މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ ޖަލްސާ ދޫކޮށް މެންްބަރުން ނުކުމެއްޖެ

May 25, 2022
1

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބާއްވަން ތާވަލް ކުރި ޖަލްސާއިން މެންބަރުން ވޯކްއައުޓް ކުރެއްވުމުގެ ސަބަބުން ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތެއް ނުވެ ނިންމާލަން ޖެހިއްޖެ އެވެ.

ކައުންސިލްގެ ޖަލްސާއެއް މިއަދު ތާވަލުކޮށްފައި ވަނީ ނޫސްވެރިންގެ އިނާމްގެ ކަންކަން ނިންމުމާއި މީޑިއާ ބިލާ ބެހޭ ގޮތުން ކަމަށް ވެއެެވެ.

އަވަސް އެނގިފައިވާ ގޮތުގައި މެންބަރުން ޖަލްސާ ދޫކޮށްލެއްވީ ކައުންސިލްގެ ރައީސް، ޝަހުބާން ފަހުމީގެ މައްޗަށް މި ހަފުތާގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓްގައި އޭނާ ހަނި ގޮތަކަށް ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް މެންބަރުންގެ އިތުބާރު ނެތް ރައީސަކާއެކު ޖަލްސާގައި ބައިވެރި ވަޑައިގެންނަވަން ބޭނުން ނުވާ ކަން ޖަލްސާގައި ހާމަ ކުުރުމަށް ފަހު އެވެ.

މިއަދު ޖަލްސާއަށް ވަޑައިގަތީ ކައުންސިލްގެ ރައީސާއެކު 10 މެންބަރުންނެވެ. ޖަލްސާގައި ރިޔާސަތުން އަންގަން ބޭނުންވާ ވަހަކަތަކައް އިއްވުމާއެކު އަނެއް ނުވަ މެންބަރުން ޖަލްސާ ދޫކުރައްވައި ވަޑައިގަތީ އެވެ. އެގޮތަށް އެކަން ހިނގައި ދިޔަ ކަމަށް ކައުންސިލްގެ އިސް ވެރިޔަކު ވެސް މިއަދު ވިދާޅުވި އެވެ.

އެމްއެމްސީގެ ބައެއް މެންބަރުން، ކައުންސިލްގެ ރައީސް ޝަހްްބާން އާއި މެދު ހިތްހަމަ ނުޖެހިފައިވާއިރު ރާއްޖޭގެ މީޑީއާގެ ބައެއް ފަރާތްތަކުން ވެސް ދަނީ ޝަހުބާން ކައުންސިލްގެ ރައީސް ކަމުގައި ހުންނެވުމާމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނަމުންނެވެ.

ކައުންސިލްގެ ގިނަ މެންބަރުންތަކެއް އެކުވެގެން ޝަހުބާން ރައީސް ކަމުން ދުރު ކުރުމުގެ މަސައްކަތް ފެށީ އޭނާގެ ބައިވެރިވުން އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހިންގި ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދެކޭތީ އެވެ. އަދި އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައި ވާތީ އެވެ.