮތުގައި ތިބެ މިކަމާ މެދު ބަހެއް ބުނުމަކީ ދިވެހިރާއްޖޭގައި ގާއިމް ކުރެވިފައިވާ ދިމިގްރާތީ އަދި ގަޟައީ ނިޒާމުގެ ތާރީޚަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވާތީ އާއި އަދި ބަހެއް ނުބުނެ ހަނު ތިބުމަކީ ވެވޭ އިހުމާލެއް ކަމުގައި ވާނެތީ މިކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ނިންމައިފީމެވެ." ނުވަ ފަނޑިޔާރުން ތިއްބަވާ ސިވިލް ކޯޓުގެ ހަތް ފަނޑިޔާރަކު ސޮއި ކުރައްވާ ނެރެފައިވާ އެ ގަރާރުގައިވެ އެވެ.

މިހާރު ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދު ކުރުމުގެ ގޮތުން އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާ އެކު އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވީ ޖުޑިޝަލް ސާވިސް ކޮމިޝަން)ޖޭއެސްސ( އިން ނެވެ. ގާނޫނަށް ގެނައި އެ އިސްލާހު ބުނާގޮތުން ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުންގެ ނަން މަޖިލީހަށް ފޮނުވާނީ ޖޭއެސްސީންނެވެ.