ދުނިޔެ

މެޑިޓަރޭނިއަން ކަނޑުގައި ހާލު ޖެހުނު 6000 ރެފިއުޖީން ސަލާމަތްކޮށްފި

Mar 21, 2017

ލީބިޔާއިން އިޓަލީއަށް ދާން މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ފާއިތުވި މަދު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސަލާމަތް ކުރެވިފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން ( އައިއޯއެމް) އިން ބުނެފިއެވެ.

އައިއޯއެމްގެ ތަރުޖަމާނު ޖޮއެލް މިލްމަން ވިދާޅުވީ ކަނޑު ހުރަސްކުރަން އުޅުނު ރެފިއުޖީންގެ ތެރެއިން މިއަހަރުގެ މިހައި ތަނަށް 500 މީހުން މަރުވެސް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާ ގިނަ ބަޔަކު މިހާ ގިނަ ބަޔަކު ކަނޑު ހުރަސްކުރަން މަސައްކަތް ކުރީ މޫސުން ރަނގަޅުވުމުން ކަމަށެވެ. މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ހިޖުރަ ކުރަން މިހާރު މީހުން އަންނަނީ ދުވަހަކުވެސް ދެކެފައި ނުވާ ފަދަ މިންވަރަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލީބިޔާ އިން ޔޫރަޕަށް ގަވައިދާ ހިލާފަށް މީހުން އުފުލާ މީހުން ހުއްޓުވަން ލީބިޔާއަށް އެހީވާނެ ކަމަށް އިޓަލީއާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގެ އޮފިޝަލުން ހޯމަ ދުވަހު ވަނީ ވައުދުވެފައެވެ. ހިޖުރަކުރާމީހުންގެ ހަބަކަށް ލީބިޔާ ވެފައި ވަނީ އެގައުމުގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލައި އެގައުމުގައި ދާހިލީ ހަނގުރާމައެއް ފެށުމުންނެވެ. އޭގެ ފަހުން އެގައުމުގެ އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ހަނގުރާމަވެރި އެކި ޖަމާއަތްތަކުންނެވެ.

މެދުއިރުމަތީގައި ހިނގާ އެކި ހަނގުރާމަތަކުން ސަލާމަތްވުމަށް މިއަހަރުގެ މިހައިތަނަށް 16248 މީހުން އިޓަލީއަށް ވަނީ ހިޖުރަކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އެގައުމަށް ދިޔައީ 13825 މީހުންނެވެ. ޔޫރަޕްގެ އެކި ސަރަހައްދުތަކަށް މިއަހަރު ޖުމްލަ 20484 މީހުން ހިޖުރަކޮށްފައި ވެއެވެ. މިދިޔަ އަހަރު 160331 މީހުން ޔޫރަޕަށް ހިޖުރަކުރިއެވެ.