ދުނިޔެ

އުތުރު ކޮރެއާގެ މިސައިލް ޓެސްޓް މިފަހަރު ނާކާމިޔާބު

Mar 22, 2017

އުތުރު ކޮރެއާއިން އިއްޔެ ކުރި މިސައިލް ޓެސްޓެއް ނާކާމިޔާބުވެފައިވާ ކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އުތުރު ކޮރެއާއިން އިއްޔެ ޓެސްޓްކުރި މިސައިލް އުދުއްސައިލުމާއެކު ގޮވާފައިވާ ކަމަށެވެ.

އުތުރު ކޮރެއާއިން މިސައިލެއް އުދުއްސާލަން އިއްޔެ މަސައްކަތް ކުރީ އެ ގައުމުގެ އިރުމަތީ އައްސޭރީގައިވާ ވޮންސޭން ނަމަކަށް ކިޔާ ރަށުގެ ކައިރި ސަރަހައްދަކުންނެވެ. އެ ގައުމުން މިދިޔަ އަހަރު ކާމިޔާބު ކަމާއެކު މިސައިލްތަކެއް ޓެސްޓްކުރީ ވެސް ހަމަ އެ ސަރަހައްދުގަ އެވެ.

"އުތުރު ކޮރެއާއިން މިސައިލެއް ފޮނުވައިލަން އުޅެ ނާކިޔާބުވުން ކަމަށް އަހަރެމެންނަށް ގަބޫލުކުރެވޭ ކަމެއް ކަލްމާގެ ކައިރިން ޔޫއެސް ޕެސިފިކް ކޮމާންޑަށް ވަނީ ފާހަގަވެފައި،" އެމެެރިކާގެ ޕެސިފިކް ކޮމާންޑްގެ ތަރުޖަމާނު ޑޭވް ބެންހަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ. ކަލްމާއަކީ ވޮންސެން ގެ ކައިރީގައިވާ ވައިގެ މަރުކަޒެކެވެ.

އުތުރު ކޮރެއާއިން ވަނީ މިމަހުގެ ހަވަނަ ދުވަހު ހަަތަރު ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފަ އެވެ. އަދި މިހަފްތާގައި އެ ގައުމުން ވަނީ ރޮކެޓް އިންޖީނެއް ވެސް ޓެސްޓް ކޮށްފައެވެ. އެގައުމުގެ ލީޑަރު ކިމްޖޮން އުން ވިދާޅުވެފައި ވަނީ އެއީ އެގައުމުގައި ރޮކެޓް އުފެއްދުމުގެ ސިނާއަތުގެ ފެށުން ކަމަށެވެ.

އުތުރު ކޮރެއާއިން ސަރަހައްދަށް ބިރުވެރިކަން ވެރިކުރާ މައްސަލަ ހައްލު ކުރާނެ ގޮތަކާބެހޭ ގޮތުން އެމެރިކާއާއި ޗައިނާއިން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަމުންދާ ކަމަށް ވެސް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ.