ޑރ. މުހައްމަދު މުއިއްޒު

ރައީސް މަގާމުން ވަކިކުރަން ސޮއި ހަމަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި އެމްޑީޕީން ހަމަކޮށްފި އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަގާމުން ދުރުކުރަން ނިންމީ މިއަދު ބޭއްވި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހަމަވެފައިވާކަން މެންބަރު ވަނީ ޔަގީންކޮށްދީފަ އެވެ.

"މަޖިލީހަށް މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ވަނީ ހަމަވެފަ،" މެންބަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން މަސައްކަތް ފަށާފައި މިވަނީ ރައީސް އެކުލަވާލައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާ ޕީޕީއެމް ޕީއެންސީން ހުއްޓުވާފައި ވަނިކޮށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ އެވެ.