ސްވައިން ފްލޫ

ފްލޫ ކްލިނިކުން ފަރުވާ ހޯދާ މީހުން އަދަދު ދަށަށް

ހުމާއި ރޯގާ އިތުރުވަމުންދާތީ، ހުޅުވި ފްލޫ ކްލިނިކްތަކުން ފަރުވާ ހޯދާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފި އެވެ. ފްލޫ ކްލިނިކް ހުޅުވާފައި ވަނީ އޭޑީކޭ، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް ދައްކާފައިވަނީ 272 މީހުންނެވެ. އޭގެ ކުރީ ދުވަހު 316 މީހުން ދެއްކިއިރު އާދިއްތަ ދުވަހު ދެއްކީ 374 މީހުންނެވެ.

ސޯސަންގޭގައި ހުރި އޭޑީކޭ ފްލޫ ކްލިނިކަށް އިއްޔެ ދައްކާފައިވަނީ 104 މީހުންނެވެ. އޭގެ ކުރީ ދުވަހު 167 މީހުންނެވެ. ހުޅުމާލެ ފްލޫ ކްލިނިކަށް އިއްޔެ 30 މީހުން ދެއްކިއިރު ހޯމަ ދުވަހު ދެއްކީ 26 މީހުންނެވެ.

އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުގައި ހުމާއި ރޯގާ ޖެހިގެން ދެއްކި މީހުންގެ ތެރެއިން މި އަހަރުގެ މިހާތަނަށް އެޗް1އެން1 އަށް ޕޮޒިޓިވްވެފައިވަނީ 169 މީހުންނެވެ. އެޗް1އެން1 ޖެހިގެން މަރުވެފައިވަނީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. އެޗް1އެން1 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މި ވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 33 މީހަކަށެވެ.

އަތޮޅުތަކުގައި ހުމާއި ރޯގާއަށް އިއްޔެ ވަނީ 867 މީހަކު ފަރުވާ ހޯދާފަ އެވެ. އޭގެ ކުރީ ދުވަހު ފަރުވާ ހޯދީ 887 މީހުންނެވެ.