- ފޯރަމްގައި ރާއްޖެއިން ބައިވެރިވޭ
- މެގަ ޕްރޮޖެކެޓްތަކަށް އެހީވާނެ ގޮތް ކަނޑައަޅާނެ
- 50 އަށްވުރެ އިގްތިސޯދީ ޒޯން ތަރައްގީ ކޮށްދޭނެ
(ޗައިނާގެ ބީޖިންއިން: އާމިނަތު އިބްރާހިމް) -- ޗައިނާގެ ވިޔަފާރީގެ ނާރެސް ދުނިޔެއަށް ފުޅާކުރަން ފަށާފައިވާ ސިލްކް ރޯޑް، ނުވަތަ "ވަން ބެލްޓް ވަން ރޯޑް" މަޝްރޫއުގެ ދަށުން މެންބަރު ގައުމުތަކުގެ މެދުގައި ކުރި ވިޔަފާރީގެ އަދަދު އެތަކެއް ބިލިއަން ޑޮލަރަށް އަރާފައިވާ އިރު، މި އަހަރަކީ ސިލްކް ރޫޓްގެ ގައުމުތަކަށް އިގްތިސޯދީގޮތުން ފަހި އަހަރަކަށް ވާނެ ކަމަށް ޗައިނާގެ އިކޮނޮމިކް މިނިސްޓަރު ޒޯން ޝަން ވިދާޅުވެއްޖެ އެވެ.
ވެރިރަށް ބެއިޖިން ގައި ބުދަ ދުވަހު 3000 އަށްވުރެ ގިނަ ނޫސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އޮންލައިން ވަނީ ބައިވެރިވެފަ އެވެ.
އެކާވީސް ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓު މަޝްރޫ އާއި އެއާ ގުޅިފައިވާ އިގްތިސޯދީ ބެލްޓްގައި ހިމެނޭ ގައުމުތަކުގައި އެކަމުގެ އިންފްރާސްޓްރަކްޗާ ބިނާ ކޮށްދިނުމަށް ދިހަ އަހަރު ތެރޭގައި 2.5 ޓްރިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރަން ޗައިނާއިން ވަނީ އަމާޒު ހިފާފަ އެވެ. އަދި ކުރިއަށް އޮތް ތާނގައި އެކި ގައުމުތަކުގައި ފަންސާހަށްވުރެ ގިނަ އިކޮނޮމިކް ޒޯން ތަރައްގީ ކުރަން އެހީވެދޭން ޗައިނާއިން ނިންމާފައިވާއިރު، އެ ކަންކަމާ ގުޅޭ މަޝަވަރާތައް ކުރަން މެންބަރު ގައުމުތަކުގެ އިސް ލީޑަރުންގެ ފޯރަމެއް އަންނަ މޭ މަހު ބެއިޖިންގައި ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.
އެ ފޯރަމްގައި ރާއްޖޭގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ފޯރަމް ކުރިއަށްދާނީ މޭމަހުގެ 14 އަދި 15 ވަނަ ދުވަހު އެވެ. ފޯރަމަށް ދީފައިވާ ނަމަކީ "ބެލްޓް އެންޑް ރޯޑް" އެވެ.
އިއްޔެގެ ބައްދަލުވުމުވުގައި މިނިސްޓަރު ޒޯން ވިދާޅުވީ، މޭ މަހުގެ ފޯރަމް ވެގެންދާނީ ސިލްކް ރޫޓްގެ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާ ބެހޭ ގޮތުން ބިނާކުރުވަނިވި މަޝްވަރާތައް ކޮށް، އެކި ގައުމުތަކުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ހުޅުވާލެވޭނެ ވަރަށް ބޮޑު ޕްލެޓްފޯމަކަށް ކަމަށެވެ. ސިލްކް ރޫޓް މަޝްރޫއަކީ ޗައިނާއިން ފެށި މަޝްރޫއެއް ނަމަވެސް މެންބަރު ގައުމުތަކަށް ގިނަ މަންފާތަކެއް އޭގެ ސަބަބުން ކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
"އިކޮނޮމިކް ޒޯންތައް ބިނާކުރަން ކުރެވުނު އިންވެސްޓްމަންޓްތަކުގެ އަދަދު 18.5 ބިލިއަނަށް އަރައިފި. މިއީ ޗައިނާ އިން ފެށި މަޝްރޫއެއް ނަމަވެސް މެންބަރު ގައުމުތަކަށް އިގްތިސޯދީ ނަފާ އެތައް ގުނައެއް އިތުރުވެގެންދާނެ،" ޒޯން ވިދާޅުވި އެވެ.
ފޯރަމްގައި ގައުމުތަކުގެ އިސް ވެރިންނާއި މިނިސްޓީރިއަލް ފެންވަރުގެ 100 އަށްވުރެ ގިނަ ބޭފުޅުންގެ އިތުރުން ބައިނަލް އަގުވާމީ ޖަމިއްޔާ ތަކުގެ އެތަކެއް ސަތޭކަ އިސް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޒޯން ވިދާޅުވީ، އެ ފޯރަމްގެ އެންމެ މައި އަމާޒަކަށް ވާނީ ގައުމުތަކުން ކުރިއަށްގެންދަން ބޭނުންވާ މެގަ ޕްރޮޖެކްޓްތަކަށް އެހީވާނެ ގޮތް ކަނޑައެޅުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއެއް ގައުމުތަކުގެ މެދުގައި ގާއިމްކުރާނެ ގޮތުގެ އަމަލީ ޕްލޭންތަކެއް އެކުލަވާލުން ކަމަށެވެ.