އިތުބާރު ނެތް ކަމުގެ މައްސަލަ

ވޯޓް ނަގަނީ މަސީހުގެ މައްސަލަ އޮވެގެނެއް ނޫން، ވެރިކަން ހޯދަން: ރައީސް

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ފާސް ކުރަން އުޅެނީ މަސީހުގެ މައްސަލައެއް އޮވެގެނެއް ނޫން ކަމަށާއި އެއީ ވެރިކަމަށް ދަހިވެތިވެ މިހާރުގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ހަވާލު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ބައިވެރިވެ ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށަހަޅާފައިވާ ސަބަބުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ މަސައްކަތަކީ ސަރުކާރަށް ދަތި ކުރުމަށްޓަކައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މަސީހުގެ މައްސަލަ ހުށަހަޅައިގެން އުޅެނީ ސަރުކާރު ބަދަލު ކުރަން ކަމަށާއި ނަމަވެސް އެކަން ކުރަން ތިބީ އެއް ގަލަކަށް އަރާނެ ބައެއް ވެސް ނޫން ކަމަށެވެ.

"މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަކީ މަސީހުގެ މައްސަލައެއް އޮވެގެން ކުރާ ކަމެއް ނޫން. އެ އުޅެނީ ސަރުކާރާ ދޭތެރޭ ވަރަށް ބޮޑަށް ހަސަދަވެރިވެގެން،" ރައީސް ވިދާޅުވި އެވެ. "[އިދިކޮޅުގައި] މި އުޅެނީ މުޅިން ތަފާތު ފިކުރުތަކެއް. އެއްގަލަށް އަރައި އެ ތިބެނީ އެންމެ ކަމަކަށް. އެ ހުރިހާ އެންމެން އެއްވެގެން މި ވެރިކަން ނިމުމަކަށް ގެންނަން. އޭގެ ފަހުން ކާކުތޯ ވެރިކަމަށް އަންނާނީ ތަޅާ ފޯޅާނީ. އެގޮތަށް ތަޅާ ފޮޅައިގެން އެ ބޭފުޅުންގެ ތެރެއިން އެކަކު ނުގެނެވޭނެ. އެ މަގާމް ބޭނުންވާ މީހުން ވެސް މާ ގިނަ. އެހެންވެ އެކަމެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭގެ ޕީޖީ ގްރޫޕުގެ މެންބަރުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ ޒިންމާދާރު ކަމާއެކުގައި ކަމަށާއި 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާއިރު ދާއިރާތަކުގެ ރައްޔިތުން އެ މެންބަރުން ކުރެއްވި މަސައްކަތްތައް ބަލައިގަންނާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕާއި އެ ޕާޓީގެ މެންބަރުންނަކީ ނަޒާހަތްތެރި ބޭފުޅުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު މަޖިލީހުގައި ނަގާ ވޯޓަކީ ޕީޕީއެމަށް ފަސޭހަ ވޯޓަކަށް ވެގެން ދާނެ ކަމަށެވެ.